ހޯމް ކެއަރ

މި ހައުސްހޯލްޑް ތަކެތި ތި ބޭނުން ކުރަނީ އެންމެ ރަނގަޅަށްބާ؟

ދިރިއުޅުމުގެ ބޮޑު ބައެއް ޓެކްނޮލޮޖީއަށް ޑިޕެންޑްވެފައިވާއިރު އެއާ ނުލައި ކަންތައް ކުރުމަކީ މިހާރު ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ބޭނުން ކުރެވޭ ހައުސްހޯލްޑް އައިޓަމްސް މި ބޭނުން ކުރަނީ އެންމެ އެދެވޭ ގޮތަށްބާ؟ މި އާޓިކަލްގައި އާންމުކޮށް ބޭނުން ކުރާ ހައުސްހޯލްޑް ތަކެތީގެ ބޭނުންތެރި ޓިޕްސް ތަކަކަށް ބަލައިލާނަމެވެ.

ފުޑް ކޮންޓެއިނަރސް

ގިނަ މީހުންނަށް ނޭނގިފަ އޮންނަ ކަމެކެވެ. ނަމަވެސް ސްޓީލް ނޫން އެހެން ހުރިހާ ފުޑް ކޮންޓެއިނަރސް ތަކަކީ މައިކްރޯވޭވަށް ލައިގެން ރީހީޓް ކުރަން ބޭނުން ކުރެވޭ އެއްޗެއްސެއް ނޫނެވެ. ޕްލާސްޓިކް ކޮންޓެއިނަރުތަކުގައި ހިމެނޭ ކެމިކަލް އަކީ ހޫނުވުމުން ކާނާއާ އެއްވެ، މީހާގެ ޓެސްޓޮސްޓެރޯން އަދި އެސްޓްރޮޖެން ލެވެލް އަށް އަސަރު ކުރާ އެއްޗެކެވެ. މިއީ ކެންސަރަށް މަގުފަހިވާ ދޮރެކެވެ. އެހެން ކަމުން "މައިކްރޯވޭވް ސޭފް' ނުވަތަ "ހީޓް" ޕްރޫފް ކޮންޓެއިނަރ ބޭނުން ކުރުމަށް އިހްތިޔާރު ކުރާށެވެ.

ދަތް އުނގުޅާ ބޭސް

ބުރުހުގައި ގިނައިން ބޭސް ހޭކީމާ ދަތް ބޮޑަށް ސާފުވާ ކަމަށް ހީކުރެވޭ ހެއްޔެވެ. މިއީ ގިނަބަޔަކަށް އޮޅިފައި އޮންނަ ކަމެކެވެ. ނަމަވެސް ޑެންޓިސްޓުން ބުނާ ގޮތުގައި ވީހާވެސް ކުޑަ ބޭސްކޮޅަކުން ދެވަރަކަށް މިނެޓް ރީއްޗަށް ދަތް އުނގުޅައިލެވޭނެއެވެ. މާގިނައިން ބޭސް ބޭނުން ކުރާ ކަމުގައި ވާނަމަ ހިރުގަނޑުގެ މައްސަލަތަކާ ކުރިމަތިވެއެވެ.

ފްރިޖް

ހުރިހާ ބާވަތެއްގެ ތަރުކާރީ އަދި މޭވާ އަކީ ފްރިޖަށް ލާން ޖެހޭ ކާބޯތަކެއްޗެއް ނޫނެވެ. ފްރިޖަށް ލާންވާނީ އަވަހަށް ފަސޭހައިން ހަލާކުވާ ނުވަތަ ކުނިވާ ކަހަލަ ކާނާއެވެ. އަދި މިގޮތަށް ލާއިރުވެސް ފްރިޖްގެ ހިއުމިޑިޓީ މަޑުކޮށްފައި ބެހެއްޓުމުން ކާއެއްޗެހި ހަލާކުވާލެއް ލަސްވާނެއެވެ.

