ޚަބަރު

ސުޕްރީމް ކޯޓަށް ހާޒިރުކުރީ، އެކޯޓާބެހޭގޮތުން ވާކަދެއްކި ސަބަބު ހޯދަން: ސުއޫދު

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރަން ޖެހޭކަމަށް ވިދާޅުވެ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނު ސުއޫދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން މިއަދު އޭނާ ސުޕްރީމް ކޯޓަށް ހާޒިރުކުރީ، އެވާހަކަ ދެއްކެވި ސަބަބު ހޯއްދެވުމަށް ކަމަށް ސުއޫދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް މިއަދު 1:00 އަށް އެ ކޯޓަށް ހާޒިރުވެ ވަޑައިގެންނެވުމަށްފަހު، ކޯޓުން ނިކުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރަން ޖެހޭކަމަށް ވިދާޅުވެ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ދެއްކެވި ވާހަކަތަކާ ބެހޭގޮތުން ސުޕްރީމް ކޯޓުން ސުވާލު ކުރީ އެއީ ވަކި ނަތީޖާއެއް ހޯދަން ދެއްކި ވާހަކައެއްތޯ ކަމަށެވެ.

"އެވާހަކަ ދެއްކި ސަބަބު އެބޭފުޅުން އޮޅުން ފިލުއްވަން ބޭނުންވީ، ވަކި ނަތީޖާއެއް ހާސިލްކުރަން ދެއްކި ވާހަކެއްތޯ ނުވަތަ ނޫންތޯ، އެއީ ދެން މައިގަނޑު ގޮތެއްގަ ކުރެއްވި ސުވާލަކީ،" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ، އެއީ ވަކި ނަތީޖާއެއް ހާސިލްކުރަން ދެއްކި ވާހަކެއްނޫން ކަމަށާއި، އެވާހަކައަކީ، ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ތެރެއިން އަމިއްލަ ބުއްދިއަށް ފެނިގެން އަމިއްލައަށް ދެއްކި ވާހަކައެއް ކަމަށް ސުޕްރީމް ކޯޓުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެ ޕްރޮގްރާގައި ދެއްކި ވާހަކަ މިހާރުވެސް ފެންނަން ހުންނާނެކަމަށް ސުޕްރީމް ކޯޓުގައި ވިދާޅުވިކަމަށެވެ.

ސުއޫދު ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް ހިތައްއެރި ކޮންމެ ފަހަރަކު ގާނޫނު އަސާސީން ލިބިފައިވާ އެ ހައްގުގެ ބޭނުން ކުރައްވާނެ ކަމަށެވެ. އަދި ހުރިހާ ރައްޔިނުންނަށް ގާނޫނުއަސާސީން ދީފައިވާ އެ މިނިވަންކަމުގެ ބޭނުން ނުހިފައި އަމިއްލައަށް ތަޅު ލެވިގެން ހުރުމަކީ ވަރަށް ހެއްވާ ކަމެއް ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

"ހުރިހާ ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިފައިވާ އެ ހައްގުގެ ބޭނުން ކުރާނަން ހިތައްއެރި ކޮންމެފަހަރަކު،" ސުއޫދު ވިދާޅުވިއެވެ.

މިމަހުގެ 22 ވަނަ ދުވަހު ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެއްވެސް އިތުބާރެއް ނެތް ކަމަށާއި އެ ހުރިހާ ފަނޑިޔާރުން މަގާމުން ދުރުކުރަން ޖެހޭ ކަމަށެވެ.