ވޭތުވެދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ކެނދޫ ދާއިރާގެ އިންތިހާބު ބާތިލް ކޮށް އަލުން އިންތިހާބު ބާއްވަން އެމްޑީޕީން ހުށަހަޅާފައި ވީނަމަވެސް އެ ދާއިރާގެ އިންތިހާބު އަލުން ބާއްވަން ޖެހޭ ސަބަބެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް މިވަގުތު ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ކެންދޫ ދާއިރާގެ އިންތިހާބު ބާތިލް ކުރުމަށް އެދި ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، އެ ދާއިރާގެ އިންތިހާބު ބާތިލް ކޮށް އަލުން އިންތިހާބު ބާއްވަންޖެހޭނެ ކަމެއް ކޮމިޝަނަށް ފާހަކުރެވިފައިނުވާ ކަމަށެވެ.
މަޖިލިސް އިންތިހާބުގައި ކެންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް އަލީހުސެއިން އެއްވެސް އޭނާއަށް ލިބިވަޑައިގެންފައިވަނީ 900 ވޯޓެވެ. އަލީ ހުސެއިންއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭތް މުހައްމަދު ލަތީފް އަށް ލިބިވަޑައިގެންނެވީ 773 ވޯޓެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ އިންތިހާބާ ގުޅިގެން 26 މައްސަލައެއް އެކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އަދި ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށް ފަހު 5 ދާއިރާއެއްގެ ފޮށިތައް އަލުން ގުނާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ވޯޓު ގުނަމުން ދިޔަ ވަގުތު ޝަކުވާ ހުށަހަޅާފައިވަނީ ހަމައެކަނި މާމިގިިލި ދާއިރާއިން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ގިނަ ޝަކުވާ ތަކަކީ ބަލިވި ކެނޑިޑޭޓުން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށާއި، ހުރިހާ ޝަކުވާތައް ވެސް ހުށަހަޅާފައި ވަނީ ވޯޓު ފޮށި ގުނައިނިމުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެއްވެސް ފޮއްޓެއްގެ ދާއިމީ ނަތީޖާ އިއުލާނު ކުރުން ފަސް ނުކުރާނެކަމަށެވެ. އަދި މިއަދު ހުރިހާ ފޮއްޓެއްގެ ރަސްމީ ނަތީޖާ އިއުލާނު ކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
މިހާތަނަށް 5 ދާއިރާއެއްގެ ވޯޓު ފޮށި އިލެކްޝަނުން ގުނާފައިވާއިރު، ބައެއް ކެނޑިޑޭޓުންނަށް ލިބުނު ވޯޓު އިތުރު ވި ނަމަވެސް، ކުރިން ގޮނޑި ލިބޭނެކަމަށް ބެލެވުނު އެއްވެސް ކެނޑިޑޭޓަކަށް ގޮނޑި ގެއްލޭފަދަ ބަދަލެއް ވޯޓުގެ ނަތީޖާއަށް އައިސްފައެއް ނުވެއެވެ.