ޚަބަރު

މަޖިލިސް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން އެމްޑީޕީން ބޮޑު ހަފްލާއެއް ބާއްވައިފި

އަހުމަދު ޖައިޝަން

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މާލޭގައި މިރޭ ބޮޑު ހަފްލާއެއް ބާއްވައިފިއެވެ.

ޖާފަތެއްގެ ގޮތުގައި އާންމުންނަށް ބޭއްވި އެ ހަފްލާ ކުރިއަށް ގޮސްފައިވަނީ ރާޅުގަނޑު ސަރަހައްދުގައެވެ.

އެ ސަރަހައްދުގައި މިރޭ ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭގެ ހަފްލާގައި އާންމުންނަށް އެކި ކަހަލަ ކެއުމާއި ބުއިން ހުރި އިރު ގިނަ ބަޔަކު ވަނީ އެތަނަށް ޒިޔާރާތްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ 87 ދާއިރާގެ ތެރެއިން އެމްޑީޕީން ވަނީ މިއަހަރުގެ އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކޮށްފައެވެ. އެއާއެކު އެމްޑީޕީއަށް ވަނީ ސުޕަ މެޖޯރިޓީއެއް ލިބި މިހާތަނަށް ޕާޓީއަކުން ކާމިޔާބު ކޮށްފައި ނުވާ އަދަދަށް ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރެއް ފެށި 19 ވަނަ ރައްޔިތުންގެ މަޖިލިސް ހުވާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ގައެވެ.