ރައީސް އޮފީސް

މަޖިލިސް އިންތިޚާބުގައި ހޯދި ކާމިޔާބާ ގުޅިގެން ލަންކާގެ ޕްރައިމް މިނިސްޓަރު ރައީސް ސޯލިހަށް މަރުހަބާ ދަންނަވައިފި

މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ހޯދައި މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އެމްޑީޕީން ނެގުމާ ގުޅިގެން ސްރީލަންކާގެ ޕްރައިމް މިނިސްޓަރު ރަނިލް ވިކްރަމްސިންހާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަށް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ބޮޑު ވަޒީރުގެ ގުޅުއްވައި މަރުހަބާ ދެންނެވުމާ ގުޅިގެން ރައީސް ސޯލިހު އެކަމަށް ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ޕްރެސް ސްޓޭޓްމެންޓެއްގައި ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ރައްޔިތުން މި ސަރުކާރަށް ދިން ފުރިހަމަ ތާއީދަށް ޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް ސޯލިހަށް ލަންކާގެ ބޮޑު ވަޒީރު މި ކުރެއްވި ފޯނު ކޯލުގައި ދެބޭފުޅުން ވަނީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވެސް ވާހަކަފުޅުދައްކަވައިފަ އެވެ.

އެ ގޮތުން ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާ އާއި އެހެނިހެން ވިޔަފާރި ކުރިއެރުވުމާއި އަމިއްލަ ފަރާތްތަކާ އެކު އޮންނަ ގުޅުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ފޯނު ކޯލު ނިންމަވައިލައްވަމުން، ލަންކާގެ ރައްޔިތުންނަށް އަންނަން އޮތް ސިންގަޅަ އަދި ތަމަޅަ އާ އަހަރުގެ ތަހުނިޔާ ރައީސް ސޯލިހު ފޮނުއްވި ކަމަށް ވެސް ރައީސް އޮފީހުގެ ސްޓޭޓްމެންޓުގައި ބުނެފައިވެ އެވެ.