ކޮލަމް

ކެޔޮނިރު ކޮލަމް: އައްޑޫސިޓީ ގައި އަޅާ "ރައީސް ނަޝީދް ބްރިޖް"

މުހައްމަދު ބުޝްރީ

24

އަހަރަކީ 2023 އެވެ. އެއީ އެއަހަރުގެ އޮގަސްޓް މަހުގެ 28 ވާ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެވެ. ރައީސުލް ޖުމްހޫރިއްޔާ އޮނަރަބަލް އަލްފާޟިލް އިބްރާހިމް މުހައްމަދު ސޯލިހްގެ އަތްޕުޅުގައި އޮތް ސްމާރޓް ޓެބްލެޓެއްގެ ފިތަކަށް ފިތާލެއްވުމާ އެކު އައްޑޫސިޓީގެ "ރައީސް ނަޝީދް ބްރިޖް" ހުޅުވިގެން ދިޔައީ އެވެ. މިބްރިޖަކީ ކަނޑިހެރަގެ ދެފަރާތުން އޮތް ދެ ކަނޑުއޮޅި މަތިން އަޅާފައިވާ ބުރިޖެކެވެ. ބްރިޖްގެ އަނެއްބަޔަކީ ހަޤީގަތުގައި ބްރިޖެއް ނޫނެވެ. އެއީ ބިން ހިއްކައިގެން އަޅާފައިވާ ހައިވޭ އެކެވެ. ކަނޑިހެރަގެ ދެފަރާތުން އޮތް ކަނޑުއޮޅި ހިއްކައިގެން އަޅާފައިވާ ބްރިޖްގެ ދިގުމިނަކީ ގާތްގަނޑަކަށް އެއް ކިލޯ މީޓަރެވެ. އެއީ ސިނަމާލެ ބްރިޖަށް ވުރެ ކުރު ބްރިޖެކެވެ. ހަވީރުގެ ރަތްވިލާގެ އަސަރު އުޑުމަތިން އެވަގުތު ފެނެއެވެ.

އަސުރުމާ ކުލައިގެ ވިލާތަކުގެ ކުލަ ކެނޑި، އުޑުމަތިން ފެންނަނީ ރީނދުލާއި ރަތްކުލައިގެ ވިލާތަކެވެ. ބްރިޖުގެ ދެފަރާތުން ފެހި ކުލައިގެ ގަސްތައް ފޯދިގެން އަރާފައި ހުއްޓެވެ. ބްރިޖް މަތީގައި ތިބި ރައްޔިތުންނަށް އައްޑު އަތޮޅު ހިތަދޫ ފަރުމަތިން އޮމާން ރާޅުތައް އައިސް ބްރިޖް ކައިރިއަށް ބީއްސާލާ މަންޒަރު ފެނެއެވެ. ކޯލިޝަންގެ ފަސްއަހަރުގެ ރިއާސީ ދައުރު ނިމިގެންދާ އިރު އައްޑޫ ސިޓީ ވަނީ މުޅި ރާއްޖޭގެ "ބަގީޗާ ސިޓީ" ގެ ގޮތުގައި ތަރައްގީ ކުރެވިފައެވެ.

މީދޫ އާއި ހިތަދޫގެ ފަޅުން ބިން ހިއްކައިގެން ކޮންޓެއިނަރު ބަނދަރު ހަދައި، ހިއްކި ބިމުގައި ރިސޯރޓާއި ހޮޓެލް އަދި ގެސްޓް ހައުސް އާއި ތަފާތު ފެކްޓަރީ ތައް ވަނީ ހަދައި ނިންމާފައެވެ. އައްޑޫގެ ރަށްރަށުގެ މަގުތައް ވަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހަދައި ނިންމާފަ އެވެ. އަތޮޅުގެ ރަށްރަށުގެ ފުއްޓަރު ފަރާތުން މަގު ހަދައި، އެމަގުތަކުން ދަތުރު ކުރާ އިރު މޫދު ފެންނަ ގޮތަށް ތަރައްގީ ކޮށް، އެމަގުތަކުގައި ހިތްފަސޭހަ މައިޒާން ތަކެއް ވަނީ ހަދައިފައެވެ.

