ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެއްވެސް އިތުބާރެއް ނެތް ކަމަށާއި އެ ހުރިހާ ފަނޑިޔާރުން މަގާމުން ދުރުކުރަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީގައި ކުރި ހުކުމާއި އެ ހުކުމް އަނެއްކާ ފަހެއް ފެބްރުއަރީއަށް ފަހު ބަދަލުކުރުމާއި، މިކަންކަމަށް ބަލާއިރު ވަރަށް ބޮޑަށް އެ ފަނޑިޔާރުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެއްވެސް އިތުބާރެއް ނެތް. ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރަން އެބަޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެކެއް ފެބްރުއަރީ ހުކުމުގައި ސޮއިކުރެއްވި ބޭފުޅުން އޭގެ ދުވަސްކޮޅެއް ފަހުން މި ބުނަނީ ތިމަންނަމެން ނުފޫޒެއްގެ ދަށުވެގެން ކުރި ހުކުމްތަކެކޭ އެއީ، އޭގައި ސޮއިކުރެވުނީއޭ. އެއީ ގާބީލު ބައެއްތޯ، ނާގާބިލު ބައެއްތޯ އަޅުގަނޑުމެން ދިރާސާކޮށް ބަލަން އެބަޖެހޭ،" އޭނާ ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ކުއްލިއަކަށް ފަނޑިޔާރުން ވަކިކޮށްގެން ނުވާނެ ކަމަށާއި އެކަން ކުރަން ޖެހޭނީ ހާމަކަން ބޮޑު އިޖުރާއަތެއްގެ ތެރެއިން ނުވަތަ ޕްރޮސެސްއެއްގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
"އެބޭފުޅުންނަށް ޖަވާބުދާރީވާން ފުރުސަތު ދޭން ވާނެ. އަދި އެބޭފުޅުންގެ ގާބިލުކަން ހުރިތޯ ނުވަތަ ނޫންތޯ ވަޒަންކުރުމަށްޓަކައި ޕްރޮސެސްއެއް ހިންގަން ޖެހޭނެ. އެއް ދުވަހު އިރުއަރާ ތަނުން ހުރިހާ ފަނޑިޔާރުން ކަނޑާލައިގެން ކަމަކު ނުދާނެ،" އޭނާ ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ޖުޑީޝަރީ އިސްލާހުކުރުމަށްޓަކައި ސަރުކާރުން ރޯޑް މެޕެއް އެކުލަވާލަން ޖެހޭ ކަމަށާއި އެކަމަށް ލަނޑުދަނޑިއެއް ކަނޑައަޅައި، އެ ލަނޑުދަނޑިއަށް ވާސިލުވާނެ މަގުތަކެއް ތައްޔާރުކުރަން ޖެހޭ ކަމަށެވެ.
"މެޖިސްޓްރޭޓް ކޯޓުތަކުން ފެށިގެން ގޮސް، ޝަރީއަތް ކުރާ ކޯޓުތަކާއި ހައި ކޯޓާއި ސުޕްރީމު ކޯޓު ވެސް އިސްލާހުކުރަން ޖެހޭ. ބައެއް ފަނޑިޔާރުން އެބަޖެހޭ ވަކިކުރަން، އަދި ހަމައެއާއެކު އިޖުރާއަތްތަކަށް ބަދަލުތަކެއް ގެންނަން އެބަޖެހޭ. ނާގާބިލު ފަނޑިޔާރުން ކޮންމެވެސް ވަރަކަށް އެބަ ތިއްބެވި. އަލުން އެމީހުން ތަމްރީނު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން، އަޕްގްރޭޑް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން. އެއީ އަސާސީ މިންވަރަށް ކަންކަން އުނގެނިފައި ނެތުމުގެ ސަބަބުން އަލުން އިތުރަށް ރީފްރެޝްކޮށްގެން އެއީ ކުރެވޭނެ ކަންތައްތަކެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ސުއޫދު އިތުރަށް ވިދާޅުވީ ވަރަށް ރަނގަޅު ފަނޑިޔާރުން ވެސް އެބަ ތިއްބެވި ކަމަށާއި ކޮރަޕްޓް ފަނޑިޔާރުންނާއި އެކިއެކި ނުފޫޒުތަކުގެ ދަށުގައި ތިބި ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށެވެ.