ކޮލަމް

މުސްލިމުންގެ ތައުލީމީ ނިޒާމުގެ ތާރީޚީ ކުރިއެރުން

އަބްދުﷲ ފާރޫގް ހަސަން

ޢިލްމަކީ އިންސާނީ ހަޔާތުގެ ބައެކެވެ. އިންސާނަކު ފުރިހަމަ އިންސާނަކަށް ވަނީ އިލްމުގެ ސަބަބުންނެވެ. އޭނާ ރަށްވެހިކަމާއި ތަމައްދުނާއި ތަހްޒީބުގެ ބޮންތިއަށް ވާސިލުވ ަނީ އިލްމީ ހަރުތަކުން މައްޗަށް އަރައިގެންނެވެ. ޝައްކެއްނެތެވެ. އަރަހުށި މާތްﷲ އިންސާނާ ލައްވައިފައިވަނީ އެންމެ މާތް އެންމެ ޝަރަފްވެރި މަޚްލޫޤު ކަމުގައެވެ. އެކަމަކު އިންސާނާ އެދަރަޖައިގައި ހިމެނުމަށްޓަކައި އޭނާގެ ކިބައިގައި އެންމެ ކުޑަ މިނުންވެސް އަސާސީ މިންގަނޑެއްގެ އިލްމު ހުރުމީ ލާޒިމުކަމެކެވެ. އާދެ، އޭނާޔަށް އޭނާގެ ޚާލިޤަކީ ކޮބައިކަންއެނގުމެވެ.އޭނާ ހެއްދެވި ފަރާތަކީ ކޮބައިކަން އެނގުމެވެ. އެފަރާތުން އޭނާ ދުނިޔެއަށް ފޮނުއްވީ ކޮން މަޤްސަދެއްގައިކަން އެނގުމެވެ. އޭނާގެ ޚާލިޤު އިންސާނެއްގެ ހައިޘިއްޔަތުން އޭނާއާ މަތިކުރައްވައިފައިވާ މަސްއޫލިއްޔަތަކީ ކޮބައިކަން އެނގުމެވެ. މިކަންކަން މޭރުންނުވާ މީހަކީ އިންސާނެއްގެ ސިފައިގައި ހުރިކަމުގައިވިޔަސް އިންސާނީ ވަންތަކަމަށްވުރެ މާދަށުދަރަޖައެއްގެ މީހެކެވެ. އޭނާ އިންސާނުންގެ ގިންތީގައި ހިމެނޭން ބޭނުންކަމުގައި ވާނަމަ ޢިލްމު އުނގެނޭންޖެހެއެވެ. ހަޔާތުގެ މަޤްސަދަކީކޮބައިކަން އޭނާޔަށް އެނގޭނީ އޭރުންނެވެ. ސާލިހު މުޖުތަމައެއް ބިނާކުރެވޭނީ ތައުލީމުގެ އެހީގައެވެ. ދިރިއުޅުމަށްޓަކައި ކުރާނެ ޝަރަފްވެރި މަސައްކަތެއް ލިބޭނީވެސް ތައުލިމުގެ އެހީގައެވެ.

އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. އެދީނުގެ އަސާސް ބިނާވެފައިވަނީ ޢިލްމުގެ މައްޗަށެވެ. އިސްލާމްދީނުގައި އިލްމު އުނގެނުމަށް ބާރުއަޅަަައިފައިވާވަރާ ގާތަކަށްވެސް ދުނިޔޭގެ އެހެން އެއްވެސް ދީނެއްގައި އިލްމުއުނގެނުމަށް ބާރުއަޅައިފައެއް ނުވެއެވެ. އިސްލާމްދީނުގެ ނަބިއްޔާއަށް ބާވައިލެއްވި އެންމެ ފުރަތަމަ ވަޙީ ފައްޓަވައިފައިވަނީ ކިޔެވުމަށް ކުރެއްވި އަމުރުފުޅުންނެވެ. ކިޔެވުމަކީ ދީނާއި، އިލްމާއި، ފަންނާއި، ތަހްޒީބާއި ތަމައްދުނުގެ އަސާސެވެ.

އަޅުގަނޑުމެން ތާރީޚުގެ ތެރެއަށް ވަދެ އެކޮޅުމިކޮޅު ހޯދައިބަލައިލުމުން އެނގެނީ އިންސާނީ ބުއްދިޔަށް އަލިކަން ލިބެނީ ކިޔެވުމުންކަމެވެ. އާދެ، ކިޔެވުމަށް ކުރެއްވި އަމުރުފުޅަށް ތަބާވެގެންކަމެވެ. އިސްލާމްދީން ވަނީ ތައުލީމުގެ ވަރަށް ފުރިހަމަ ތަސައްވުރެއް ހުށަހަޅައިފައެވެ. އިސްލާމްދީން ވަނީ ޖާހިލު މުޖުތަމައެއް ޢިލްމުގެ ނޫރުން އަލިކޮށް ތަހުޒީބީ މުޖްތަމައަކަށް ހަދައިފައެވެ. ކަމާދާކަހަލަ ސަބަބަކާނުލައި ވެސް އެކަކު އަނެކަކާ ކަނޑިއާއި ކަނޑިއެޅުން އާދަވެފައި ތިބިބަޔަކަށް އުޚުއްވަތާއި އެއްބަނޑުއެއްބަފާކަމުގެ ބޭނުންތެރިކަން އުނގަންނައިދީފައެވެ. އެންމެންނަށް ވެސް ތައުލީމުގެހަމަހަމަ ފުރުސަތުތަކެއް ލިބިފައިވާ މުޖުތަމައެއް ޤާއިމްކޮށްފައެވެ. އިސްލާމްދީން ގޮވައިލަނީ އެންމެންވެސް ޢިލްމު އުނގެނުމަށެވެ. އަންހެނަކަށްވިޔަސް ފިރިހެނުންނަކަށްވިޔަސް އެންމެންވެސް ކިޔެވުމަށެވެ. މިނިވަނަކަށްވިޔަސް އަޅަކުކަމުގައި ވިޔަސް ޖާހިލުކަމުގައި ނުހުރުމަށެވެ. އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ ޢަލައިހިވަސައްލަމަ އާއި، އަލްޚުލަފާއުއްރާޝިދޫންގެ ދައުރުގެތާރީޚުން ވެސް އަދި އުމަވީންނާއި އައްބާސީންގެ ޒަމާނުގެތާރީޚުންވެސް ފެންނާންހުރީ ޢިލްމީ ތަރައްޤީގެ މިސާލުތަކެވެ. މުސްލިމުން ވަނީ ޢިލްމުގެ ހުރިހާ މައިދާންތަކެއްގައި ވެސް އިންސާނީ ބުއްދިތައް އަންތަރީސްވާފަދަ ކުރިއެރުންތަކެއް ހޯދައިފައެވެ.

އިސްލާމްދީން އުނގަންނައިދޭ ގޮތުގައި އީމާންކަމަށް މަގުދައްކަނީ ޢިލްމެވެ. ދުނިޔޭގައި އިންސާނާ ހިނގާންވީ ސަރާސަރުމަގު ފެންނަނީ ޢިލްމުގެ ދަންމަރުގެ އަލީންނެވެ. ފާފައިން ސަލާމަތްވެ ރުއްސެވުމާއި ފުއްސެވުން ހޯދޭން އޮތީވެސް އިންސާނާ ޢިލްމު އުނގެނިގެންނެވެ. ނަރަކައިން މުއްތިވެ ސުވަރުގޭގެ ހައްޤުވެރިޔަކަށް ވެވޭނީވެސް ޢިލްމުގެ މަގުދެއްކުމާ ލައިގެންނެވެ. ޢިލްމުން މަހްރޫމްވެފައިވާ މީހާ ޙަޔާތުގެ އަމަލީ މައިދާނުގައިވެސް ފިކުރީ ވެށީގައިވެސް ހުންނާނީ ފަހަތަށް ފޭދިފައެވެ. ކުރިޔަށް ހިނގައިގަންނާން ނޭގިފައެވެ. އާގަމަވެފައެވެ.

ތައުލީމުގެ އަހަންމިއްޔަތު - ކީރިތި ޤުރުއަނުގައި

ކީރިތި ޤުރްއާނުގައި ޢިލްމަށް ދެއްވައިފައިވާ އަހަންމިއްޔަތުގެ އެންމެ އަލިގަދަ ހެއްކަކީ އެންމެ ފުރަތަމަވެސް ކިޔެވުމުގެ އަމުރުފުޅުން ވަޙީބާވައިލައްވާން ފެއްޓެވިކަމެވެ. ގަލަމުގެ ޒަރީއާއިން އިންސާނާއަށް ޢިލްމު އުގަންނައިދެއްވި ވާހަކަ ބަޔާންކުރައްވައިފައިވާކަމެވެ. އާދެ، ކީރިތި ޤުރްއާނުން އެންމެފުރަތަމަ ބާވައިލެއްވި ފަސްއާޔަތުގައި ވަނީ މިދަންނަވާ ފަދައިންނެވެ.

"ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައިވިދާޅުވާށެވެ ! އެކަލާނގެއީ (ހުރިހާތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ ގަނޑުލޭކޮޅަކުން އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައިވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ ޤަލަމުން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ." ( އަލްޢަލަޤު1 -5)

މާތްﷲގެ ވަޙީބަސްފުޅުގެ ޒަރީޢާއިން މިވަނީ ޢިލްމުގެއަަހަންމިއްޔަތު އިންސާނުންގެ ސަމާލުކަމަށް ގެންނަވައިފައެވެ. އިންސާނީ ހަޔާތުގެ އެންމެ ޚާއްޞަ ދާއިރާއަކީ ޢިލްމުކަން ސަރީހު ބަސްފުޅުން ބަޔާންކޮށްދެއްވައިފައެވެ. މުސްލިމުން ދިރިއުޅޭންވީ ޖާހިލު ކަމުގެ އަނދިރީގެތެރެޔަކު ނޫންކަމާއި އިލްމުގެ ނޫރުގެ ތެރޭގައިކަން އަންގަވައިފައެވެ. ބަޔާންވެދިޔަ މަތިވެރި އިލާހީ ބަސްފުޅުން އިރުޝާދު ލިބޭގޮތުގައި މުސްލިމަކު މުސްލިމަކަށް ވުމަށްޓަކައި އިލްމުގެ ރޭފަނާއަރާންޖެހެއެވެ. ހަމައެކަނި ކިޔާން އެނގުމަކުންވެސް ނުފުދެއެވެ. މުސްލިމުންނަށް ގަލަމުގެ ޒަރީއާއިން ލިޔަންވެސް އެނގޭންޖެހެއެވެ.

ކީރިތި ޤުރްއާނުގައި ވަރަށްގިނައިންވަނީ ދަންނަމީހުންނާއި ނުދަންނަމީހުންގެ ތަފާތު ބަޔާންކުރައްވައިފައެވެ. އިންސާނުން ޢިލްމަށް ޝައުޤުވެރި ކުރުއްވައިފައެވެ. ވަޙީކުރައްވައިފައިވެއެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެހެއްޔެވެ؟ ނަސޭހަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހުލުވެރިންނެވެ. (އައްޒުމަރު:9)
އަދިވެސް ވަޙީކުރައްވައިފައިވެއެވެ.

"އަދި ކަނުމީހާއާއި، ލޮލަށްފެންނަމީހާއާ ހަމަހަމަވެގެނެއް ނުވެއެވެ. އަދި އަނދިރިކަމާއި އަލިކަމާވެސް ހަމަހަމަވެގެނެއްނުވެއެވެ. އަދި ހިޔަލާއި ގަދަ އަތްވާވެސް ހަމަހަމަވެގެނެއް ނުވެއެވެ." (ފާޠިރު:19-21)

"ކަލޭގެފާނު ވިދާޅުވާށެވެ! ނުބައިކަންތަކުގެ ގިނަކަން ތިބާ އަޖައިބު ކޮށްލިޔަސް، ނުބައިކަންތަކާއި ރަނގަޅުކަންތައް ހަމަހަމަވެގެނެއް ނުވެއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! ފަހެ، ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ." (އަލްމާއިދާ:100)

"ކާފިރުވީ މީހުން ބުނެތެވެ.ކަލޭގެފާނީ، ފޮނުއްވައިފައިވާ ބޭކަލެއްނޫނެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނާއި ތިޔަބައިމީހުންނާ ދެމެދުގައި ހެތްކެއްކަމަށް ﷲ ފުދެއެެވެ. އަދި ފޮތުގެ ޢިލްމުލިބިގެންވާ މީހުންވެސްމެއެވެ." (އައްރަޢުދު: 43)

"ތިޔަބައި މީހުންގެތެރެއިން އީމާންވިމީހުންނާއި ޢިލްމު ލިބިގެންވާމީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. ﷲއީ ތިޔަބައިމީހުންކުރާކަންތައް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."(އަލްމުޖާދަލާ: 11 )

އާދެ، މިކީރިތި އާޔަތުަގައި މިވަނީ އަރަހުށި މާތްﷲ ޢިލްމުވެރީން ދަރަޖަތަކަަކަށް އުފުއްލަވާނެކަން ބަޔާންކޮށްދެއްވައިފައެވެ.

ކީރިތި ޤުރްއާނުގައި ޢިލްމުގެ ވާހަކަ އައްޑިހަފަހަރުވަނީ ބަޔާންކުރައްވައިފައެވެ. ޢިލްމުގެ މުހިންމުކަން އެނގޭ އެއްކަމަކީ އިލްމު އުނގަންނައި ދެއްވުން އެދިވަޑައިގެން ދުޢާކުރައްވަން އަރަހުށި މާތްﷲ އެކަލާނގެ ނަބިއްޔާއަށް އަމުރު ކުރައްވައފައިވާކަމެވެ. ދުއާކުރައްވާނެގޮތް ދަސްކޮށްދެއްވައިފައިވާކަމެވެ. ވަޙީ ކުރައްވައިފައިވަނީ މިފަދައިންނެެވެ.

"އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެއެވެ!" (ޠާހާ:114)

އިސްލާމްދީން ދަސްކޮށްދޭގޮތުގައި އިލްމު ހާޞިލުކުރުމުގެ މަޤްޞަދު ވަރަށް މަތިވެރިއެވެ. އިލްމު ހާސިލްކުރުމުގައި އިޚްލާސްތެރިވާންޖެހެއެވެ. ޢިލްމު ހާޞިލްކުރާންވީ ތިމާއަކީ ވަރަށްބޮޑު ޢިލްމުވެރިއެކޭ މީސްތަކުންގެ ދޫތަކުން ބުނުވާކަށެއްނޫނެެވެ.

ނުނިމޭ