ސިޓީގެ ވެރިކަން ކުރާ ރަށް ހިތަދޫގައި 2000 މިހުންގެ ޖާގަ އާއި އިސްލާމިކް ލައިބްރަރީ އަކާއި އެކު ބޮޑު ސިންގާ އިސްލާމީ މަރުކަޒެއް ވަނީ ހަދައިގެން ހުޅުވާފައެވެ. މި އިސްލާމީ މަރުކަޒު މީގެ އެއް އަހަރު ކުރީން 2022 ވަނަ އަހަރު ހުޅުވި އިރު އެތަނުގެ ރަސްމީ ނަމަކަށް ދީފައި ވަނީ "ޝެއިޚް އިމްރާން އިސްލާމިކް ސެންޓަރ،" އެވެ!

އަތޮޅުގެ ޒުވާނުން މަސްތުވާ ހިކި ތަކެެއްޗާއި ދިޔާ ތަކެތިން ސަލާމަތްކޮށް ދިނުމަށް ޓަކައި ޒަމާނީ ފެންވަރުގެ ރީހެބިލިޓޭޝަން ސެންޓަރެއް ވަނީ އައްޑޫސިޓީގައި ހުޅުވާފައެވެ. އެއް އިމާރާތަކުން، ފަސޭހަ ކަމާ އެކު އައްޑޫގެ ރައްޔިތުންނަށް ހިދުމަތް ދެވޭނެ މަގު ފަހިކުރުމުގެ ގޮތުން ދިހަބުރީގެ އުސް އޮފީސް އިމާރާތެއް ވަނީ އައްޑޫ ސިޓީ ކައުންސިލާ އިންވެގެން އޮތް ބިމުގައި ހަދައި ނިންމާފައެވެ. މި އޮފީސް އިމާރާތުގެ ނަމަކީ "މާރަނގަ އޮފީސް ކޮމްޕްލެކްސް" އެވެ!

"ރައީސް ނަޝީދް ބްރިޖް" ހުޅުވައިދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫ ސިޓީއަށް ވަޑައިގަތީ އެއަރބަސް އޭ-380 ގެ ބިޔަ މަތިންދާ ބޯޓެއްގަ އެވެ. އެބޯޓް ޖެއްސި ގަން އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ނަން ދާދި ފަހުން ވަނީ "ރައީސް މައުމޫން އަބްދުލް ޤައްޔޫމް އިންޓަރނޭޝަނަލް އެއަރޕޯރޓް"، މިނަމަށް ބަދަލު ކޮށްފައެވެ. އެއެއަރޕޯރޓްގައި ޒަމާނީ ފެންވަރުގެ ސީޕްލޭން ބޭސް އަކާއި އިންފްލައިޓް ކޭޓަރިންގެ ހިދުމަތްދޭނެ ތަނަކާއި އެއަރޕޯރޓް ލައުންޖް ތަކާއި، ރެސްޓޯރެންޓް ތަކާއި، ޑިއުޓީ ފްރީ ފިހާރަތައް ހުއްޓެވެ. "ރައީސް މައުމޫން އަބްދުލް ޤައްޔޫމް އިންޓަރނޭޝަނަލް އެއަރޕޯރޓް" އަށް ދުނިޔޭގެ ފަސް މަންޒިލަކުން ދުވާލަކު މަދުވެގެން ފަސް ޝެޑިއުލް ފްލައިޓް ޖައްސައެވެ.