ހެޔަރ ބްރަޝް

ދުވާލަކު ކިތަށް ފަހަރު އިސްތަށިގަނޑު ބްރަޝް ކުރަންތޯއެވެ. މާގިނައިން އިސްތަށިގަނޑު ބްރަޝް ކުރުމަކީ އިސްތަށިގަނޑު ހަލާކުވާނެ ކަމެކެވެ. އަދި އިސްތަށިގަނޑު ބްރަޝް ކުރާއިރު ތިރިން ފެށިގެން ގޮށް ފިލުވަމުން ދިޔުމަކީ އިސްތަށިގަނޑު ބޮޑަށް ގޮށް ޖެހުން ކުޑަކުރުވާނެ ކަމެކެވެ.

ޓިޝޫ

އަރިދަފުސް އެޅުމުން އަތްމަތީ އެންމެ މުހިއްމު އެއްޗަކަށް ގެންގުޅެވެނީ ޓިޝޫއެވެ. ނަމަވެސް ޓިޝޫއަށް ރޯގާފޮޅާއިރު ބައެއް ފަހަރު މާ ގަދައަށް ރޯގާ ފޮޅޭގޮތް ވެއެވެ. އެއީ ސައިނަސް އިންފެކްޝަންތައް އުފެދެން މަގުފަހިވާނެ ކަމެކެވެ. އެންމެ ރަނގަޅު ގޮތަކީ ފަހަރަކު ނޭފަތުގެ އެއް ފަޅި ފޮޅުމެވެ.

ބަދިގޭ ސްޕޮންޖް

ސެނިޓޭޓަޝަން އަދި ގަވައިދުން ބަދިގޭގައި ބޭނުން ކުރާ ސްޕޮންޖް ސާފު ކުރުމަކީ ކޮންމެހެން ކުރުން މުހިއްމު ކަމެކެވެ. ގިނަ މީހުން ރެކަމެންޑް ކުރާ ގޮތުގައި ކޮންމެ ސްޕޮންޖެއް ބޭނުން ކުރާތާ ދޭއް ނަވަތަ ތިން ފަހަރަށް ފަހު ހޫނު ފެނަށް ލައިގެން ސްޕޮންޖް އެކީ ސާފު ކޮށްލަން ޖެހޭއިރު އަނެއް ބަޔަކު ބުނާ ގޮތުގައި ސްޕޮންޖް ބޭނުން ކުރާ ކޮންމެ ފަހަރަކުވެސް ހޫނުފެނުން އެ ސާފު ކުރަން ޖެހެއެވެ. މިއީ އޭގައި ހިމެނޭ ޖަރާސީމު މަރައިލުމަށް ކުރަންޖެހޭ ކަމެކެވެ.

ދޮންނަ ކުނޑި

ގިނަ މީހުން ގަބުލު ކުރާ ގޮތުގައި ގިނައިން ދޮންނަ ކުނޑި މެޝިނަށް އެޅުމުން ހެދުންތަކުން މިލަތައް މާ ރީއްޗަށް ފިލައިގެން ދާނެއެވެ. ނަމަވެސް ދޮންނަ ކުނޑި ބޭނުން ކުރަން ޖެހެނީ ގަންނަ އިރު ހުންނަ ފުޅި ނުވަތަ ޕެކޭޖުގައި ލިޔެފައިވާ މައުލޫމާތާ އެއްވަރަށެވެ. މާގިނައިން ދޮންނަކުނޑި އަޅައިގެން ހެދުން ދޮންނަ ކަމުގައި ވާނަމަ ހެދުމުގެ ފޮތި ވީކްވެ ހަލާކުވެދާނެއެވެ.

ކޮފީ މޭކަރ

ދުވަސް ފެށުމަށް ކޮފީއެއް ބޯލުމަކީ ކޮންމެހެން މުހިއްމުކަމެއްގެ ގޮތުގައި ދެކޭ މީހުން މަދެއް ނޫނެވެ. ނަމަވެސް ކޮފީ ހަދަނީ ކޮފީ މޭކަރުން ކަމަށްވާނަމަ ބޭނުންކުރާ ކޮންމެ ފަހަރަކު އޭގެ ފިލްޓަރ ތަކާއި އެހެނިހެން ބައިތައް ދޮވެ ސާފު ކުރުމަކީ އިންފެކްޝަން އަދި އެކި ބަލިތައް ޖެހުމުން ދުރުކޮށްދޭނެ ކަމެކެވެ.