ކޮލަމް

ކޮލަމް ހަޅަ: ޕީޕީއެމްގެ ކުރިމަގު ކޮން ބޭފުޅަކަށް؟ މިއީ ބަހުސެއް ނޫން!

ހަސަން ހަލީމް

1

ބޮޑު ތިން އިންތިހާބަކުން ފެއިލްވުމާ އެކު ޕީޕީއެމްގެ ކުރިމަގާ ދޭތެރޭ މި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ. ރައީސް ކަމުގައި އަބްދުﷲ ޔާމީން ހުންނެވި އިރު، ދެ އިންތިހާބަކުން ފެއިލްވެ، އަދި އެމަނިކުފާނު ވެރިކަމުން ވެއްޓުނު ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ވެސް ހަންމުއްޓެއް އަޅުވާލައިފައި އެމްޑީޕީ އޮތީ މެކުހަށް ޖަހައިފަ އެވެ. ހަގީގަތަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ގަދަހިފުމަކަށް ވެސް ދާން ނުޖެހުނު އިންތިހާބެއް ކަމެވެ.

އެ އިންތިހާބުން ބަލިވީ ކީއްވެގެންތޯ މިހާރު ބަހުސް ކުރުމުގެ ބޭނުމެއް ނެތެވެ. ސަބަބުތައް ބައިވަރެވެ. އެންމެ ބޮޑު ސަބަބަކީ ލީޑާޝިޕްގެ ބޭފުޅުން އެކަމާ އުޅެންވީ ވަރަށް ނޫޅުއްވުމެވެ. ރިޔާސީ އިންތިހާބުގައި ޕީޕީއެމް ކުރި ކެމްޕޭނުގެ ސުން ޕަސެންޓް ވެސް ޕީޕީއެމުން މިފަހަރު ކެމްޕޭނެއް ނުކުރެ އެވެ. އިންތިހާބުގެ ވޯޓާ ހިސާބަށް އައިއިރު ޕާޓީއެއް އޮތްކަމެއް ނުވަތަ ނެތް ކަމެއް ވެސް ދަންނަ މީހަކު ނެތް ކަހަލަ އެވެ. އެހާ ވެސް ވަނދެވެ. އެހެންވެ، މިއީ ސީދާ ލީޑާޝިޕުން ކެންޑިޑޭޓުންނަށް ދިން ލަނޑެކޭ އަޅުގަނޑަށް ދެންނެވިދާނެ އެވެ.

މި ސަބަބުތަކާ ހެދި ޕީޕީއެމްގެ ލީޑާޝިޕްގެ އިސްތިއުފާއަށް ގޮވުން މި ވަނީ އާންމު ކަމަކަށް ވެފަ އެވެ. ބޮޑު ބިޔަ ޕާޓީއެއް އަޅާނުލައި ދޫކޮށްލާކަށް އެކަކު ވެސް ބޭނުމެއް ނޫނެވެ. ހަމައެހެންމެ، އެ ޕާޓީގައި ވެސް ތިބި "ވިސްނޭ" މެންބަރުން ޕާޓީގެ ކުރިމަގާ ދޭތެރޭ ވިސްނާނެކަން ގައިމެވެ. އެ މީހުންގެ ވާހަކައަކީ، ވަރަށް ކުރުކޮށް ދަންނަވާ ނަމަ، ރައީސް ޔާމީނާއި ޕާޓީގެ ދެން ވެސް ތިބި ނަގާ ކިޔާ މީހުން އެއް ފަރާތްވެލުމެވެ. ނުވަތަ އާ ބަޔަކަށް ޕާޓީ ހަވާލު ކުރުމެވެ. މިހާރު އެ ދަނީ އެ ބަހުސެވެ.

މި ބަހުސް ފެންމަތިވުމާ އެކު، މިވެނި އެވެނި މީހަކު ޕާޓީގެ ލީޑަރު ނުވަތަ ރައީސް ކަމަށް ގެންނަން ބޭނުމެއް ނޫނޭ ބުނެ އެބަ ވާހަކަ ދައްކަ އެވެ. އެވެނި މިވެނި މީހަކު ޕާޓީގެ ރައީސް ކަމަށް ކުފޫ ހަމައެއް ނުވެއޭ ކިޔައިގެން ވެސް ވާހަކަ އެބަ ދެކެވެ އެވެ. އަދި އެވެނި މީހަކު ޕާޓީގެ ރައީސް ކަމަށް ކަމުދާނެއޭ ބުނެ އޭނާއާ ވަގުތުން ޕާޓީ ހަވާލުކުރުމަށް ވެސް ވާހަކަ އެބަ ދެކެވެ އެވެ.

