މުހައްމަދު އަމީތު

ރައީސް ޔާމީނުގެ ސައިޒަކީ ބަރާބަރު 15 މީހުން: އަމީތު

1

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ތާއީދުކުރާ މީހުންގެ އަދަދު ހަގީގަތުގައި ވަރަށް މަދު ކަމަށާއި އެމަނިކުފާނުގެ ސައިޒަކީ ބަރާބަރު 15 މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ރައްޔިތުންގެ ހުކުމް" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އަމީތު ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުން ރައީސް ޔާމީނަށް ހަގީގަތުގައި ލިބުނު ވޯޓުގެ އަދަދަކީ 96000 ވޯޓު ނޫން ކަމަށާއި އެ ވޯޓުތަކަކީ މަގާމުގެ ބޭނުންކޮށްގެން ނާޖާއިޒު ނުފޫޒުތަކެއް ފޯރުވައިގެން ހޯދިހާ ވޯޓުތަކެއް ކަން އެނގޭ ކަމަށެވެ.

"ހަގީގީ ޔާމީނުގެ ސައިޒު އަޅުގަނޑުމެންނަށް މިހާރު އެ ބާއްވާ މުޒާހަރާތަކުން އެ ފެނިގެންދަނީ. އެއީ ބަރާބަރު 15 މީހުން. ޔާމީނަކީ 15 މީހުންގެ ސައިޒުގެ މީހެއް މި ރާއްޖޭގައި. ޔާމީނަށް ތާއިދުކުރާ ބަޔަކު ނެތް. 2013ގެ އިންތިހާބަށް ރައީސް ޔާމީން ކުރިމަތިލީ އިރުވެސް ޔާމީނަކީ ރާއްޖޭގެ ރައްޔިތުން ދަންނަ މީހެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް 2013ގެ އިންތިހާބު ކާމިޔާބުކުރެވުނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ތާއީދުކުރެއްވި މީހުންނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ތާއީދުކުރެއްވި މީހުންނާއި، ޑރ. މުހައްމަދު ޖަމީލް އަހްމަދަށް ތާއީދު ކުރެއްވި މީހުން އަދި ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ތާއީދުކުރި މީހުންގެ ވޯޓުން ކަމަށެވެ.

"ޔާމީނަށް ވޯޓުލީ ރައީސް މައުމޫނަށް ތާއީދުކުރި މީހުންނަށް ތާއީދުކުރި މީހުންނާއި، ގާސިމް އިބްރާހީމަށް ތާއީދުކުރި މީހުންނާއި، ޑރ. ޖަމީލަށް ތާއިދުކުރި މީހުންނާއި، މިހެން ގޮސް އޭރު ޔާމީނަށް ތާއީދުކުރި ކޯލިޝަންގެ ތެރޭގައި ހިމެނޭ ލީޑަރުންނާއި ޕާޓީތަކަށް ތާއިދުކުރި މީހުންގެ ވޯޓު ލިބިގެން ޔާމީނަށް އިންތިހާބު ކާމިޔާބުކުރެވުނީ. އޭގެ ނަތީޖާ ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ނިންމާފަ، އަނެއްކާ ވޯޓު ބާތިލްކޮށްފި ކަމަށްބުނެ ޔާމީނަށް މަގުމައްޗަށް އެއްކުރެވުނީ ބަރާބަރު 15 މީހުން. އެހެންވީމަ ޔާމީނުގެ ސައިޒަކީ މި ރާއްޖޭގައި 15 މީހުން،" އޭނާ ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ރައީސް ޔާމީން ބަލިގަބޫލު ނުކުރައްވައި ސުޕްރީމް ކޯޓަށް ގޮސްދާނެ ކަމަށް ކުރިން ވެސް ބެލެވުނު ކަމަށާއި އެއީ ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނިވަޑައިގަންނަވާ އައު މަންޒަރުތަކެއް ނޫން ކަމަށެވެ.

"ހަގީގަތުގައި މުޅި ކެމްޕޭނުގެ ތެރޭގައި ވެސް އަދި ކެމްޕޭނުގެ ކުރިން ވެސް އަޅުގަނޑުމެން ތައްޔާރުވަމުން އައީ ހަމަ މި ހާލަތު މެދުވެރިވެދާނެ ކަމަށް ބަލައިގެން. އަޅުގަނޑުމެންނަށް އެނގޭ ޔާމީނަކީ ބަލިގަބޫލުކުރާނެ މީހެއް ނޫންކަން. އަދި ރައްޔިތުންގެ ނިންމުން ހަޖަމުކުރެވޭނެ ވަރުގެ ގާބިލްކަން ހުރި މީހެއް ނޫން ކަންވެސް އަޅުގަނޑުމެންނަށް އެނގޭ. އެހެންވީމާ ޔާމީން ސުޕްރީމް ކޯޓަށް ހިނގައިދާނެ ކަމާއި ބަލިގަބޫލު ނުކޮށްފާނެ ހާލަތެއް އަތުވެދާނެ ކަމާއި، މިހުރިހާ ކަންކަމަކަށް އަޅުގަނޑުމެން ހަގީގަތުގައި މިތިބީ ތައްޔާރުވެގެން،" އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލުކޮށް އަލުން އިންތިހާބު ބޭއްވުމުގެ އަމުރަކަށް އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް އިއްޔެ ވަނީ ނިންމާލައިފައެވެ. ދެން އޮތީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.