ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން، ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސް، މަޝްހޫރ ޤާނޫނީ ވަކީލު އަލްއުސްތާޒު ހުސްނުއް ސުއޫދުގެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ސުޕްރިމް ކޯޓުން ބުނީ، 22 އެޕްރީލް 2019 ވަނަ ދުވަހުގެ ރޭ، ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ޝަރުއީ ދާއިރާއާ ގުޅޭގޮތުން ސުއޫދު ދައްކާފައިވާ ވާހަކަތަކާ ގުޅިގެން، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާއިދާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާއިދުގެ ދަށުން އެ މައްސަލަ ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވައިފިކަމުއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެއްވެސް އިތުބާރެއް ނެތް ކަމަށާއި އެ ހުރިހާ ފަނޑިޔާރުން މަގާމުން ދުރުކުރަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ވަނީ ރޭ ވިދާޅުވެފައެވެ.
ރާއްޖެޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ ފަނޑިޔާރުންނަށް އެއްވެސް އިތުބާރެއް ނެތް ކަމަށާއި އެ ހުރިހާ ފަނޑިޔާރުން މަގާމުން ދުރުކުރަން ޖެހޭ ކަމަށެވެ.
މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީގައި ކުރި ހުކުމާއި، ފަހެއް ފެބްރުއަރީއަށް ފަހު އަނެއްކާ އެ ހުކުމް ބަދަލުކުރުމާއި، މިކަންކަމަށް ބަލާއިރު ވަރަށް ބޮޑަށް އެ ފަނޑިޔާރުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެއްވެސް އިތުބާރެއް ނެތް. ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރަން އެބަޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެކެއް ފެބްރުއަރީ ހުކުމުގައި ސޮއިކުރެއްވި ބޭފުޅުން އޭގެ ދުވަސްކޮޅެއް ފަހުން މި ބުނަނީ ތިމަންނަމެން ނުފޫޒެއްގެ ދަށުވެގެން ކުރި ހުކުމްތަކެކޭ އެއީ، އޭގައި ސޮއިކުރެވުނީއޭ. އެއީ ގާބީލު ބައެއްތޯ، ނާގާބިލު ބައެއްތޯ އަޅުގަނޑުމެން ދިރާސާކޮށް ބަލަން އެބަޖެހޭ،" ސުއޫދު ރޭ ވިދާޅުވިއެވެ.