ހިތަދޫ އިން މީދޫ އަށް އަޅާފައިވާ "ރައީސް ނަޝީދް" ބްރިޖް ހުޅުވައި ދެއްވުމުގެ އުފާވެރި ރަސްމިއްޔާތަށް ފަހު ރައީސް އިބޫ ސޯލިހް މިރޭ މަޑުކޮށް ލެއްވުމަށް ހަމަޖެހިފައިވަނީ ގަމުގައި ހަދާފައިވާ ތަފާތު ތިން ފެންވަރުގެ ތިން ހޮޓަލުގެ ތެރެއިން ފައިވް ސްޓާރ ފެންވަރަށް ހަދާފައިވާ ބޮޑު ހޮޓެލްގައެވެ. މާދަމާ (އަނގާރަ ދުވަހު) ހަމަޖެހިފައިވާ ގޮތުން އެމަނިކުފާނު ހުޅުވައި ދެއްވާނީ ގަމުގައި ހަދާ ނިމިފައިވާ (ބޮޑެތި ފަސިންޖަރު ލައިނަރ ގާތް ކުރެވޭ ވަރުގެ) ކްރޫސް ޝިޕް ޓަރމިނަލް އެވެ. އެރަސްމިއްޔާތަށް ފަހު ބިލެތް މީރުކޮށްލެއްވުމެއް ހަމަޖެހިފައި ވަނީ ގަމުގެ ދޫގެސް ގައި ހަދައިގެން މިހާރު ހިންގަމުންދާ "މެރިނާ ހޮޓެލް" ގައެވެ.

އެއަށްފަހު މީގެ އެއް އަހަރު ދުވަސް ކުރީން ގަމުގައި ހުޅުވި އެއަރކްރާފްޓް އިންޖިނއަރިންގް ކޮލެޖް އާއި ޕައިލެޓް ޓްރެއިނިންގް ސެންޓަރުގެ މިއަހަރުގެ ދަސްވެނިވުމުގެ ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. މިތަގްރީރްގައި، އައްޑޫސިޓީ ގައި އިންވެސްޓްމެންޓް މިހާރަށް ވުރެވެސް އިތުރު ކުރުމުގެ ގޮތުން އިތުރު ޓެކްސް ބްރޭކްތަކެއް އިއުލާން ކުރައްވާނެ ކަމަށް ރައީސްގެ ތަރުޖަމާން ވިދާޅުވެފައި ވެއެވެ. މިއީ އައްޑޫ ސިޓިގައި މީގެ ދެއަހަރު ކުރީން 2021 ގައި ހުޅުވުނު ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމެންޓް ބަނަދަރުގެ ވިޔަފާރިވެސް އިތުރުކޮށް އައްޑޫސިޓީގެ އިގްތިސޯދު އިތުރު ހަރުފަތެއް މައްޗަށް ގެންދިއުމުގެ ގޮތުން އިއުލާން ކުރެވޭ ޓެކްސްބްރޭކެއްކަމުގައި ރައީސްގެ ތަރުޖަމާން ވިދާޅުވިއެވެ.

މީގެ ދެއަހަރު ކުރީން 2021 ގައި އައްޑޫސިޓީގައި ހުޅުވި، މިދެންނެވި ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމެންޓް ބަނަދަރުގެ ރަސްމީ ނަމަކީ "ޤާސިމް އިބްރާހިމް އިނަޓަރނޭޝަނަލް ޓްރާންސްޝިޕްމެންޓް ޕޯރޓް" އެވެ. މިއީ ޤާސިމް އިބްރާހިމް ދިވެހި ރާއްޖެއަށް ކޮށްދެެވާފައިވާ ތަފާތު ޚިދްމަތަތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އަމަނިކުފާނަށް އެރުވުނު ޝަރަފްވެރިކަމުގެ ރަމްޒީ ހަދިޔާއެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޒައާމަތުގައި އައްޑޫ ސިޓީ އަށް ތަރައްޤީގެ ގިނަގުނަ ކަންތައް ތަކެއް ވަނީ ކޮށް ދެއްވާފައެވެ. އޭގެ ތެރޭގައި 2019 ވަނަ އަހަރު ރައީސް ހުޅުވައި ދެއްވި "ޑރ. ދޮންތުއްތު ސަދަން ރީޖަނަލް ހޮސްޕިޓަލް" ހިމެނެއެވެ. މިއީ އެމް.އާރ.އައި އަދި ސީ.ޓީ.ސްކޭން ފަދަ ޒަމާނީ މުހިއްމު ހިދްމަތްތަކާއި އެކު ހުޅުވާފައިވާ ފުރިހަމަ ޓާރޝަރީ ހޮސްޕިޓަލެކެވެ. ޑރ. ދޮންތުއްތު ސަދަން ރީޖަނަލް ހޮސްޕިޓަލް ގައި ޒަމާނީ ފެންވަރުގެ ޓްރޯމާ ސެންޓަރަކާއި ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ވަސީލަތްތަކާއި ޕެރަމެޑިކްސް އާ އެކު ޒަމާނީ އެމްބިއުލޭންސްގެ ހިދްމަތް ލިބެން އެބަހުއްޓެވެ. ހަމަ އެފަދައިން ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗް. އާރ.އެޗް) މިހާރު ވަނީ ޕްރައިވެޓައިޒް ކޮށް "އޭ.ޑީ.ކޭ އައްޑޫ ސިޓީ ހޮސްޕިޓަލް" ގެ ގޮތުގައި ހުޅުވާފައެވެ.

