ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޖަރުމަނަށް

އަހުމަދު ޖައިޝަން

2

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ހެނދުނު ޖަރުމަނަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިނިސްޓަރު ޝާހިދު މިއަދު ޖަރުމަނަށް ފުރާވަޑައިގަންނަވާފައިވަނީ ފަސްވަނަ ބާރލިން އެނާޖީ ޓްރާންސިޝަން ޑައިލޮގުގައި ބައިވެރިވެވަޑައިންނެވުމަށް ކަމަށެވެ.

ތިމާވެށްޓާ އެކުވެރި ހަކަތަ އުފެއްދުމާއި ސިސްޓަމްތައް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ އެ ޑައިލޮގް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާދަމާ އާއި ޖެހިގެން އަންނަ ދުވަހުގައެވެ.

ބާރލިންގައި ބާއްވާ އެ ޑައިލޮގަކީ ތިމާވެށްޓާ އެކުވެރި ހަކަތަ އުފެއްދުމަށް ކުރެވިދާނެ މަސައްކަތްތަކާއި ހެޔޮ އަގުގައި ހަކަތަ އުފެއްދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރާ އެންމެ ބޮޑު އެއް ބައްދަލުވުމެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި ޖަރުމަނުގެ ފެޑެރަލް މިނިސްޓަރ އޮފް ފޮރިން އެފެއާޒާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ދެ މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖެއާއި ޖަރުމަނާ ދެމެދު އޮތް ބައިލެޓަރަލް ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.