ސްރީލަންކާ

ލަންކާގައި އިއްޔެ އިއުލާނުކުރި ކާފިއު އުވާލައިފި

ލަންކާގެ އެކި ސަރަހައްދުތަކުގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އިއުލާނުކުރި ކާފިއު އުވާލައިފި އެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ކާފިއު އުވާލާފައި ވަނީ ކުރީން ވެސް އިއުލާނުކުރި ގޮތަށް މިއަދު ހެނދުނު 06:00ގަ އެވެ.

ސްރީލަންކާގައި ދިރިއުޅޭ ދިވެއްސެއް ކަމަށް ވާ އަލީ ޝިމްރީ ދާދި ދެންމެ "ވަން އޮންލައިން"އަށް މައުލޫމާތު ދެމުން ބުނީ މިއަދު ހެނދުނު އޭނާ ސައިކަލުގައި ރަށު ތެރެއަށް ނުކުތް ކަމަށާއި ކޮލަމްބޯތެރޭ ފެންނަނީ ވަރަށް މަޑުމައިތިރިކޮށް ކަމަށެވެ. އެހެން ނަމަވެސް ހުރިހާ ހިސާބެއްގައި ވެސް މީހުން ނުކުމެ އެބަ އުޅޭ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު މިއައީ ރަށުތެރޭގައި ދުއްވާލާފައި. އާޕިކޯއަށް ދިޔައީ. ހިލް ސްޓްރީޓަށް ވެސް ދިޔައިން. އާޕިކޯ ވެސް ހުޅުވީ އެހެން ދުވަސްތަކަށް ވުރެ ބައިގަނޑިއެއްހާއިރު ލަހުން. މަގުމަތީގައި ވެސް މީހުން ވަރަށް މަދު." ޝިމްރީ ބުންޏެވެ.

ލަންކާގައި އިއްޔެ ދިން ހަމަލާތަކުގައި، މަރުވި މީހުންގެ އަދަދު 300 އަރަން ކައިރިވެފައިވާ އިރު، އެތައް ސަތޭކަ ބަޔަކަށް ހޮސްޕިޓާ ތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. މަރުވާ މީހުން އަދަދު އަދިވެސް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސިއްހީ އޮފިޝަލުން ލަފާކުރެ އެވެ.

އިއްޔެ ހަމަލާގައި ބައެއް މީހުން ބޮން ގޮއްވާލާފައި ވަނީ ހަށިގަނޑުގައި ހަރުކޮށްގެން ޖާނުން ފިދާވެގެން ކަމަށް ލަފާ ކުރެވޭ ކަމަށް ލަންކާ ސަރުކާރުގެ އޮފިޝަލުން ބުނެ އެވެ. މި ހާދިސާއާ ގުޅިގެން މިހާ ތަނަށް އައި އިރު 24 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.