ހަމަ އެފަދައިން 2020 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުވައިދެއްވި "ފޭދޫ މުފީދް ސްޕޯރޓްސް އެރީނާ" އަކީ ވެސް އައްޑޫސީޓީ އަށް ރައީސް އިބޫ ސޯލިހްގެ ޒައާމަތުގައި ކޮށްދެއްވާފައިވާ ގިނަގުނަ ކަންތައްތަކުގެ ތެރެއިން މުހިއްމު ކަމެކެވެ. ވޮލީ ކޯޓް، ބާސްކެޓް ކޯޓް، ޓެނިސް ކޯޓް ފަދަ ކޯޓް ތަކާއި، ފުޓްބޯޅަ ދަނޑު ފަދަ ދަނޑު ހިމެނޭ ގޮތަށް ބިނާކޮށްފައިވާ "ފޭދޫ މުފީދް ސްޕޯރޓްސް އެރީނާ" ގެ ބައެއްގެ ގޮތުގައި ފެތުމުގެ ކުޅިވަރު ކުރިއެރުވުމަށް ޓަކައި "ސްވިމިންގ ޕޫލް ކޮމްޕްލެކްސް" އެއް ވެސް ހަދާފައި ވެއެވެ. ދިވެހި އަދި ބޭރުގެ ފުޓްބޯޅަ ޓީމުތަކަށް ޓްރެއިނިންގ ކޭމްޕް ހިންގޭނެ ފަދަ ވަސީލަތްތައް ގާއިމް ވެފައިވާ ފުޓްބޯޅަ ޓްރެއިނިން ކޭމްޕެއް ވެސް މި ސްޕޯރޓްސް އެރީނާގެ ވަކި ބައެއްގެ ގޮތުގައި ހިމެނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޒައާމަތުގައި 2021 ގައި އެންޓަރޓެއިންމެންޓް އެރީނާ އަކާއި ޒަމާނީ ސިނަމާއެއްގެ އިތުރުން ކަލްޗަރަލް ވިލެޖަކާއި ދާރުލް އާސާރެއް، އަދި ފޮޓޯގަރަފީ އާއި އާރޓްގެ ފަންނުވެރިކަން ދައްކައިދޭނެ އާރޓް ގެލެރީ އެއް ވެސް މިސިޓީގައި ގާއިމް ކޮށް ރަސްމީ ކޮށް ހުޅުވައި ދެއްވާފައި ވެއެވެ.

