ކޮލަމް

ޔަޘްރިބުގެ އުދަރެސް އިސްލާމީ ފަތިހަކަށް ދޮންކޮށްލުން – 3

އަބްދުﷲ ފާރޫގް ހަސަން

އުދަރެސް ރަންވާންފެށުން

ބަޔާންކުރެވުނުފަދައިން އިސްލާމީ ތަހްރީކު ހިނގަމުންދާތާ ދިހަ އަހަރުވެއްޖެއެވެ. މާތްﷲގެ ދީންފެތުރުއްވުމަށް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ މާތްހިތްޕުޅުގައިވާ ވަރުގަދަ ލޯބިފުޅާއި، އެމާތްސާހިބާގެ ހިންމަތްތެރިކަމާއި ކެތްތެރިފުޅުކަމާއި، ސާބިތުކަމުގެ ފޮނި ނަތީޖާ ފެނިވަޑައިގެންނެވުމުގެ ވަގުތު ޖެހިއްޖެއެވެ. " ކުފުރުގެ ދެހަންޖާ ކަނޑައިލައްވަން " ސަހާބީން " ބަނޑުފުޅާއި ބުރަކަށިފުޅުން އަޑުކިޔާންދެން ހިއްޕަވަމުން ގެންދެވިހިއްޕެވުމަށް " ކާމިޔާބީ ލިބިވަޑައިގެންނެވުމުގެ ވަގުތު ޖެހިއްޖެއެވެ. މާތްﷲގެ ދީން އިއްޒަޔްތެރިވުމުގެ ވަގުތު ލައިގެންފިއެވެ.

ހައްޖުމޫސުމެވެ. ހިޖްރައިގެ ދެއަހަރުކުރީގެ ޙައްޖުމޫސުމެވެ. މީލާދީން ހަސަތޭކަ ވިހިވަނައަހަރުގެ ޖުލައިމަހެވެ. ޢަރަބިކަރައިގެ އެކިކަންކޮޅުތަކުން ހައްޖުވެރީންވަނީ މައްކާއަށް ޖަމާވެފައެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެމާތްސާހިބާގެ އާދަފުޅުގެމަތީން އެބައިމީހުންގެތެރެޔަށް ވަޑައިގެންނެވިއެވެ. އިންސާނިއްޔަތުގެ ހެވާއި ލާބަޔަށްޓަކައި އެމާތްސާހިބާ ފައްޓަވައިފައިވާ މުހިންމަތު ކުރިޔަށްގެންދެވިއެވެ. ދުވާލުގެ ދިލަހޫނަކަށް ރޭގަނޑުގެ ކަނު އަނދިރިކަމަކަށް ބައްލަވައިލެއްވުމެއްނެތިއެވެ. މައްކާގެ ފަރުބަދަތަކުގެ ތެރޭގައި ވާދީތަކުގެ އަޑިގުޑަންކަމުގައި އެކި ޤަބީލާތަކުގެ ފޭލިގެތަކަށް ޒިޔާރަތް ކުރައްވަމުންގެންދެވިއެވެ. ފޭލިގެތަކުގެ އަހްލުވެރީންނަށް ޤުރްއާންކިޔަވައި ދެއްވަމުންގެންދެވިއެވެ. ވަޢުޡު ވިދާޅުވެ އުފާވެރިކަމުގެ ޚަބަރުތަކާއި އަޒާބުގެ ވައީދުތައް އިއްވަވަމުން ގެންދެވިއެވެ. ދުނިޔެއިންވެސް އިއްޒަތާއި އައުދާނަކަން ލިބޭނެކަން ޔަޤީންކޮށް ދެއްވަމުންގެންދެވިއެވެ. އެއްވެސް ފަރާތަކުން އުންމީދީ ޖަވާބެއް ލިބިވަޑައެއް ނުގަންނަވައެވެ. ނަމަވެސް މަސައްކަތްޕުޅު ކުޑަކޮށްވެސް ރައިކޮށެއްނުލައްވައެވެ. އެމަސައްކަތްޕުޅުގައި ފޫހިފުޅުކަމެއްނެތި އުޅުއްވަނިކޮށް އެއްދުވަހަކު ހަވީރުވެ އިރު އޮއްސިއްޖެއެވެ.

