ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޗެކް ޕޮއިންޓަކުން ފުލުހުން މަޑުކުރަން އެނގުމުން ވެސް މަޑުނުކޮށް ފިލަން އުޅެނިކޮށް، އެކްސިޑެންޓްވެއްޖެއެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ މިރޭ 9:48 ހާއިރު މެދުޒިޔާރަތް މަގު ރައްޔިތުންގެ މަޖިލިސް ކައިރީގައި ޖަހާފައިވާ ވެހިކަލް ޗެކްޕޮއިންޓް ކައިރިން ކަމަށެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ ޗެކް ޕޮއިންޓާ ދިމާއަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރަން ފުލުހުން އެންގުމުން އެ ސައިކަލް ހުއްޓުވުމަށް އެ ސައިކަލްގައި ފުލުހެއް ހިފެހެއްޓި ގަޑީގައި ސައިކަލް ކޮންޓްރޯލް ނުވެގެން ގޮސް، ޕާކްކޮށްފައި އޮތް ވޭނަކާއި ދެ ސައިކަލުގައި ޖެހިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވުމުން އައިޖީއެމްއެޗް އިން ފަރުވާ ދީފައިވާ ކަމަށާއި އެ ސައިކަލް ދުއްވަން އިނީ 18 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ އަތުގައި ލައިސެންސް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.