ސްޓްރާޑާ ކުންފުނިން ހިންގަމުން އަންނަ ހަތަރު ތަނެއް ހުސްކުރަން އެންގި މައްސަލައިގައި އެކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރުމުން، ތިން ތަނެއް ހުސްކުރަން ސަރުކާރުން އެންގި އެންގުން ބާތިލުކޮށްފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
ސްޓްރާޑާ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒާހިދު ރަމީޒު، އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައި ވަނީ، ނިއު ޕޯޓް ވިއުގެ އިތުރުން އެ ކުންފުންޏަށް ދޫކުރި އިތުރު ތިން ތަނެއްގެ އެއްބަސްވުން ބާތިލުކޮށް، މިހާރުގެ ސަުކާރުން އެތަންތަން އަތުލައިފައިވާ ކަމަށެވެ.
ނަމަވެސް އެ ތިން ތަނުގެ އެއްބަސްވުން ބާތިލްނުވާ ކަމަށް ނިންމައި، އެ ކުންފުންޏާ އެއްކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ނުނިމި އޮތީ ނިއު ޕޯޓް ވިއުގެ މައްސަލަ އެކަނި ކަމަށް ވެސް ވިދާޅުވިއެވެ.
މާލޭ އިރުމަތި ފަރާތުން ބުރިޖު ކައިރީގައި ހަދާފައިވާ ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހުސްކުރަން އެންގި މައްސަލައިގައި ޒާހިދު ވިދާޅުވީ، ނިއުޕޯޓް ހެދިއިރު ބްރިޖް ވިއު ޕްލެޓް ފޯމާއި ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި އަދި ފުޓްސަލް ދަނޑެއް އެ ސަރަހައްދުގައި ހަދަން ކުރީގެ ސަރުކާރާ އެކު އެއްބަސްވުން ހަދާފައިވާ ކަމަށެވެ.
އަދި ރެސްޓޯރެންޓް ހުރި ބިމަށް ބޮޑު ކުއްޔެއް ސަރުކާރަށް ދައްކަމުން އަންނަނިކޮށް އެ ތަން ހުސްކުރަން އެންގީ ކުންފުނިން ކުރި ހަރަދު ވެސް ނުލިބެނީސް ކަމަށް ޒާހިދު ވިދާޅުވެފައިވެއެވެ. އެހެންކަމުން އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް ރެސްޓޯރެންޓު ބަންދުކޮށް ތަން ހުސްކުރުމަށް އެންގި އެންގުމަކީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ ނިއުޕޯޓް ބަންދުކުރުމަށް އެންގި އެންގުމަކީ އޭނާއާ ސިޔާސީ ދެކޮޅުވެރިކަން އޮންނަ ފަރާތްތަކުގެ ނުފޫޒުންކޮށްފައިވާ ކަމެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އެކުންފުންޏަކީ އޭނާގެ އާއިލާގެ ކުންފުންޏެއް ކަމަށާއި ކުންފުނީގައި އެތައް ސަތޭކަ މުވައްޒަފުންނެއް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ނިއު ޕޯޓް ވިއު ހުސްނުކުރި މައްސަލާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްގެ މަސްލަހަތެއް އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންދާ މައްސަލަ ފާހަގަކުރައްވައި، ޒާހިދު ވިދާޅުވީ އަސްލަމަކީ ނިއު ޕޯޓް ކުންފުންޏާ ވިޔަފާރީގެ ގޮތުން އެއްވެސް ގުޅުމެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ.
އަސްލަމާ އޭނާއާ ދެމެދު އޮތީ އާއިލީ ގުޅުމެއް ކަމަށާއި އެ ގުޅުން އަބަދުވެސް ދެމިއޮންނާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.
ނިއު ޕޯޓް ރެސްޓޯރެންޓް ބަންދުކޮށް، އެތަން ހުސްކުރަން ސަރުކާރުން އަންގާފައިވަނީ މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހު އެވެ.
ނިއުޕޯޓް ރެސްޓޯރެންޓަކީ ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގާ ރެސްޓޯރެންޓެކެވެ. ނަމަވެސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ޒާހިދު ދޫކޮށްލުމުން، މިހާރު އެ ކުންފުނި ހިންގަނީ އޭނާގެ އަންހެނުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޕްލެޓްފޯމާ އެކު ރެސްޓޯރެންޓެއް ހިންގާ ގޮތަށް އެ ސަރަހައްދު ސްޓާރާޑާއަށް ފުރަތަމަ ދިނީ ތިން އަހަރަށެވެ. ނަމަވެސް ފަހުން އެ މުއްދަތު ވަނީ އަށް އަހަރަށް އިތުރުކޮށްފައެވެ.