މިދިޔަ ހޮނިހިރު ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާ ތިން ދާއިރާއަކުން ހުށަހަޅާފައިވާ ބައެއް ޝަކުވާތަކަށް ބަލައި 74 ވޯޓު ފޮށްޓެއް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ދާދި ދެންމެ ވިދާޅުވީ އަލުން ގުނަން ނިންމާފައި ވަނީ މާވަށު ދާއިރާގެ 69 ފޮށްޓަކާއި މަޑުއްވަރީ ދާއިރާގެ ހަތަރު ފޮށްޓަކާއި މާމިގިލީ ދާއިރާގެ އެއް ފޮށްޓެވެ.
އޭގެ ތެރެއިން މަޑުއްވަރީ ދާއިރާގެ 69 ފޮށި ގުނަން ނިންމީ އެމްޑީޕީގެ ކެންޑިޑޭޓުގެ ފަރާތުން ހުށަހެޅުއްވި ޝަކުވާ ތަކަކާ ގުޅިގެން އެމައްސަލަ ކޮމިޝަނުން ބެއްލެވުމަށްފަހު އެވެ. މަޑުއްވަރީ ދާއިރާގެ ގުނަން ނިންމާފައި ވަނީ މަޑުއްވަރީގައި ހުރި ދެ ވޯޓު ފޮށްޓަކާއި މީދޫގައި ހުރި ދެ ފޮށްޓެކެވެ.
މާމިގިލީ ދާއިރާގައި އަލުން ގުނަން ނިންމާފައި ވަނީ އެ ދާއިރާގެ ފެންފުށީގައި ހުރި ވޯޓު ފޮށްޓެކެވެ. އެ ފޮށި ގުނަން ނިންމީ އާދަޔާ ޚިލާފަށް ގިނަ ވޯޓުތަކެއް ބާތިލުކޮށްފައިވާ ކަމުގެ ޝަކުވާއެއް އެދާއިރާގެ އިންތިޚާބުގެ ކާމިޔާބުކުރެއްވި ގާސިމް އިބްރާހީމްގެ އިންތިޚާބީ އެޖެންޓުގެ ފަރާތުން ހުށަހަޅާފައި ވާތީ ކަމަށް އަކްރަމް ވިދާޅުވި އެވެ.