މާވަށު ދާއިރާގެ ވޯޓު އަލުން ގުނުމުން ވެސް ނަތީޖާއަށް ބަދަލެއް ނައިސް، އެ ދާއިރާގެ ގޮނޑި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކާމިޔާބުކުރައްވައިފިއެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި މާވަށު ދާއިރާއަށް ވާދަކުރެއްވި ސައީދާއި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އިބްރާހިމް ފަލާހުއާ ދެމެދު ކުރިން ފަސް ވޯޓުގެ ފަރަގެއް އޮތް ނަމަވެސް، ފަހުން ވޯޓު ގުނުމުން އެ ފަރަގު ވަނީ ހަތަރު ވޯޓަށް ކުޑަވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު މާވަށު ދާއިރާގެ ވޯޓު އަލުން ގުނާފައިވަނީ އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެންނެވެ. އަލުން ވޯޓު ގުނި ނަމަވެސް، ނަތީޖާ އެނބުރޭ ފަދަ ބަދަލެއް އައިސްފައެއް ނުވެއެވެ.
މާވަށު ދާއިރާގެ ފޮށީގެ އިތުރުން މިއަދު ވަނީ މާމިގިލީ ދާއިރާގެ ބާތިލް ވޯޓު ގުނައިފައެވެ. ނަތީޖާ ގުނުމުން މާމިގިލީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ގާސިމް އިބްރާހީމާއި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަލީ އަމީޒަށް ވަނީ ވޯޓު އިތުރުވެފައެވެ. ނަމަވެސް އެ ދެ ކެންޑިޑޭޓުންގެ ތެރެއިން ގާސިމަށް ގިނައިން ވޯޓު ލިބިވަޑައިގެންނެވުމުން ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތް ފަރަގު ވަނީ އިތުރުވެފައެވެ.
މާމިގިލި ދާއިރާގެ ވަގުތީ ނަތީޖާއިން ކުރިން ގާސިމަށް 1081 ވޯޓު ލިބިފައިވާ އިރު، އަލުން ބާތިލް ވޯޓު ގުނުމުން އިތުރު 64 ވޯޓާއެކު ގާސިމަށް ވަނީ ޖުމްލަ 1145 ވޯޓު ލިބިފައެވެ. އަމީޒަށް ބާތިލް ވޯޓު އަލުން ގުނުމުގެ ކުރިން ވަނީ 1001 ވޯޓު ލިބިފައެވެ. މިރޭ އިލެކްޝަނުން އަލުން އެ ދާއިރާގެ ބާތިލް ވޯޓު ގުނުމުން އަމީޒަށް ވަނީ އިތުރު 45 ވޯޓު ލިބި، ލިބުނު ޖުމްލަ ވޯޓުގެ އަދަދު 1046 އަށް އަރައިފައެވެ.