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ކަނު އަނދިރީގައި ވާދީތަކުގެ ތެރޭގައި ހިންގަވަމުންގެންދެވިއެވެ. އެގޮތަށްހިންގަވަނިކޮށް މައްކާއާ ތަންކޮޅެއް ދުރުން ޢަޤަބާގެތެރެއިން ބަޔަކުމީހުންވާހަކަދައްކާ އަޑުންއިވިވަޑައިގެންނެވިއެވެ. އެ އަޑު ހަމަ އިވިވަޑައިގަތުމާއެކުވެސް މާތްކަންފަތްޕުޅަށް ފަސޭހަފުޅުކަމެއް އިހްސާސްކުރެއްވެވުނެވެ. ހިތްޕުޅަށް ހަމަޖެހުމެއް ލިބިވަޑައިގެންނެވިއެވެ. އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެ އަޑުއިވިވަޑައިގެންނެވިދިމާޔަށް ވަޑައިގެން އެތާނގައި ވާހަކަ ދައްކާންތިބި މީހުންނާ ބައްދަލުކުރެއްވިއެވެ. އެބައިމީހުންނާ ސުވާލުކުރެއްވިއެވެ. " ތިޔައީ ކޮންޤަބީލާއެއްގެ ބަޔަކީމުހެއްޔެވެ؟ " އެބައިމީހުން ދެންނެވިއެވެ. " ޚަޒުރަޖުވަންހައިގެ މީހުންނީމުއެވެ. " އިތުރުސާހިބާ ވިދާޅުބަސްފުޅު އިއްވެވިއެވެ. " ޔަހޫދީންގެ ޙަލީފުން ހެއްޔެވެ؟ " އެބައިމީހުން އާދޭހެވެ ދެންނެވިއެވެ.

އިތުރު ސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘު ކުރެއްވިއެވެ. " ތިޔަބައިމީހުނާ އަހުރެން ވާހަކައެއް ދައްކައިލަން އިރުކޮޅަކު އިށީދެއެއްނުލާނުހެއްޔެވެ؟ " ޚަޒުރަޖުވަންހައިގެ މީހުން ނޫނެކޭ ދަންނަވައިފައި އެންމެން އިށީދެއްޖެއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ވެސް އިށީދެވަޑައިގެން އެބައިމީހުނާ ވާހަކަފުޅުދައްކަވާންފެއްޓެވިއެވެ.

އިތުރު ސާހިބާ އެބައިމީހުންނަށް ތައުހީދުގެ އުސޫލުތައް ބަޔާންކޮށްދެއްވައި އިސްލާމްދީން ތައާރަފުކޮށްދެއްވިއެވެ. އެއަށްފަހު ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވެދެއްވިއެވެ. މާތްﷲ ގެ ކަލާމުފުޅުގެ ކޮންމެ ބަސްފުޅެއް އެބައިމީހުންގެ ހިތްތަކަށް އެބަސްފުޅެއްގެ ކީރިތި މޫރިތިކަން ވެރިކުރުވަމުންދިޔައެވެ. އެބައިމީހުންގެ ހިތްތައް މަޑުކޮށް ކުފުރުގެ ދަބަރު ފިލުވަމުންގެންދިޔައެވެ. ބާއްޖަވެރިކަން އާލާކޮށް ޒަމީރު އަލިކުރަމުން ގެންދިޔައެވެ. އިތުރުސާހިބާގެ ކިޔަވައި ވިދާޅުވުމުގެ ރީތިފުޅުކަމާއި، ކީރިތި ޤުރްއާނުގެ ބަލާޣަތުގެ ތާސީރު އެބައިމީހުންގެ ހިތްތައް ހޭލައްވައިލިއެވެ. އެމީހުންގެ ބުއްދިއާއި ހެޔޮކަމުގެ ޒަމީރު އެމީހުންނަށް މަޝްވަރާ ދިނެވެ. " ޝައްކެއްނެތެވެ. މިބަސްފުޅުތަކަކީ އިންސާނެއްގެ ބަސްތަކެއް ނޫނެވެ. އިސްލާމްދީނަށް މިގޮވައިލައްވަނީ މާތްﷲ ގެ ރަސޫލެއްކަމީ ކަށަވަރު ކަމެކެވެ. " އެބައިމީހުން އެކަކު އަނެކަކާ މުޚާޠަބުކޮށް ބުންޏެވެ. " މާތްﷲ ގަންދެމުއެވެ. މިއީ ޔަހޫދީން އެބޭކަލެއްގެ ވާހަކަ އެދައްކާ ނަބިއްޔާއެވެ. މި ނަބިއްޔާއަށް އީމާންވަމާ ހިނގާށެވެ. ޔަހޫދީން އަހަރެމެންނަށްވުރެ ކުރިއަރައި މިނަބިއްޔާއަށް ތަބާވިޔަ ނުދެމާ ހިނގާށެވެ. "

