ކުއްލި ޚަބަރު

ފަހެއް މެއިގެ ކުރިން ކެނޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމަށް އިލްކެޝަނުން އިލްތިމާސްކޮށްފި

މަރިޔަމް ޝަހުދާ

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވި ކެނޑިޑޭޓުން އަންނަ މެއިމަހުގެ ފަސް ވަނަ ދުވަހުގެ ކުރިން މާލީ ބަޔާން ހުށަހެޅުމަށް އިލްކެޝަން ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ނަތީގާ އިއުލާން ކުރަން ފެށުމުގެ ކުރިން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ހުރިހާ ކެނޑިޑޭޓުންގެ މާލީ ބަޔާން ވީހާވެސް އަވަހަށް އާންމު ކުރަންޖެހޭ ކަމަށެވެ. ޝަރީފު މިހެން ވިދާޅުވީ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ކެނޑިޑޭޓުން ކެމްޕެއިން ކުރުމަށް ހަރަދުކުރި މިންވަރު ހާމަކޮށް، މަލީ ބަޔާން ހާމަކުރުމަކީ ކެނޑިޑޭޓާއި ކެނޑިޑޭޓުންގެ މަންދޫބުންގެ ޒިންމާއެއް ކަމަށް ޝަރީފު ވިދާޅުވިއެވ. އަދި މަޖިލީހުގެ އިންތިހާބު ކާމިޔަބު ކުރެއްވި ކެންޑިޑޭޓުންނާއި ނަކާމިޔާބާއި ކުރިމަތިވި ކެންޑިޑޭޓުންވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވަނީ، ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ މާލީ ކަންކަމާ ބެހޭ ގޮތުން ކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ ގޮތުގެމަތިން ރިޕޯޓެއް ތައްޔާރު ކޮށް އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަން ޖެހޭނެ ކަމަށެވެ.

އެ ރިޕޯޓުގައި އިންތިހާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލާއި އިންތިހާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ހަރަދުތައް ވަކިން އެނގޭގޮތަށް ހިމަނަންޖެހެއެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 386 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.