ރައީސް ޔާމީން

ރައީސް ޔާމީންގެ ނަންފުޅު ލިޔުއްވަން ޖެހޭނީ ގައުމީ އަބްޠާލުންގެ ލިސްޓުގައި: އަދުރޭ

މުހައްމަދު އައުޒަމް

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ނަންފުޅު ލިޔުއްވަން ޖެހޭނީ އުތީމު މަހާރަދުންނާއި، ބަންޑާރައިންނާއި، ހުސައިން އާދަމް ފަދަ ބޭބޭފުޅުންގެ ނަންފުޅާއެކު އަބްޠާލުންގެ ލިސްޓުގައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން މިރޭ ބާއްވަމުންދާ މުޒާހަރާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ރައީސް ޔާމީން އެ ދެއްކެވި ސާބިތުކަމާއި އެ ކުރެއްވި ހިތްވަރާއި އެ ދެއްކެވި ކެތްތެރިކަމާއި އެ ވެވަޑައިގެންނެވި ގުރުބާނީއަކީ އުތީމު މަހާރަދުން ވެސް މި ގައުމަށްޓަކައި ވެވަޑައިގެންނެވި ގުރުބާނީ ކަމަށެވެ.

"އަޅުގަނޑު މިދަންނަވަނީ އުތީމު މަހާރަދުންނާއި، ބަންޑާރައިންނާއި، ހުސައިން އާދަމް ހިމެނޭ ލިސްޓުގައޭ ރައީސް ޔާމީންގެ ނަންފުޅު ލިޔަންޖެހޭނީ. މިއަދު މި ހާލަތުގައި ރައީސް ޔާމީން ވޭތުވެގެންދިޔަ ފަސް އަހަރު އެ ދެއްކެވި ސާބިތުކަމާއި އެ ކުރެއްވި ހިތްވަރާއި އެ ދެއްކެވި ކެތްތެރިކަމާއި އެ ވަޑައިގެންނެވި ގުރުބާނީއަކީ އުތީމު މަހާރަދުން ވެސް މި ގައުމަށްޓަކައި ވެވަޑައިގެންނެވި ގުރުބާނީ. ޞަލާހުއްދީން އައްޔޫބީ އެމަނިކުފާނު ގައުމަށްޓަކައި ވެވަޑައިގެންނެވި ގުރުބާނީ. ޖޯޖް ވޮޝިންޓަން އެމެރިކާއަށްޓަކައި ވެވަޑައިގެންނެވި ގުރުބާނީ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ކުރިން އެމްޑީޕީގެ ވެރިކަމުގައި ކުރި ކަމަކީ މިގައުމުގެ ހަރު މުދާތައް ވިއްކާލުން ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި މިނިވަންކަމުގެ މައި ދޮރާށި ހުޅުލޭ އެއާޕޯޓާއި ދިރާގާއި ފެން ކުންފުނި ވިއްކާލައި، އައިލެންޑް އޭވިއޭޝަން ވިއްކާލުމަށް ތައްޔާރުކުރި ކަމަށެވެ.

"މިއީ ނޫންތޯ ކުރެއްވި ކަމަކީ. ތަރައްގީއަށް ކޮން ކަމެއްތޯ ކުރެއްވީ. މިގައުމުގެ އިޖްތިމާއީ އަދާލަތު ނަގާލީ، މިގައުމުގެ ގާނޫނުގެ ބާރު ކަނޑުވާލީ، ފަނޑިޔާރު ގޭގެ އަޑު ކަނޑާލީ. އަޅުގަނޑުމެންގެ މާތް ދީން ފިޔަވާ އެހެން ދީންތަކުގެ މީހުންނަށް އަޅުކަން ކުރުމަށް ޖާގަ ހޯދުމަށް މަސައްކަތްކުރެއްވީ. ކީރިތި ގުރުއާނަށް ހަޖޫ ޖެއްސެވީ. ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރެއްވީ. މިއަދު ރާއްޖޭގެ ކޮންމެ ރަށަކަށް ވަޑައިގަތަސް ފެންނާނީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ،" އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ފިއްލަވަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަކީ ގައުމު ދޫކުރައްވައި ފިއްލަވަން އުޅުއްވާނެ ބޭފުޅެއް ނޫން ކަމަށެވެ.