ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް، (އެމްއެމްޕީއާރުސީ)ގެ ނަން ކިލަނބު ވެފައިވާތީ އެތަނުގެ ނަން ބަދަލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ތޮއްޔިބު މިއަދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ނަން ބަދަލުކުރުމަށްޓަކައި ބައެއް ނަންތައް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށްވެސް ފޮނުވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ޕްރޮޕޯސްކޮށްފައި ވާނެ މިހާރު ރައީސް އޮފީހަށްވެސް ނޭމް ޗޭންޖް ކުރުމަށް، ތަފާތު ނަންތަކެއް ވާނެ ފޮނުވިފަ، އެކަން އެބަ ހިނގާ،" ތޮއްޔިބު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ނަން ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ހިންގާފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ކަމަށްވާތީ އެތަނުގެ ނަން ވަރަށް ބޮޑަށް ވަނީ ކިލަނބުވެފައެވެ.
އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން، ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަން ރުފިޔާއަށް އެމްއެމްޕީއާރްސީގެ ތެރެއިން ވަނީ ހިޔާނާތްތެރިވެފައެވެ.