"ރައީސް ނަޝީދް ބްރިޖް" ހުޅުވައި ދެއްވުމަށް ފަހު، އަދި އޭގެ ފަހުން ބުދަ ދުވަހު ހަމަޖެހިފައިވާ ރަސްމީ އެހެން ކަންތައް ތަކަށް ފަހު ރައީސް އާއި އާއިލާ ބުރާސްފަތި ދުވަސް ހޭދަ ކުރެއްވުމަށް ހަމަޖެހިފައި ވަނީ ނުރަސްމީ ޗުއްޓި ދުވަހެއްގެ ގޮތުގައި އައްޑޫގެ "ދިވެހި ރިސޯރޓް" ގަ އެވެ. އެއީ ދިވެހީންނާއި ބިދޭސީ ވޯރކްޕާރމިޓް ހޯލްޑަރުންނަށް ޗުއްޓި ހޭދަ ކުރެވޭ ގޮތަށް އައްޑޫސިޓި ގައި ދެތަރީގެ ފެންވަރަށް ހަދާފައިވާ 50 ކޮޓަރީގެ "ދިވެހި ރިސޯރޓް" އެކެވެ. އެތަނުގައި ކެފޭ އަކާއި ރެސްޓޯރެންޓެއް އަދި ވޯޓަރ ސްޕޯރޓްސް އާއި ޑައިވިންގް ސެނެޓަރެއްވެސް ހުރެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޒައާމަތުގައި އައްޑޫ ސިޓީގައި އިތުރު 8000 ޓޫރިސްޓް އެނދު ނުވަތަ 4000 ޓުރިސްޓް ކޮޓަރި ވަނީ ތަރައްގީ ކުރެވިފައެވެ. އޭގެ ތެރޭގައި "ހަންކެޑެ" ސަރަހައްދުގައި ހަދާފައިވާ 200 ކޮޓަރީގެ ރިސޯރޓާއި، ހެރެތެރެގެ ދެކުނުން އެރަށާ އެއްފަޅެއްގައި އޮތް "މުލިކެޑެ" ގައި ހަދާފައިވާ 300 ކޮޓަރީގެ ރިސޯރޓް ހިމެނެއެވެ. ރިސޯރޓް، ގެސްޓް ހައުސް، މެރިނާ ހޮޓެލް ފަދަ ތަންތަން ތަރައްޤީ ކޮށް އައްޑޫސިޓީ އަށް 4000 ޓޫރިސްޓް ކޮޓަރި އިތުރު ކޮށްފައި ވަނީ ގެސްޓް ހައުސް އާއި ރިސޯރޓް އަދި މެރިނާ ހޮޓެލް ހިމެނޭ ގޮތަށެވެ. މި ބައިތައް ތަރައްޤީ ކޮށްފައިވަނީ މައިގަނޑު ގޮތެއްގައި ބިން ހިއްކައިގެން ނެވެ. 4000 ކޮޓަރި އިތުރު ކުރުމުގެ ގޮތުން އައްޑުސިޓީގެ މީހުން އުޅޭ ހުރިހާ ރަށެއްގައި "ޓޫރިޒަމް ޒޯން" ތަކެއް ކަނޑަ އަޅައި، އެޒޯން ތަކުގައި ވެލިއަޅައިގެން ބީޗް ހަދައި، ހޮޓެލް، ގެސްޓް ހައުސް، މެރިނާ ފަދަ ފަތުރުވެރިކަމުގެ ވަސީލަތްތައް ގާއިމް ކޮށްފައިވަނީ ގަމުގެ ވައިގެ ބަނދަރާއި ގަމުގައިވާ ސީޕްލޭން ބޭސް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ވާނެ ފަދަ ގޮތަކަށެވެ.

ހޯމަ ދުވަހުގެ ހަވީރު ވަގުތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުވައި ދެއްވި "ރައީސް ނަޝީދް ބްރިޖް" އާއި އެކު މުޅި އައްޑޫ ސިޓީ ވަނީ އެއްފަސްވެ ތަރައްޤީގެ މުޅިން އައު މަރުހަލާ އަކަށް ދަތުރު ފަށާފަ އެވެ. އެއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އިތުރު ފަސް އަހަރުގެ ރިއާސީ ދައުރަކަށް ކުރިމަތި ލެއްވުމަށް، ވިޝަން 2028 ވެސް މިހަފްލާ ތެރޭ އިއުލާން ކުރައްވާ ފައެވެ. އައްޑޫސިޓީ އަށް ވެސް އަދި މުޅި ދިވެހިރާއްޖެ އަށް ވެސް މިވަނީ ތަރައްޤީގެ މުޅިން އައު ގުލްޝަނެއް ފަރިވެ ފޮޅިފައެވެ. މިތަރައްޤީގެ ގުލްޝަނުގެ އިތުރު ފަސް އަހަރުގެ ފެށުން، ނުވަތަ ވިޝަން 2028 އިއުލާން ކުރައްވަން އެންމެ އައުލާކަން ބޮޑުވެގެންވާ ތަނަކީ ދިވެހިރާއްޖޭގެ "ބަގީޗާ ސިޓީ" އެވެ. އާދެ ޒަމާނީ އައްޑޫސިޓީ އެވެ!