އެމްޓީސީސީ

ކެޔޮދޫ ބަނދަރު މަޝްރޫއުގެ މަސައްކަތް 29 މިލިޔަނަށް އެމްޓީސީސީއާ ހަވާލު ކޮށްފި

ވ. ކެޔޮދޫ ބަނދަރު މަޝްރޫއު ފޭސް ދޭއްގެ މަސައްކަތް 29،723،199.91 މިލިޔަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލު ކޮށްފިއެވެ.

މިކަމަށްޓަކައި މިނިސްޓްރީ އޮފް ޕެލޭނިންގް އެންޑް އިންފްރާންސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހުއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ މި މަޝްރޫއުގެދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ 362 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއް ޖެހުމާއި، 97 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމުގެ އިތުރުން 212 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮއްޓެއް ޖެހުން ކަމަށެވެ.

މީގެ އިތުރުން ނެރުބައްތި ޖެހުމާއި، ބަނދަރުގެ ނެރު ފުން ކުރުމާއި ރޭމްޕެއް ހެދުމުގެ އިތުރުން އެއްގަމު ތޮއްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގައި ލައިޓް ޖެހުން ހިމެނޭ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 280 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ.