ޚަބަރު

ބާތިލް ވޯޓު ގުނުމުން ގާސިމް އިންތިހާބު ކާމިޔާބު ކުރެއްވި ފަރަގު ވީ ބޮޑު!

މަރިޔަމް ޝަހުދާ

މާމިގިލި ދާއިރާއިން މާމިގިލީގައި ހުރި ފޮށިތަކުގެ ބާތިލް ވޯޓު އަލުން ގުނުމުންވެސް އެދާއިރާގެ މިހާރުވެސް މަޖިލީހުގެ މެމްބަރުކަން ކުރަމުން އަންނަ ގާސިމް އިބްރާހީމަށް ކުރިއަށް ވުރެ ބޮޑު ފަރަގަކުން އިންތިހާބު ކާމިޔާބު ކުރެވިއްޖެއެވެ.

މާމިގިލި ދާއިރާގެ ބާތިލް ވޯޓު އަލުން ގުނުމަށް އިލެކްޝަނުން ނިންމާފައިވަނީ އެ ދާއިރާގެ ނަތީޖާ ބަދަލުވާނެ މިންވަރަށް ބާތިލް ވޯޓު ގިނަވުމާ ގުޅިގެންނެވެ. އެ ދާއިރާގެ ބާތިލް ވޯޓުތައް އިލެކްޝަނުން ގުނާފައިވަނީ މިރޭގެ ވަގުތެއްގައެވެ.

މިގޮތުން މާމިގިލި ދާއިރާގެ ވަގުތީ ނަތީޖާއިން ކުރިން ގާސިމަށް 1081 ވޯޓު ލިބިފައިވާ އިރު، އަލުން ބާތިލް ވޯޓު ގުނުމުން އިތުރު 64 ވޯޓާއެކު ގާސިމަށް ވަނީ ޖުމްލަ 1145 ވޯޓު ލިބިފައެވެ. އެ ދާއިރާއިން ގާސިމާ އެންމެ ކައިރިން ވާދަކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަލީ އަމީޒެވެ. އެގޮތުން އަމީޒަށް ބާތިލް ވޯޓު އަލުން ގުނުމުގެ ކުރިން ވަނީ 1001 ވޯޓު ލިބުފައެވެ. މިރޭ އިލެކްޝަނުން އަލުން އެ ދާއިރާގެ ބާތިލް ވޯޓު ގުނުމުން އަމީޒަށް ވަނީ އިތުރު 45 ވޯޓު ލިބި، ލިބުނު ޖުމްލަ ވޯޓުގެ އަދަދު 1046 އަށް އަރައިފައެވެ. ނަމަވެސް ކުރިއަށް ވުރެ ގާސިމާއި އަމީޒަށް ލިބުނު ވޯޓުގެ ފަރަގު ވަނީ އިތުރުވެފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް ގާސިމަށް ލިބުނު ވޯޓާއެކު ޖުމްހޫރީ ޕާޓީއަށް ވަނީ ފަސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެވެ. މި އިންތިހާބުގައި މަޖިލީހުގެ ސުޕާ މެޖޯރިޓީ އާއެކު އެމްޑީޕީއިން ވަނީ ރާއްޖޭގެ ތާރީހު ނުދެކޭވަރު ކާމިޔާބީއެއް ހޯދައިފައެވެ.