ފެހެންދޫ

ފެހެންދޫ ބެލެނިވެރީން ދަރީން ގޮވައިގެން ވިއްސާރައިގައި ގޮއިދޫ ސްކޫލަށް ޑިންގީއެއްގައިދާ ވީޑިއޯއެއް އާންމުވެއްޖެ

އިބްރާހިމް ޒަކީ

ބ. އަތޮޅު ފެހެންދޫ ކުދިން ތައުލީމު ހާސިލް ކުރުމަށް ފަޅު ހުރަސްކޮށް އަނގަމަތި ޑިންގީއެއްގައި ގޮއިދުއަށް ދަތުރުކުރާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެއްޖެ އެވެ.

އެ ވީޑިއޯގައި ފެންނަ ގޮތުގައި، ކުޑަކުޑަ ދެކުދީން ގޮވައިގެން ސްކޫލަށް ދަނީ އެކުދީންގެ މަންމަ ނުވަތަ ދައްތައިން ކަމަށް ބެލެވޭ ދެ އަންހެނެކެވެ. އޭގެ ތެރެއިން އެއް އަންހެނަކު އިށީނދެގެން އިންނަނީ ދަރިފުޅު ނިވައިކުރުމަށް ކުޑައެއްވެސް ނަގައިގެންނެވެ. އެހެން ނަމަވެސް ދެފަރާތުން ވިއްސާ ލޮނުން އެ ދެއަންހެނުންނާއި ދެ ކުދީން ވެސް ސަލާމަތެއް ނުވެ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި، އެއީ ލޯންޗެއް ގޮތަށް ހަދާފައި އޮތް ކުޑަ ޑިންގީއެކެވެ. އެހެން ނަމަވެސް އޭގައި ސަތަރިއެއް ވައްޓާފައެއް ނުވެ އެވެ. ފަހަރުގައި އެއީ ސަތަރި ވައްޓައިފި ނަމަ ވައި ގަދަ ކަމުން ސަތަރި ހަލާކުވެދާނެތީ ކަމަށްވެސް ވެދާނެ އެވެ. ފެންނަ ފެނުމަށް ބަލާ އިރު، އެ ޑިންގީގައި ސަތަރި ވެއްޓޭބައި ހުރީ ވެސް މުޅި ޑިންގީ ނިވާ ކުރެވޭނެ ގޮތަކަށް ނޫނެވެ.

ބ. އަތޮޅު ފެހެންދޫ ކުދިން ތައުލީމު ހާސިލް ކުރުމަށް ފަޅު ހުރަސްކޮށް އަނގަމަތި ޑިންގީއެއްގައި ގޮއިދޫއަށް ދާންޖެހޭ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ފެހެންދޫ އާއި ގޮއިދޫ އެއްފަޅެއްގައި އޮތް ނަމަވެސް ކަނޑުގަދަ، ވިއްސާރަ ދުވަސްތަކުގައި އެ ލޯންޗްގައި ކުދިން ސްކޫލަށް ގެންދާއިރު ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހެއެވެ.

ގަދަ ވިއްސާރާގައި ތެމި ފޯވެގެން ތުއްތު ކުދިންތަކެއް ގޮވައިގެން ފެހެންދޫން ގޮއިދުއަށް ދިއުމަކީ އެހާ ކުޑަކުޑަ ލޯންޗެއްގައި ފަސޭހަކަމެއް ނޫނެވެ.

އެކަމާ ގުޅިގެން ފެހެންދޫ ކައުންސިލްގެ ނާއިބުރައީސް އިބްރާހިމް ފަޒީލު "ވަން އޮންލައިން"އަށް މިއަދު ވިދާޅުވީ، ވިއްސާރަ ދުވަސްވަރު ތެމި ފޯވެގެން ތައުލީމު ހާސިލް ކުރުމަށް ފެހެންދޫ ކުދިން ގޮއިދޫ ސްކޫލަށް ކިޔަވަން ގެންދަނީ، ޑިންގީއެއްގައި ކަމަށާއި، އެކަމަށް ހައްލެއް ގެނެސް އެއަށްވުރެ ރަނގަޅު އުޅަނދެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އެކަމަށް ހައްލު ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ، ގޮއިދޫ ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަޒީލު ވިދާޅުވީ، ފެހެންދޫގައި ދިރިއުޅޭ މީހުންގެ އާބާދީ މަދުކަމުން އެރަށުގައި ކިޔަވަންދާ އުޅެނީ، ޕްރީ ސްކޫލުންފެށިގެން އެކި ގްރޭޑް ތަކުގެ 25 ވަރަކަށް ކުދިން ކަމަށެވެ. ރަށުގެ އާބާދީ އަކީ 300 ނަމަވެސް ރަށުގައި ދިއިޅެނީ މަދު ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވީ އެކުދިން ސްކޫލަށް ގެންދަން ހަރަދު ކުރަނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށެވެ. އެގޮތުން ކޮންމެ ކުއްޖަކަށް ވަކި އަދަދަކަށް ދަތުރު ފައިސާ އެޑިއުކޭޝަން މިނިސްޓްރީން ހަރަދު ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ބ.ފެހެންދޫއަކީ ރަށް ކުޑަވެ އާބާދީ މަދުވުމުގެ ސަބަބުން އަސާސީ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ލިބެމުން ނުދާ ރަށެކެވެ. އެ މައްސަަލައިގައި، އެކި ފަހަރުތަކުގައި އެރަށުގެ ބައެއް ރައްޔިތުންވަނީ ބިން ބިންބޮޑު އާބާދީ ގިނަ ރަށަކަށް ބަދަލު ކުރުމަށް އެދި ސަރުކާރަށްވެސް ހުށަހަޅައިފައެވެ.

ތައުލީމު ހޯދުމަށާއި، ސިއްހީ ހިދުމަތްފަދަ ގިނަ ހިދުމަތްތަކެއް ހޯދުމަށް ފެހެންދޫ ރައްޔިތުން ދާން ޖެހެނީ ގޮއިދުއަށެވެ.

މީސްމީޑިއާގައި މި ހަފުތާގައި އާންމުވެފައިވާ ވީޑިއޯ ---- ފޮޓޯ މީސްމީޑިއާ