ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

އިތުރު 10 ރިސޯޓަކަށާއި 40 ގެސްޓްހައުސްއަކަށް ލައިސަންސް ދޫކޮށްފި

މިސަރުކާރުން މިހާތަނަށް 10 ރިސޯޓަކަށާއި 40 ގެސްޓް ހައުސަކަށް ލައިސަންސް ދޫކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

އެގޮތުން ސަރުކާރުން މިހާތަނަށް 40 ގެސްޓްހައުސްއަކަށާއި 10 ރިސޯޓަކަށް ލައިސަންސް ދޫކޮށް، ރިސޯޓުގެ އަދަދު 141އަށް އިތުރުވެފައިވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ގެސްޓްހައުސްގެ އަދަދު މިހާރު 545އަށް އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ގެސްޓްހައުސްތަކާއި ރިސޯޓުތަކަށް އެނދު އިތުރުވެފައިވާ މިންވަރަށް ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ ކަމަށެވެ.

އެގޮތުން 1410 އެނދު ރިސޯޓުތަކަށް އިތުރުކުރެވިފައިވާ ކަމަށާއި ގެސްޓްހައުސްގެ އެނދުގެ އަދަދު ވެސް 640އަށް އިތުރުވެއްޖެ ކަމަށެވެ. އެއާއެކު ގެސްޓްހައުސްތަކުގައި ޖުމްލަ 8944 އެނދު މިހާރު އެބަހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޑައިވިން ސެންޓަރުތައް ވެސް އިތުރަށް ރަޖިސްޓްރީ ކުރަމުން ގެންދާކަން ފާހަގަކުރައްވައި އަލީ ވަހީދު ވިދާޅުވީ އިތުރު 12 ޑައިވިން ސެންޓަރާއެކު 221 ޑައިވް ސެންޓަރު ރާއްޖޭގައި މިހާރު އެބަހުރި ކަމަށެވެ.

އަދި 22 ޓްރެވަލް އެޖެންސީ ރަޖިސްޓްރީކޮށްދީފައިވާ ކަމަށާއި އެއާއެކު 335 ޓްރެވަލް އެޖެންސީ މިހާރު އެބަ ހުރި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި 30 ރިސޯޓް ހުޅުވާނެ ކަމަށެވެ.

މީގެއިތުރުން އަލީ ވަހީދު ވިދާޅުވީ ދިވެހިރާއްޖެއަކީ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ހިތްފަސޭހަ މަންޒިލަކަށް ހެދުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

އެހެންކަމުން މިފަސް އަހަރު ނިމޭއިރު ދިވެހިރާއްޖެއަކީ ދުނިޔޭގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.