ދަރަނި ބޮޑުވެ ޖެޓް އެއާވޭސްގެ ދަތުރުތައް ހުއްޓާލައިފިއެވެ.
އިންޑިއާގެ މަޝްހޫރު އެއާލައިން ޖެޓް އެއާވޭސްއިން އެއެއާލައިންގެ ދަތުރުތައް ހުއްޓާލާފައިވަނީ ތެލަށާއި ޒަރޫރީ މުހިންމު ބޭނުންތަކަށް ކުރަންޖެހޭ ހަރަދުތައް ނުކުރެވުމުގެ ސަބަބުންނެވެ.
ޖެޓް އެއާވޭސްގެ ދަރަނި 1.2 ބިލިޔަން ޑޮލަރަށް އަރާކަމަށް އެއާލައިންގެ އޮފިޝަލަކު ވަނީ ބުނެފައެވެ.
ޖެޓް އެއާވޭސްގެ މުޅި އޮޕަރޭޝަން ހުއްޓާލިއިރު ދެން އޮޕަރޭޝަން ފަށްޓާނެކަމުގެ އެއްވެސް އުއްމީދެއް ނެތްކަމަށް އެ އެއާލައިނުން ބުނެއެވެ.
އިންޑިއާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިންގެ ޝަރަފް ލިބިފައިވާ ޖެޓް އެއާވޭސްގެ ފްލީޓްގައި 123 މަތިންދާ ބޯޓު ހިމެނޭއިރު ބޭނުންކުރެވޭ ހާލަތުގައި ރަނގަޅު ފެންވަރުގައި އޮތީ އެންމެ ފަސް ބޯޓު ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ. އަދި އެ އެއާލައިންގެ މުވައްޒަފުންނަށް އެއްމަހުގެ މުސާރަ ނުދެވި އޮތް ކަމަށް ވެސް އެއާލައިންގެ އޮފިޝަލަކު ވަނީ ބުނެފައެވެ.