ޚަބަރު

ހުސްނުއް ސުއޫދު މިއަދު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި

އިބްރާހިމް ޒަކީ

1

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަފުޅުތަކާއި ގުޅިގެން، މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސް، ހުސްނުއް ސުއޫދު މިއަދު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

އިއްޔެގެ ތާރީހުގައި ސުޕްރީމް ކޯޓުން ސުއޫދަށް ފޮނުވާފައިވާ ކޯޓަށް ހާޒިރު ވުމުގެ އަމުރުގައި ބުނެފައިވަނީ، މިއަދު މެންދުރު 1:15 އަށް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަމުރުކުރާ ކަމަށެވެ.

މި ޗިޓާއެކު ސުއޫދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގަޑިއަށް ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށާއި، ޖުޑިޝާރީ އިސްލާހު ކުރުމަށް ކުރައްވާ މަސައްކަތަށް ހުއްޓުމެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުން އިއްޔެ ބުނެފައިވަނީ، 22 އެޕްރީލް 2019 ވަނަ ދުވަހުގެ ރޭ، ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ޝަރުއީ ދާއިރާއާ ގުޅޭގޮތުން ޤާނޫނީ ވަކީލު އަލްއުސްތާޒު ހުސްނުއް ސުއޫދު ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާއިދާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާއިދުގެ ދަށުން އެ މައްސަލަ ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.

ރާއްޖެޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެއްވެސް އިތުބާރެއް ނެތް ކަމަށާއި އެ ހުރިހާ ފަނޑިޔާރުން މަގާމުން ދުރުކުރަން ޖެހޭ ކަމަށެވެ.

މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީގައި ކުރި ހުކުމާއި، ފަހެއް ފެބްރުއަރީއަށް ފަހު އަނެއްކާ އެ ހުކުމް ބަދަލުކުރުމާއި، މިކަންކަމަށް ބަލާއިރު ވަރަށް ބޮޑަށް އެ ފަނޑިޔާރުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެއްވެސް އިތުބާރެއް ނެތް. ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރަން އެބަޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެކެއް ފެބްރުއަރީ ހުކުމުގައި ސޮއިކުރެއްވި ބޭފުޅުން އޭގެ ދުވަސްކޮޅެއް ފަހުން މި ބުނަނީ ތިމަންނަމެން ނުފޫޒެއްގެ ދަށުވެގެން ކުރި ހުކުމްތަކެކޭ އެއީ، އޭގައި ސޮއިކުރެވުނީއޭ. އެއީ ގާބީލު ބައެއްތޯ، ނާގާބިލު ބައެއްތޯ އަޅުގަނޑުމެން ދިރާސާކޮށް ބަލަން އެބަޖެހޭ،" ސުއޫދު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