ޖުމުހޫރީ ޕާޓީގެ ރައީސް، އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ ޕާޓީގެ މައި ވައިބަރު ދެ ގުރޫޕުން ނިކުމެވަޑައިގެންނެވި ގޮތަށް އަދިވެސް ހުންނެވީ ބޭރުގަ އެވެ. އޭގެ ފަހުން މިހާރު މި ވަނީ ދުވަސްތަކެއް ވެފަ އެވެ.
ޕާޓީގެ ލީޑަރަށް ފަހު އެންމެ އިސް މަގާމެއްގައި ހުންނެވި ޖޭޕީގެ ރައީސް، ޕާޓީގެ އެންމެ މުހިންމު ދެ ގުރޫޕުން ނިކުމެވަޑައިގަތުން އެއީ ކުއްލިއަކަށް ހިނގިކަމެއް ނޫނެވެ. އަލީ ވަހީދު އެ ނިންމުން ނިންމެވީ ބޭރުފުށުން ނޫސްތަކުން ފެންނަ ކަންކަމަށްވުރެ ބޮޑަށް ގުރޫޕު ތެރޭގައި ހިނގައިދިޔަ ހޫނު ބަހުސްތަކަކަށް ފަހު އެވެ. އެތެރޭގެ ކަންކަން އެނގިވަޑައިގެން ހުންނެވި ޖޭޕީގެ ކައުންސިލް މެންބަރަކު ވަނީ އެ ވާހަކަތައް ވަރަށް ތަފްސީލުކޮށް "ވަން އޮންލައިން"އަށް ކިޔައިދީފަ އެވެ.
"އަސްލު އެންމެ ހޫނު ހަމަލާތަކެއް ބަދަލުކުރަމުން ދިޔައީ އަމީން އިބްރާހީމާ އަލީ ވަހީދާ ދެމެދު." ޖޭޕީގެ ކައުންސިލް މެންބަރު ވިދާޅުވި އެވެ.
ކައުންސިލް މެންބަރު ވިދާޅުވީ އަލީ ވަހީދާއި އަމީން އިބްރާހީމާ ދެބޭފުޅުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރަމުން ދިޔަ އިރު އެކަމަށް ގުރޫޕުގައި ދެން ތިއްބެވި ބޭފުޅުން މާބޮޑު އެއްޗެއް ވިދާޅު ނުވާ ކަމަށެވެ.
"އޭގަ ވާގޮތަކީ އަމީނަކީ ގާސިމް އަރިހުގައި އުޅުއްވާތާ ވަރަށް ޒަމާންވީ އަރިސް ބޭފުޅެއް. އަލީ ވަހީދަކީ ޕާޓީގެ ރައީސް އަދި މިއަދު ޖޭޕީގެ ސްލޮޓެއްގައި ހުންނެވި ޓޫރިޒަމް މިނިސްޓަރު. އެފަދަ ދެބޭފުޅުންގެ މެދަށް ވަންނަން އެހެން ބަޔަކު ބޭނުންވެސް ނުވަނީ ކަންނޭނގެ. ލީޑަރުވެސް އެދެބޭފުޅުންގެ ބަހުގެ ހަމަލާތަކުގެ މެދަށް ވަދެވަޑައިގެން އެއްޗެއް ވިދާޅެއް ނުވޭ."
ބަހުގެ ހަމަލާ ތަކުގެ ތެރޭން އަމީން ވަނީ ޖޭޕީގެ ތެރެއަށް ކަނޑު ފޭރޭ ބަޔަކު ވަދެގެން އުޅޭ ކަމަށް އަލީ ވަހީދު ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ. އެ ފަދަ ވާހަކަތައް ނުދެއްކުމަށާއި އަލީ ވަހީދުގެ އެދައްކާ ވާހަކަތަކުން ޖޭޕީއަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށާއި ލިބޭނީ ގެއްލުން ކަމަށް ވެސް އަމީން ވިދާޅުވި ކަމަށް "ވަން އޮންލައިން"އަށް މައުލޫމާތުދިން ބޭފުޅާ ވިދާޅުވި އެވެ.