ޤައުމުގައި މެދުކެނޑުމެއްނެތި ދެމިގެންދާ އަމާންކަމެއްނެތުމުގެ ހާލަތާއި، ޔަޤީންކަމެއްނެތް ސިޔާސީ މަސްރަޙާއި، ދާޚިލީ ހަނގުރާމަތަކުގެ ސަބަބުން ޢަރަބީންގެ ސިޔާސީ ހިއްސު ވަރަށް ތޫނެވެ. އިތުރުސާހިބާގެ އަލި އުޖާލާ ޝަޚްސިއްޔަތާއި، ކީރިތި ޤުރްއާނުގެ ބަލާޣަތްތެރިކަމާއި، ތައުޙީދާ ބެހޭގޮތުން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ދެއްވި ފުރިހަމަ ބަޔާނުގެ ސަބަބުން ޚަޒުރަޖުވަންހައިގެ މީހުންނަށްވަނީ ވަރަށް ފުންއަސަރުތަކެއްކޮށްފައެވެ. އިސްލާމްދީނުގެ ސަބަބުން ތިމާމެންގެ ދުނިޔެއާއި އާޚިރަތު ރައްކާތެރިވާނެކަން އެބައިމީހުންގެ ސިޔާސީ ދުރުވިސްނުމުން ވަނީ ކަށަވަރުވެފައެވެ. އެހެންކަމުން އެމީހުން އެއްވެސް ފަސްޖެހުމެއްނެތި ޝަހާދަތުގެ ދެކަލިމަފުޅު ކިޔައި އިސްލާމްވެއްޖެއެވެ.

ކައުުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެބައިމީހުން އިސްލާމްވުމުން ޙަދީޘު ކުރެއްވިއެވެ. " އަހުރެން ތިޔަބައިމީހުންގެ ރަށަށް ހިނގައްޖެނަމަ އަހުރެންގެ ރިސާލަތު އިއްވުމަށްޓަކައި ތިޔަބައިމީހުންނަށް އަހުރެންގެ މައްޗަށް ރައްކާތެރިވެދެވިދާނެ ހެއްޔެވެ؟ " އެބޭކަލުން ޖަވާބު އެރުއްވިއެވެ. " އޭމާތްﷲ ގެ ރަސޫލާއެވެ. އަޅުގަނޑުމެންގެ ރަށްވަނީ ވަރަށް ކުރީއްސުރެ މެދުކެނޑުމެއްނެތި ހިނގަމުން އަންނަ ދާޚިލީ ހަނގުރާމައެއްގައި ހައްޔަރުވެފައެވެ. އަރަހުށި މާތްﷲ ކަލޭގެފާނުގެ ސަބަބުންނާއި، ތިޔަދެއްވާ މަތިވެރި ތައުލީމުގެ ބަރަކާތުން އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އުފައްދަވައިފާށިއެވެ. އަޅުގަނޑުމެން ރަަށުގެ މީހުންގެ ގާތަށްގޮސް އެބައިމީހުންނަށް އިސްލާމްދީނަށް ދައުވަތުދޭނޫއެވެ. އަޅުގަނޑުމެންނަށް ތިޔަ ދަސްކޮށްދެއްވި ދީނުގެ އިރްޝާދުތައް އެމީހުންނަށް ހުށައަޅާނޫއެވެ. އަރަހުށި މާތްﷲ އެމީހުން ކަލޭގެފާނުގެ އަރިހަށް ޖަމާކުރައްވައިފިނަމަ ކަލޭގެފާނަށް ވުރެ އިއްޒަތްތެރިޔަކު މިދުނިޔެއަކު ނުހުންނާނެއެވެ. " ޔަޘްރިބުގެ މިދެންނެވި ނަސީބުވެރި އަންސާރީންގެ ނަންފުޅުތައް ތިރީގައިމިވަނީއެވެ.

  • އަބޫއުމާމާ އަސްޢަދު ބިން ޒުރާރާ ރަޟިޔަﷲ ޢަންހު
  • އައުފު ބުނުލް ޙާރިޘު ބިން ރިފާޢާ ރަޟިޔަﷲ ޢަންހު
  • ރާފިޢު ބިން މާލިކު ބިން ޢަޖްލާން ރަޟިޔަﷲ ޢަންހު
  • ޤުޠުބާ ބިން ޢާމިރު ރަޟިޔަﷲ ޢަންހު
  • ޢުޤުބާ ބިން ޢާމިރު ރަޟިޔަﷲ ޢަންހު
  • ޖާބިރު ބިން އަބްދުﷲ ބިން ރިއާބު ރަޟިޔަﷲ ޢަންހު

ހަވަނަ ބޭކަލަކު ކަމުގައި ބައެއް ރިވާޔަތްތަކުގައިވަނީ ޙާރިޘު ބިން އަބްދުﷲ ބިން ރިއާބެވެ. އަދި މިނޫން ގޮތްގޮތަށްވެސް ބައެއް ރިވާޔަތްތައް އައިސްފައިވެއެވެ. ހަމައެފަދައިން އަދަދާމެދުވެސް ޚިލާފުހުރެއެވެ.

