ކުޑަ ކުއްޖަކު ސްވިމިން ޕޫލަކަށް ވެއްޓި މަރުވި މައްސަލައިގައި ގެއްލިގެން ފުލުހުން ހޯދަމުން ދިޔަ ފްރާންސްގެ ރައްޔިތެއް ކަމަށްވާ 24 އަހަރުގެ މަނޮން ރާއްޖޭން ފިލައިގެންގޮސް ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި، ކްރިމިނަލް ކޯޓްގައި އޭނާގެ މައްސަލަ ބެއްލެވި ފަނޑިޔާރަކު ނުބައި ނިޔަތެއްގައި އޭނާއާ ބައްދަލު ކުރަން އުޅުނު ކަމަށް ތުހުމަތުކޮށްފައި ވާތީ، އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓިގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަނޑިޔާރާމެދު ކުރާ ތުހުމަތު ޖޭއެސްސީން ބަލަން ޖެހޭނެ ކަމަށެވެ.
ދެހާސް ސަތާރަ ވަނަ އަހަރުގެ އޮކްޓޯބަރު މަހުުގެ 23 ގައި ކ. ހުވަފެންފުށި ރިސޯޓުގެ ސްވިމިންގ ޕޫލަކަަށް ވެއްޓި ކުޑަ ކުއްޖަކު މަރުވި މައްސަލައިގައި އިހުމާލުވެފައިވާތީ، ފުލުހުން ތަހުގީގު ނިންމައި، އެ ރިސޯޓުގެ ކޭޓަރިން ކޯޑިނޭޓަރުގެ މަގާމުގައި ހުރި، މަނޮން ގެ މައްޗަށް ދައުވާ ކުރަން ނިންމި އެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި އެ ޝަރީއަތް ފެށުނު ފަހުން، މެނަން ވަނީ ރާއްޖެ ދޫކޮށް ފްރާންސަށް ގޮސްފަ އެވެ.
ފިލައިގެން އޭނާ ރާއްޖެއިން ދިޔަ ގޮތާއި ރާއްޖޭގައި އޭނާއަށް ކަންތައް ދިމާވިގޮތް ފުރާންސްގެ ނޫހެއް ކަމުގައިވާ "ލަ ޕެރީސިއަން" އަށް ކިޔައިދެމުން މަނޮން ބުނެފައިވަނީ، އޭނާއާ ބައްދަލު ކުރުމަށްޓަކައި ފަނޑިޔާރު ފޯން ނަންބަރު ހޯދާފައިވަނީ ޝަރީއަތާ ގުޅޭ ކަމެއްގައި ކަމަށް ބެލެވުނަސް، އޭނާގެ ނިޔަތް ގޯސްކަން ފަހުން އެނގުނުކަމަށެވެ.
އޭނާ ބުނެފައިވަނީ، އެ ފަނޑިޔާރު އޭނާއާ އެކު ރެސްޓޯރެންޓަކަށް ދިއުމުގެ އިތުރުން، ހޮޓެލްގައި ބައްދަލު ކުރަން އެދި މެސެޖުކުރި ކަމަށެވެ.
މީގެ އިތުރުން، ފަނޑިޔާރު ވަޓްސްއެޕް މެދުވެރިކޮށް ފޮނުއްވިކަމަށް ބުނެ އެ މެސެޖްގެ ސްކްރީން ޝޮޓެއް ނޫހުގައި ވަނީ ޝާއިއު ކޮށްފައެވެ.
ނޫހުގައި އޭނާ ބުނެފައިވަނީ، ރިޒޯޓްގެ މެނޭޖްމަންޓުން އަންގައިގެން އަޔަލެންޑްގެ މުއްސަނދި އާއިލާއެއްގެ އަށް އަހަރުގެ އަންހެން ކުއްޖަކާއި ހަތަރު އަހަރުގެ އަންހެން ކުއްޖަކާއި އެއް އަހަރާއި 11 މަހުގެ ފިރިހެން ކުއްޖަކު ބެލުމުގެ ޒިންމާ އޭނާއާ ހަވާލުކުރި ކަމަށެވެ.
ފުލުހުންނަށް މަނޮން ދިން ބަޔާނުގައިވާ މެނަން ބުނެފައިވަނީ އެ ހާދިސާގައި އެއް އަހަރާއި 11 މަހުގެ ކުއްޖާ މަރުވީ ރިސޯޓުގެ އިހުމާލުން ކަމަށެވެ. އަދި އެކުއްޖާގެ އާއިލާއިން ވެސް އޭނާ ކުށްވެރި ކޮށްފައި ނުވާކަމަށް ބަޔާނުގައިބުނެފައިވެއެވެ. މަނޮން ބުނެފައިވަނީ "ބޭބީ-ސިޓާ"އެއްގެ ގޮތުގައި އޭނާއަށް މަސައްކަތް ހަވާލުކުރީ މެނޭޖްމަންޓުން ކަމަށާއި އޭނާ އަކީ އެ ވަޒީފާއަށް އައި މީހެއް ނޫން ކަމަށާއި އެކަމުގެ އެއްވެސް ތަޖުރިބާއެއް ވެސް ނެތް ކަމަށެވެ.
މަނޮން ބުނެފައިވާ ގޮތުގައި އެކުއްޖާގެ މަރުގެ ޒިންމާ އޭނާގެ ބޮލުގައި އެޅުވީ ރިސޯޓުންނެވެ. އަދި އޭނާގެ ވަކީލަކަށް ހަމަޖެއްސީ ވެސް ރިސޯޓުގެ ވަކީލެއް ކަމަށާއި އޭނާގެ އަމަލުތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ރާއްޖެ ދޫކޮށް ދިޔަގޮތް ކިޔައިދެމުން މަނޮން ބުނެފައިވަނީ، އޭނާ ރާއްޖޭން ފިލީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތް މުއްދަތު ހަމަވެ، މުއްދަތު އިތުރު ކުރުމާ މެދު ކްރިމިނަލް ކޯޓުން ގޮތެއް ނުނިންމައި އޮއްވައި ކަމަށެވެ. އަދި ރާއްޖެ ދޫކޮށް ފިލީ ދެކުނުގެ އަތޮޅެއްގައި ހުރެފައި ރާއްޖޭން ބޭރަށް ފުރި ބޯޓަކުން ކަމަށް ވެސް އޭނާ ބުންޏެވެ. މަނޮން ބުނި ގޮތުގައި އެ ބޯޓު ބަލައި ފާސް ކުރުމުގެ މަސައްކަތުގައި ކަސްޓަމުން ބައިވެރިއެއް ނުވެއެވެ.
ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ، ވީނުވީއެއް ނޭނގި ގެއްލިގެން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފްރާންސްގެ ރައްޔިތަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ބުނެ 2018 ވަނަ އަހަރުުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު މަނޮން ހޯދުމަށް ފުލުހުން ވަނީ އިއުލާން ކޮށްފައެވެ.