އެމްޑީޕީ ފިޔަވައި، އެހެން ޕާޓީތަކުގައި އޮންނަ މައްސަލައަކީ މި އެވެ. ޑިމޮކްރަސީ ނެތުމެވެ. އިންތިހާބުތަކުގައި އެ ޕާޓީތައް އެހާ ބޮޑަށް އަޑިއަޅާލަމުން ދަނީ ވެސް އަޅުގަނޑުގެ ނަޒަރުގައި މި ދެންނެވި ޑިމޮކްރަސީ އެ ޕާޓީތަކުގައި އެއްވެސް ވަރަކަށް ނެތުމުގެ ސަބަބުންނެވެ.

އިވިފައިވާ އަޑުތަކަށް ބަލައި، ބައެއް މިސާލުތައް އަޅުގަނޑު ދަންނަވާލާނަމެވެ. ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޖުމްހޫރީ ޕާޓީ ވެސް، އަދި ޕީޕީއެމް ވެސް ކެންޑިޑޭޓުން ނެރުނީ އެ ޕާޓީގެ ލީޑަރުންގެ ނިންމެވުމަށެވެ. އާޚިރުގައި ގިނަ ކެންޑިޑޭޓުން ވެގެން ދިޔައީ ރައްޔިތުން ބޭނުންވި ކެންޑިޑޭޓުންނަކަށް ނޫނެވެ. އެމްޑީޕީގެ ތަފާތަކީ، ކެންޑިޑޭޓުންގެ ޓިކެޓް ލިބުނީ ރައްޔިތުންގެ ތެރެއިން ފުރޭނިގެން އައި މީހުންނަށް ކަމަށްވާތީ އެވެ. -- މިއީ ބަދަލުވާންވީ ކަންކަމެވެ.

ހަގީގަތަކީ، ޕީޕީއެމަށް ވެސް މި ވަގުތު ބޭނުންވަނީ ޑިމޮކްރަސީ ކަމެވެ. ލީޑަރު ބޭނުންވާ ގޮތަކަށް ޕާޓީގެ މަގާމުތައް ބަހާލާ ނަމަ އެއީ މައްސަލައެކެވެ. އެކަމުން ދުވަހަކު ވެސް ކުރިއެއް ނުލިބޭނެ އެވެ. ވަކި މިވެނި މީހަކު ޕާޓީގެ ރައީސް ކަމަށް ގެންނަން މަސައްކަތް ކުރުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް އެ މީހަކު އަންނަން ވާނީ ޕާޓީގެ މިހާރު އޮތް ލީޑާޝިޕްގެ ނުފޫޒެއް ނެތި، އިންތިހާބެއްގެ ތެރެއިންނެވެ. އެއީ އާންމު މެންބަރުން މިނިވަންކަމާ އެކު ވޯޓު ދީގެން އަންނަ އާންމުންގެ ތެރޭގައި މަޝްހޫރު، ކެރޭ މީހަކަށް ވާން އެބަ ޖެހެ އެވެ. މިއީ ބަހުސެއް އޮތް ކަމެއް ނޫނެވެ.

އާޚިރުގައި ދެން ވެސް ނުކުންނަން ޖެހޭނީ ހަމަ ރައްޔިތުންގެ ކުރިމައްޗަށެވެ. ޕާޓީތައް ތަމްސީލު ކުރަނީ ވެސް ރައްޔިތުންނެވެ. އެ މީހުންގެ ތާއީދު އޮންނާނީ އެންމެ މީހެއްގެ ތާއީދު އޮތް މީހަކަށް ނޫނެވެ. އެހެންކަމުން ޕީޕީއެމް އޯވަހޯލްކުރަންވެއްޖެ ކަމާ މެދު ސުވާލެއް ނެތެވެ. މީ އެއްވެސް ބަހުސެއް ކުރާން ޖެހޭ ވަރުގެ ސުވާލެއް ނޫނެވެ. ބަހުސް ކުރާން ޖެހޭނީ ޚިޔާލު ތަފާތުވުމެއް އޮންނަ ކަންކަމުގަ އެވެ. ސިޔާސީ ހަމައަކީ އިންތިޚާބުތަކުން ފެއިލް ވުމުން، އަމުދުން މަތިމައްޗަށް ފެއިލް ވުމުން ލީޑަރޝިޕުން އެކަން ގަބޫލުކޮށް ފެއަށް ޖެހިލުމެވެ.