ޚަބަރު

މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާވިކަމުގެ ހަބަރެއް ނުލިބޭ: އެމްބެސެޑަރު

މަރިޔަމް ޝަހުދާ

ލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކުގައި، މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާ ވިކަމުގެ ހަބަރެއް ނުލިބޭ ކަމަށް ލަންކާގައި ހުންނަވާ ރާއްޖޭގެ އެމްބެސަޑަރު އުމަރު އަބްދުލްރައްޒާގު ވިދާޅުވެއްޖެ އެވެ.

ލަންކާގައި ހުންނަވައި ރާއްޖެޓީވީ އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ ބޮން ގޮއްވާފައި ވަނީ އާންމުކޮށް ދިވެހިން ގޮސް އުޅޭ ތިން ހޮޓަލެއްގައި ކަމަށެވެ. އަދި އެ ތިން ހޮޓަލަށް ވަޑައިގެން އެތާ ތިއްބެވި ދިވެހިންނާއި ބައްދަލުކުރައްވައި އެމީހުންގެ ހާލު އޮޅުން ފިލުވިކަމަށް އެމްބެސަޑަރު ވިދާޅުވިއެވެ.

މީގެ އިތުރުން ހޮސްޕިޓާތަކަށް ޒިޔާރަތް ކުރައްވައި އެއްވެސް ދިވެއްސަކަށް އަނިޔާވިތޯ ބައްލަވަމުން ގެންދަވާކަމަށް އުމަރު ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އަދި އެއްވެސް ދިވެއްސަކަށް އަނިޔާ ލިބިފައި ނުވާ ކަމަށާއި، މައުލޫމާތު ލިބެމުންއަންނަ ވަރަކަށް މީޑިއާ އާއި އެކަންކަތައް ހިއްސާ ކުރައްވަމުން ގެންދަވާނެކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އަދިވެސް އެމަޖެންސީ ހާލަތުގައި އެ ސަރަހައްދުތައް އޮތުމުގެ ސަބަބުން އަނިޔާވެގެން އެކި ހޮސްޕިޓާތަކަށް ގެންދެވިފައިވަނީ ކޮންބައެއްކަންވެސް މުޅިން ސާފު ނުވާކަމަށެވެ. މީގެ އިތުރުން އެހެން ޗާޗް ތަކުން ވެސްް ނުގޮވާހުރި ބޮންތަކެއް ފެނިފައިވާ ކަމަށް ހަބަރު ލިބިފައިވާ ކަމަށާއި، މިހާރު އެބޮންތައް ޑިސްޕޯސް ކުރެވިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހިން އިމަޖެންސީ ހާލަތެއް މެދުވެރިވެގެން ނޫންގޮތަކަށް ބޭރަށް ނުނިކުތުމަށް އެމްބެސެޓަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.