ޝައްކެއްނެތެވެ. ހަބޭކަލަކު އިސްލާމްވެ ވަޑައިގަތުމަކީ އާއްމު ނަޒަރަކުން ބަލާއިރު އާދަޔާ ޚިލާފު ކާމިޔާބެއް ނޫނެވެ. ނަމަވެސް ނަތީޖާއަށް ބަލާއިރު މިއީ އިސްލާމީ ތާރީޚު ބަދަލުކޮށްލި މުހިންމު ޙާދިޘާއެވެ. އިސްލާމީތަހްރީކުގެ މޫތައް މަދީނާގެ ބިމަށް ފަތުރައިލުމުގެ މަގުުފަހިކޮށްދިނީ މިހާދިޘާއެވެ. އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ މިލިބިވަޑައިގެންނެވި ފުރުސަތުގެ ބޭނުން ވަރަށް ފުރިހަމަޔަށް ހިއްޕެވިއެވެ. އެނގިވަޑައިގަންނަވާނެފަދައިން ލިބިވަޑައިގަންނަވާ ފުރުސަތުތައް އެންމެ ހެޔޮގޮތުގައި ބޭނުންހިއްޕަވައި އެފުރުސަތުތައް އެދެވޭ މަތިވެރި ކާމިޔާބީތަކަކަށް ބަދަލުކޮށްލެއްވުމަކީ ޤާބިލް ލީޑަރުންގެ ޚާއްޞަ ސިފައެކެވެ. އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަގެ ޝަޚްޞިއްޔަތުގައިވާ އެންމެ ޚާއްޞަ އެއްމޮޅުކަމަކީ ލިބިވަޑައިގަންނަވާ އެއްވެސް ފުރުސަތެއް އެންމެ އެދެވޭ ނަތީޖާ ނުހޯދަވައި ދޫކޮޮށް ނުލެެއްވުމެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމުގެ މިރީތި ސުންނަތަކީ އެމާތްސާހިބާ ހޯދެއްވި މިސާލެއްނެތްފަދަ ބޮޑެތި މަތިވެރި ކާމިޔާބީތަކުގެ ސިއްރެވެ.

ތެދުވެރި ކޮންމެ މުސްލިމަކީ އޭނާގެ މަތިވެރި އަޤީދާއާއި، އޭނާގެ އާދަޔާޚިލާފު ހީވާގިކަމުގެ ސަބަބުން ބޮޑު ޖަމާއަތެއްފަދަމީހެކެވެ. މަތިވެރި ތަހްރީކެއްފަދަމީހެކެވެ. އިސްލާމީ ތަހްރީކުގައި އަލަށް މިބައިވެރިވެވަޑައި ގެންނެވި ބޭކަލުންނަކީ އެބޭކަލުންގެ އަދަދަށް ބަލާއިރު އެންމެ ހައެކެވެ. ނަމަވެސް އެހަބޭކަލުންގެ އީމާންކަމުގެ ޖޯޝާއި، ހިންމަތާއި، މަސައްކަތްޕުޅުގެ ވަރުގަދަ ކަމަށް ބަލާއިރު އެހަބޭކަލުން ހަރަކާތްތެރި ވަރުގަދަ އިންޤިލާބީ ހަ ޖަމާއަތާ ނުބައްދަލެވެ. އެބޭކަލުންގެ ބުންވަރުއެލުމެއްނެތް މަސައްކަތްޕުޅުން މަދީނާގެ ކޮންމެ ގެޔަކަށް އިސްލާަަމީ ތަހްރީކު ވާސިލުކުރެއްވިއެވެ. މަދީނާގެ އެންމެން އެއްފަހަރާ އިސްލާމުނުވިކަމުގައިވިޔަސް އިތުރުސާހިބާގެ ވާހަކަ މަދީނާގައި ދެކެވޭންފެށީ ލޯތްބާއި އިޙްރިރާމާއެކުގައެވެ. އެންމެން އިންތިޒާރުކުރާފަދަ ޤާބިލު ލީޑަރަކު މަތިވުމުން އެލީޑަރެއްގެ ވާހަކަ ދައްކާނެގޮތަށެވެ. އާދެ. އެ ހަބޭކަލުން އިސްލާމީ ތަހްރީކުގެ މަރުކަޒީ ރަށަކަށް މަދީނާ ވުމަށް މަގުފަހިކޮށްދެއްވިއެވެ.

(ނުނިމޭ)