ޚަބަރު

ދިރާގުން އައިފޯން އެސް އެކްސް އަދި އެސް އެކްސް މެކްސް ލޯންޗުކޮށްފި

ދިވެހިރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި ދިރާގުން އެޕަލް ކުންފުނީގެ އެންމެ ފަހުގެ ފޯން ކަމުގައިވާ އައިފޯން އެސް އެކްސް އަދި އެސް އެކްސް މެކްސް ލޯންޗުކޮށްފިއެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ އިވެންޓުގައި އައިފޯން އެސް އެކްސް އަދި އެސް އެކްސް މެކްސް ލޯންޗުކޮށްދެއްވީ ދިރާގުގެ ޑިވައިސަސް މެނޭޖަރ އަހުމަދު އިޝާންއެވެ.

ލޯންޗު ކުރުމުގެ ހަފްލާގައި އިޝާން ވަނީ އައިފޯން އެސް އެކްސް އަދި އެސް އެކްސް މެކްސްގެ ކުޑަ ތައާރަފަކާއެކު މުހިންމު އާ ފީޗާސްތަކަށް އަލިއަޅުވާލައިފަވެ.

ލޯންޗިންއަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އިޝާން ވިދާޅުވީ މި ދެ ފޯންއަށް ޕްރީއޯޑަރ ކުރުމަށް ހުޅުވާލުމުން 24 ގަޑިއިރުތެރޭ ހުރިހާ ފޯނެއް ހުސްވެފައިވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ އާ ސްޓޮކެއް ލިބޭނެ ކަމަށާއި ކުރިން ޕްރީ އޯޑަރ ނުކުރެވުނު މީހުންނަށް ހަފްތާއެއް ނުވަތަ ދޮޅު ހަފްތާއެއްހާ ދުވަސްތެރޭ ފޯން ލިބޭވަރު ވާނެ ކަމަށެވެ.

އިޝާން އިތުރަށް ވިދާޅުވީ ރާއްޖޭގެ އެހެން ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ވެސް އެންމެ ކައިރީގައި ހުންނަ ދިރާގުގެ ކަސްޓަމަރ ސާވިސް ސެންޓަރަކުން ވެސް ޕްރީއޯޑަރކޮށް ޕޯން ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.

ދިރާގުން ވަނީ އައިފޯން އެސް އެކްސް އަދި އެސް އެކްސް މެކްސް އިންސްޓޯލްމަންޓަށް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސައިފައެވެ. އެގޮތުން 12 މަހަށް ބަހާލައިގެން ފައިސާ ދައްކާގޮތަށް ވެސް ފޯނު ގަނެވޭނެ ކަމަށެވެ. އިޝާން ވިދާޅުވީ ދިރާގުގެ އެންމެ ބޮޑު އަމާޒަކީ ކަސްޓަމަރުންނަށް ފަސޭހަ ކުރުމުގެ ގޮތުނަ އޮންލައިންކޮށް ފައިސާ ދެއްކޭނެ މަގުފަހިވެފައިވާ ކަމަށެވެ.

އައިފޯން އެސް އެކްސް އަދި އެސް އެކްސް މެކްސްގެ އަގުތައް އުޅޭނީ 20،000 އިން ފެށިގެން 30،000 ދެމެދުގެ އަގުތަކެއްގައި ކަމަށާއި މިއީ ރާއްޖޭގައި މިފޯން ވިއްކާ އެންމެ އަގުހެޔޮ ރޭޓު ކަމަށް ދިރާގުން މައުލޫމާތު ދިނެވެ.