ރައީސް ޔާމީން

މިއަދު ހައިކޯޓުން ޔަގީންކޮށްދިނީ ރައީސް ޔާމީނުގެ އުސޫލަކީ ހަމަޖެހޭ އުސޫލެއް ނޫންކަން: ޝަމީމް

މުހައްމަދު އައުޒަމް

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައްސަލައިގައި ހައިކޯޓުން މިއަދު ޔަގީންކޮށްދިނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އުސޫލަކީ ހަމަޖެހޭ އުސޫލެއް ނޫންކަން ކަމަށް ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެއް އަހަރާއި ހަތް މަހާއި ހަތް ދުވަހަށް ރައީސް މައުމޫން ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ވަނީ ބާތިލްކޮށްފައެވެ. އެ މައްސަލައަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝަމީމް ވިދާޅުވީ ހައިކޯޓުން ވެސް މިއަދު ފާހަގަކުރީ އަސްލަކީ މީހަކު ކުށެއް ނުކުރުން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ވިދާޅުވަނީ ރައީސް މައުމޫން ވެސް އެ ފޯނު ދެއްވިނަމަ ކަމެއް ނެތީނޫންހޭ. އަޅުގަނޑު މިދަންނަވަނީ އެއެއް ނޫނޭ ގާނޫނީ އުސޫލަކީ. ގާނޫނީ އުސޫލަކީ ކުށެއް ކުރިކަން ސާބިތުކޮށްދިނުމަކީ އެހެން ބުނާ މީހެއްގެ ކަމެކޭ. އަސްލަކީ މީހަކު ކުށެއް ނުކުރުމޭ. އެހެންވީމާ ރައީސް ޔާމީން ވިދާޅުވާ، ރައީސް ޔާމީން ގަބޫލުކުރައްވާ އުސޫލު އެއީ ގާނޫނީ ގޮތުން ހަމަޖެހޭ އުސޫލެއް ނޫންކަމަށް މިއަދު ހައިކޯޓުން ޔަގީން އެކޮށްދެއްވީ. އެގޮތަށް މިއަދުގެ ހުކުމް މިއައީ،" އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މީހެއްގެ އަތުގައި ފޯނެއް އޮތަކަސް އެ ފޯނުގައި ހުރި އެއްޗެއް އެއީ ކުށުގެ އެއްޗެއްކަން، އެއީ ކުށުގެ އަމަލެއް ހިންގުމަށް ބޭނުންވާ އެއްޗެއްކަން ސާބިތުކޮށްދިނުމަކީ ޕީޖީގެ ޒިންމާއެއް ކަމަށާއި އެހެންނަމަވެސް އެކަން ޕީޖީން ކޮށްފައިނުވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހިމެނޭ ރައީސް މައުމޫނުގެ ބައިގައި އިޖުރާއީ ގޮތުންނާއި މައުޟުއީ ގޮތުން ވެސް ކަންކަން ހިނގައިގެން ގޮސްފައިވަނީ ގޯސްކޮށްކަން ހައި ކޯޓުން ފާހަގަކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރު އެބަ ވިދާޅުވެއޭ ތިމަންނައަށް ގަބޫލުކުރެވެއޭ އެ ފޯނުގައި ހެއްކެއް ހުރެދާނެ ކަމަށް. އެހެންނަމަވެސް އެ ގަބޫލުކުރާ ގަބޫލުކުރުން ވެސް ބިނާވާން ޖެހޭނީ ކޮންމެވެސް ގާނޫނީ އަސާސަކަށް. ހަމަ ހުރެފަކާ ތިމަންނައަށް ފެނުނީއޭ، ތިމަންނައަށް ފެންނަނީއޭ ބުނީމަ ކަމަކު ނުދާނެ. އެވާހަކަ މިއަދު ހައިކޯޓުން މި ފާހަގަކުރެއްވީ. އެހެންވީމަ އެ ބައިވެސް ސާބިތު ނުވާ ކަމަށް،" އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލީ، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން ނުދެއްވި މައްސަލައިގައެވެ. އެ މައްސަލައިގައި ދައުލަތުން ރައީސް މައުމޫނުގެ މައްޗަށް ދައުވާ ކުރީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުއްވި ކަމަށް ބުނެއެވެ.