ދިވެހި ބަހުގެ އެކަޑެމީ

ބަސް ހައްދަވާނީ ހަމައެކަނި ދިވެހި ބަހުގެ އެކަޑަމީއަކުންނެއް ނޫން: ފާރޫގު ހަސަން

މަރިޔަމް ޝަހުދާ

ބަސް ހައްދަވާނީ ހަމައެކަނި ދިވެހި އެކަޑަމީއަކުންނެއް ނޫން ކަމަށް ބަސްކޮމިޓީގެ ރައީސް އަބްދުﷲ ފާރޫގް ހަސަން ވިދާޅުވެއްޖެ އެވެ.

ދިވެހި ބަހުގެ ދުވަހުގެ މުނާސަބާގައި މިއަދު ދިވެހި ބަހުގެ އެކަޑަމީން ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ފާރޫގު ވިދާޅުވީ ބަސް ހައްދަވާނީ ހަމައެކަނި އެކަޑެމީން ކަމަށް މީހުން ހީކުރާ ހީކުރުމަކީ ވަރަށް ބޮޑު އޮޅުމެއް ކަމަށެވެ. ލިޔުންތެރީންނަށް އެމީހުންގެ ލިޔުންތަކަށް ހަދަން ޖެހޭ ބަހެއް ހެދުމަކީ ކުރެވޭނެ ކަމެއް ކަމަށް ފާރޫގު ވިދާޅުވި އެވެ. މީގެ އިތުރުން މީހަކު މިގޮތަށް އާބަހެއް ހެދި ނަމަވެސް ރަސްމީގޮތުން ދިވެހި ބަހުގެ ރަދީފުގައި އެ ބަސް ހިމެނޭނީ ބަހުގެ އެކަޑެމީން ތަސްދީގު ކުރުމުން ކަމަށް ވެސް ފާރޫގު ވިދާޅުވިއެވެ.

އަމިއްލަ ފަރާތްތަކުން އާ ލަފުޒުތައް އެ އެކަޑަމީއަށް ފޮނުވުމަކީ ވަރަށް ބޮޑަށް ތަރުހީބު ކުރާކަމެއް ކަމަށް ފާރޫގު ވިދާޅުވިއެވެ. މީގެ ކުރީން ވެސް އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ ބަސް ރަދީފުގައި ހިމަނާފައިވާނެ ކަމަށާއި، އާ ބަސް އުފެއްދުމަކީ ހަމައެކަނި އެކަޑަމީއަށް ކުރެވޭނެ މަސައްކަތެއް ނޫން ކަމަށް ފާރޫގު ވިދާޅުވިއެވެ.