އެމިރޭޓްސް

އެމިރޭޓްސްއިން އެންމެ ފަހުގެ ބޯއިން މަތިންދާ ބޯޓުގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

މުހައްމަދު އައުޒަމް

އެމިރޭޓްސްއިން އެންމެ ފަހުގެ ބޯއިންގ މަތިންދާ ބޯޓުގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފިއެވެ.

ޖޫން މަހުގެ އެކަކުން ފެށިގެން އެމިރޭޓްސްއިން ރާއްޖެއަށް ކުރާ ބައެއް ދަތުރުތަކުގައި އެންމެ ފަހުގެ ބޯއިންގ 777-300 އީއާރް ބޭނުންކުރަން ހަމަޖެހިފައިވާއިރު މިއީ ސައުތު އޭޝިއާ ސަރަހައްދުގައި އެމިރޭޓްސްއިން މި ބޯޓު ބޭނުން ކުރާ ފުރަތަމަ ފަހަރެވެ.

އެމިރޭޓްސްއިން އެންމެ ފަހުގެ ބޯއިންގ ގެ ބޯޓު ބޭނުން ކުރަން ހަމަޖައްސައިފައި ވަނީ އެ އެއާލައިނުން ރާއްޖެ ދަތުރުކުރާ ޝެޑިއުލް ދަތުރުތަކުގެ ތެރެއިންް ހެނދުނު އޮންނަ EK658 އަދި EK659 ގެ ދަތުރުތަކުގައެވެ. EK658 ރާއްޖެއަށް ޖައްސާނީ ކޮންމެ ދުވަހެއްގެ ހެނދުނު 0930ގައެވެ. އަދި EK659 ފުރާނީ ހެނދުނު 11:00ގައެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު އުފައްދާފައިވާ ބޯއިންގ ފްލައިޓުގެ ފަސްޓް ކުލާހުގައި ސޫޓްތައް ހިމެނޭއިރު މުޅިން ފްލެޓް ކޮށްލެވޭ ސީޓުތައް ތަޖުރިބާކޮށްލެވެއެވެ. އަދި މިސީޓު ތަކުގައި ނާސާގެ ޓެކްނުލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ "ޒީރޯ ގްރެވިޓީ" ތަޖުރިބާ ކޮށްލެވެއެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ދަތުރުމަތީގައި މީހާ ލުއިކަމުގެ އިހުސާސު ކުރުވައެވެ. މީގެ އިތުރުން ފަސްޓް ކުލާސް ސޫޓުގައި ފަސިންޖަރު ބޭނުން ވަރަކަށް ފިނިހޫނުމިން ބަދަލުކުރެވެއެވެ. މީގެ އިތުރުން ވަރޗުއަލް ވިންޑޯގެ ތަޖުރިބާވެސް ކުރެވޭނެއެވެ. ވާޗުއަލް ވިންޑޯއިން ފްލައިޓުގެ މެދުގައި ހުންނަ ސޫޓް ތަކަށްވެސް ރިއަލްޓައިމް ކެމެރާގެ އެހީގައި ފްލައިޓުގެ ބޭރުބަލައިލެވެއެވެ.

އެންމެ ފަހުގެ ބޯއިންގ ފްލައިޓުގެ ބިޒްނަސް ކުލާހުން ލިބޭ ހިދުމަތްތައްވެސް ވަރަށް ތަފާތެވެ. ބިޒްނަސް ސީޓުތައް ޑިޒައިން ކޮށްފައިވަނީ ފަހުގެ ސްޕޯޓްސް ކާރެއްގެ އަރާމް ސީޓުތައް އަސްލަކަށް ބަލައިގެންނެވެ. މީގެ އިތުރުން ކެބިންގައި ޕްރައިވަސީ އިތުރުކުރުމުގެ ގޮތުން ޕެނަލްތަކެއް ހަރުކޮށްފައިވެއެވެ. އަދި ޕާސަނަލް މިނީ ބާއެއްގެ ހިދުމަތްވެސް ލިބެއެވެ.

އެމިރޭޓްސްއިން އެންމެ ފަހުގެ ބޯއިންގ ފްލައިޓުގެ ދަތުރުތައް މިހާރު ކުރަމުން އަންނަނީ ޔޫރަޕްގެ އިތުރުން މެދުއިރުމަތީ ގައުމުތަކަށެވެ.