ރޯދަމަސް

ރޯދަމަހު މާލޭގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް އާންމުކޮށްފި

މަރިޔަމް ޝަހުދާ

ރޯދަމަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު މާލޭގައި ވިޔަފާރި މުދާ އުފުލޭނެ ގަނޑިތައް ކަނޑައަޅައި އެގަޑިތައް ޓްރާންސްޕޯޓް އޮތޯރިޓީން އާންމުކޮށްފި އެވެ.

އެ އޮތޯރިޓީން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނީ ރަމަޟާން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް މުދާ އުފުލުމަށް ކަނޑައަޅާފައި ވަނީ ހެނދުނު 9:00އިން ހަވީރު 03:00އަށް އަދި ރޭގަނޑު 09:00އިން ހެނދުނު 6:00އަށް ކަމަށެވެ. ފެނާއި ކައްކާ ގޭސް އުފުލާނަމަ 350kgއަށް ވުރެ ލުއި މުދާ އުފުލުމަށް ހުއްދަ ކުރާ އުޅަނދެއްގައި މުދާ އުފުލޭނެ ގަޑިއަކަށް ހެނދުނު 9:00އިން ފެށިގެން ހަވީރު 03:00އަށް ވަނީ ކަނޑައަޅައިފައެވެ.

ރޭގަނޑު 09:00އިން ހެނދުނު 6:00އާ ދެމެދު ހުރިހާ ގިންތިއެއްގެ މުދާ އުފުލޭނެއެވެ. މީގެ އިތުރުން ބްރިޖް މަތީން މުދާ އުފުލުމަށް ކަނޑައަޅާފައި ވަނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 03:00އަށާއި ދަންވަރު 1:00އިން ހެނދުނު 6:00އަށެވެ. މި ގަޑިތަކުގައި ބްރިޖް މަތީން ހުރިހާ ގިންތިއެއްގެ މުދާ އުފުލޭނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

މުދާ އުފުލާ އުޅަނދުތަކުން މި ގަޑިތަކުގައި ބްރިޖަށް އަރަންވާނީ މާލޭ ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގުން ކަމަށާއި އެ ގަޑީ ބްރިޖް މަތީން އެއްވެސް ބާވަތެއްގެ ހެވީ ވެހިކަލެއް ދުއްވުމަކީ މަނާ ކަމެއް ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ކަނޑައަޅައިފައެވެ.

މީގެ އިތުރުން ހަވީރު 04:00 އާއި ރޭގަނޑު 09:00އާ ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް އުފުލުމަކީ މަނާ ކަމެއް ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީއިން ވަނީ ކަނޑައަޅައިފައެވެ.