ކަނޑުފޭރޭ ބަޔަކު ޖޭޕީ ތެރެއަށް ވެދެގެން އުޅޭ ކަމަށް ވިދާޅުވެ އަލީ ވަހީދު ދެއްކެވި ވާހަކަތަކުގައި މާނަ ކުރެއްވީ ޕީޕީއެމް މެންބަރުންގެ ތެރެއިން އިންތިޚާބުގެ ދުވަސްވަރު ޖޭޕީ ތެރެއަށް ވަޑައިގެން އުޅުއްވި ބައެއް ބޭފުޅުންނަށް ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެ އެވެ. އެއީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި ފުނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އާއި ވިލިމާލޭ ދާއިރާގެ މެންބަރު ނިހާން ފަދަ ބޭފުޅުންނެވެ.
އަމީންގެ އެ ވާހަކަތަކާ ގުޅިގެން އަލީ ވަހީދު ވެސް ގިނަ ވާހަކަތަކެއް ގުރޫޕު ތެރޭގައި ދައްކަވާފައިވެ އެވެ. ބަހުގެ ހަމަލާތައް ހޫނުވެ އެންމެ ފަހުން އަލީ ވަހީދު ވަނީ އިނގެރޭސި ވިލާތުގައި ހުންނަވައިގެން ޕާޓީއަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ވިދާޅުވެ އަމީން އިބްރާހީމަށް ސުވާލެއް ކުރިމަތިކުރުވައިފަ އެވެ.
ޖޭޕީގެ ކައުންސިލް މެންބަރުން ތިއްބަވާ ދެ ވައިބަރު ގުރޫޕު އޮންނަ އިރު އޭގެން އެއް ގުރޫޕަކީ އާންމު ވާހަކަތައް ދެއްކޭ، ތަންކޮޅެއް ނުރަސްމީ ގުރޫޕެކެވެ. ދެން އޮންނަނީ ކައުންސިލްގެ ރަސްމީ ވައިބަރު ގުރޫޕެވެ. އެ ގުރޫޕުގައި ދެއްކޭނީ ރަސްމީ އަދި ސީރިއަސް ވާހަކަތަކެވެ.
ދެ ގުރޫޕުގައި ވެސް ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިންނަވަ އެވެ.
އެންމެ ފުރަތަމަ އަލީ ވަހީދު ނިކުންނެވީ ނުރަސްމީ ގުރޫޕުންނެވެ. އެއީ މަޑުއްވަރީ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓް އަމީތުގެ ކެމްޕޭން ތެރޭގައި އުޅުއްވަމުންނެވެ. ރަސްމީ ވައިބަރު ގުރޫޕުން އަލީ ވަހީދު ނިކުންނެވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންގެ ކެމްޕޭން ތެރޭގައި އުޅުއްވަމުންނެވެ.
އޭގެ ފަހުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ ނުސީދާ ބަހުގެ ހަމަލާތަކެއް ވެސް އަލީ ވަހީދަށް ރައްދުވެފައިވާ އިރު، ކުރިޔަށް އޮތް ތަނުގައި އަލީ ވަހީދު ކަންތައްތައް ކުރައްވާނެ ގޮތެއް ނޭނގެ އެވެ.
އެކަމަކު ޖޭޕީގެ ކައުންސިލް މެންބަރު ވިދާޅުވީ އަލީ ވަހީދާ ޕާޓީ ދެމެދު އެއްވެސް ކަހަލަ މައްސަލައެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ސަރުކާރުގެ އެހެން ވަޒީރަކު ވެސް ޕާޓީ ދޫކުރައްވައި ވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ޖޭޕީ ކުރިޔަށް މި އޮތް ފަސް އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށް އިޚުލާސްތެރިކަމާ އެކު މަސައްކަތްކުރުން މަތީ ދެމިއޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.