ހުރަވީ ބިލްޑިންގް

ހުރަވީ ބިލްޑިންގް ހުސްކުރާކަށް ނޫޅެން، މިދަނީ މަރާމާތު ކުރަމުން: ޕްލޭނިން މިނިސްޓްރީ

ޝަހީދާ އަބްދުﷲ ސައީދު

ދުވަސްވެ ބާވެފައިވާ ހުރަވީ ބިލްޑިންގް ހުސްކުރަމުން ނުދާކަމަށާއި އެތަނުގައި މިހާރު ކުރިއަށްދަނީ މަރާމާތުގެ މަސައްކަތް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

''ވަންއޮންލައިން''އަށް މައުލޫމާތުދެއްވަމުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލު ސައުދުﷲ ގާސިމް ވިދާޅުވީ ހުރަވީ ބިލްޑިންގަކީ ބޭނުންކުރަން އެކަށީގެން ނުވާ ވަރަށް ބާވެފައިވާ އިމާރާތެއް ކަމަށާއި ނަމަވެސް އެތަން ހުސްކުރެވެން އަދި ނެތް ކަމަށެވެ. އެހެންކަމުން އިމާރާތުގައި ބާވެ ވެއްޓިދާނެކަމުގެ ބިރު ހީވެފައިވާ ތަންތަން މިހާރުވެސް މަރާމާތު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ އިމާރާތް ހުސްކުރެވެން އަންނަނީ އެތަނުގައި ހިންގަމުން އަންނަ ސަރުކާރުގެ އޮފީސްތައް ބަދަލުކުރާނެ ތަނެއް ލިބިގެން ކަމަށާއި ތަނެއް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.

ސަރުކާރުން ނިންމާފައިވަނީ އެ އިމާރާތުގައި ހުރި އޮފީސްތައް ބަދަލުކުރާނެ ޖާގަ ލިބުމުން އިމާރާތް ތަޅައިލާށެވެ. އެއިމާރާތުގައި ހިންގަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އިމިގްރޭޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތަކެވެ.

ހުރަވީ ބިލްޑިންގް މަރާމާތު ކުރަން ފަށައިފައިވާއިރު، ދާދިފަހުން ވަނީ އެބިލްޑިންގުގެ ބެލްކަނިން ބައެއް މަގުމައްޗަށް ވެއްޓި، ޕާކުކޮށްފައިވާ ސައިކަލުތަކަކަށް ވެސް ގެއްލުން ލިބިފައެވެ.

އަދި އިމާރާތުގެ ޝީޓުތަކުގެ ބައިތައް ވެއްޓޭތީ މިހާރު ވަނީ އެތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ވެސް ފަށައިފައެވެ.

ހުރަވީ ބިލްޑިންގ ހުސްކޮށް، އެތަނުގައި ހުރި ސަރުކާރުގެ އިދާރާތައް އެހެން ތަނަކަށް ބަދަލުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައިވެސް ނިންމިއެވެ.

ހުރަވީ ބިލްޑިންގަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅު އެޅި އޮފީސް އިމާރާތެކެވެ.