ކޮލަމް

ވާހަނަ - ދީނީ އަޚްލާޤީ ދުރުމީއަކުން - 2

އަބްދުﷲ ފާރޫގް ހަސަން

ކީރިތި ޤުރްއާނުގައި ހެޔޮލަފާ ރަނގަޅުމީހުންގެ ސިފަތައް ބަޔާންކުރައްވާއިރު އޭގެތެރެއިން އެއްސިފައަކީ ނުވިސްނޭ ތަންދޮރު ނުދަންނަމީހުންނާ ހުރަހޮޅިނުގަތުމެވެ. އެފަދަމީހަކު ތިމާއާ ޖަދަލުކުރާން އުޅުނުކަމުގައިވިޔަސް ސުލްޙަ މަސަލަސްކަމުގެ ބަހެއް ބުނެލައިފައި އެމީހަކާ ދުރަށްދިޔުމެވެ. އަރަހުށިމާތްﷲ މުސްލިމުންނަށް އިރުޝާދު ދެއްވައިފައި މިވަނީ ވަރަށް މާތް ސިފަޔަކާމެދުގައެވެ. މަގުމަތީގައި އުޅޭއުޅުމުގައި ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ވާހަނައިގެ ގަވާއިދުތައް ނުދަންނަ މީހުންނާއި އަވަސްއަރައިގަނެގެންއުޅޭ މީހުންނާ ވަރަށް ގިނަފަހަރު ކުރިމަތިލާންޖެހެއެވެ. އޭގެތެރެއިން ބައެއްމީހުންނަކީ ގުޖަޑު އުފައްދާ ޒާތުގެ މީހުންނެވެ. ކޮންމެވެސް މީހަކު ހަމަތަކާ ޚިލާފަށް އޭނާގެ ކާރު ނުވަތަ ސައިކަލު ވާހަނައިގެ ތެރެޔަށް ވައްދަފާނެއެވެ. އަނެއްބަޔަކު ކުޑަވެސް ބަލައިލުމެއްނެތި އުޅަނދެއްގެ ކުރިބައްދަފާނެއެވެ. ބައެއްމީހުން ނުބައިކޮޅަކުން މަގަކަށްވަދެދާނެއެވެ. ބައެއްމީހުން މަޤްބޫލު ސަބަބަކާ ނުލައިބަރުގޮނުއަޅާން ފަށައިފާނެއެވެ. އަނެއްބަޔަކު ކާރު މަޑުކުރުން މަނާ ތަނެއްގައި މަޑުކޮށްފައި ބާއްވަފާނެއެވެ. ނުވަަތަ ސައިކަލު މަޑުކޮށްފައި ބަހައްޓައިފާނެއެވެ. މިފަދަ ކަންކަމާހުރެ ވާހަނައިގެ ނިޒާމު އޮޅުންބޮޅުންވެއެވެ. މިފަދަ ކުށްތައް ކުރާ ބައެއްމީހުން ތިމާޔަށް ހެދުނު ގޯސް ފޮރުވުމަށްޓަކައި އެހެންމީހުނާ ދިމާޔަށް އެއްޗެއހިގޮވާންފަށައެވެ. އެފަދަ ވަގުތުތަކަކީ ތިމާގެ ޖަޒުބާތު މަތަކޮށް ބަރުދާސްކުރާން ވަރަށް އުނދަގޫ ވާކަހަލަ ވަގުތުތަކެކެވެ. އެފަދަ ވަގުތެއްގައި ހަޅޭފަޅޭއްލަވާ މީހާއަށް ހަމަ އެމޭރުމުން ޖަވާބުދޭން އުޅެފިނަމަ ކަންތައްތައް ބަދަލުވާނީ ނުބައިން އެއަށްވުރެ ނުބަޔަށެވެ. މަސްރަހު އިތުރަށް އޮޅުންބޮޅުންވެ ވާހަނައިގެ ނިޒާމަށް ހުއްޓުން އެރުމުގެ އެކަށޭނަކަން އުފެދެއެވެ. އިސްވެދެންނެވި މާތް އާޔަތުގައި އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާ އެއް ހާލަތަކީ މިދެންނެވި ފަދަ ހާލަތެވެ. އެ އިރުޝާދު ދެެއްވަނީ މިފަދަ ވަގުތުތަކުގައި ކެތްތެރިވެ ހެޔޮބަހެއް ބުނެލައިފައި އެތަނުން އެއްފަރާތްވުމަށެވެ. ޝައްކެއްނެތެވެ. އެކަކު ކަށިތަކެއް އުކަނީއެވެ. ދެންތިބި މީހުންވެސް މާއުކުމުގެ ބަދަލުގައި ކަށިއުކަން އުޅެގެންފިނަމަ ޖަމާވާނީ ކަށިފުނިފުންޏެވެ. ލޯތްބާއި ހެޔޮ އެދުމުގެ މާމެލާމެއްޔަކަށް ޖާގައެއްނޯންނާނެއެވެ.

ތިބާ ދުއްވަވާ އެއްޗެއްގެ ދުވެލިބަހައްޓަވާންވާނީ ހާލަތާ ގުޅޭ ވަރަކަށެވެ. މަގުމަތީގައި ބައިބޯވެ މަގުމަތި ހަލަބޮލިވެއްޖެނަމަ ދުއްވަވާންވާނީ މަޑުންނެވެ. މީހުން ގިނަނޫން ވަގުތެއްގައި ތިބާ މާމަޑުން ދުއްވަވާނަމަ ތިބާގެ ފަހަތްޕުޅުން އަންނަ މީހުންނަށް ތުރާލަކަށްވެދާނެއެވެ. އެހެންކަމުން އެފަދަ ހާލަތްތަކުގައި ދުވެލި ބާރުކުރައްވާންވާނެއެވެ.

އުސާމާ ބިން ޒައިދު ރަޟިޔަﷲ އަންހުމާ ހައްޖަތުލްވަދާޢުގެ ތަފްސީލު ދެއްވަމުން އިތުރުސާހިބާ ދަތުރުކުރައްވާ ބާރުމިނާ ބެހޭގޮތުން ވިދާޅުވެފައިވެއެވެ. ހުސްތަންއޮތްކަމުގައިވާނަމަ ވަޑައިގަންނަވަނީ ބާރަށެވެ. މީހުންގިނަވެ ތޮއްޖެހޭ ވަގުތުވަގުތު ވަޑައިގަންނަވަނީ މަޑުންނެވެ. (ބުޚާރީ: 2999، މުސްލިމު: 1286 )

ފައިމަގުގައި ހިނގާއިރު ހިނގާންވާނީ އާދައިގެ ހެޔޮވަރުގެ ހިނގުމެކެވެ. ނަމާދަކީ އަޅުކަމެކެވެ. ނަމާދަށް ދިޔުމަކީ އަޅުކަމެއް އަދާކުރާން ދާދިޔުމެކެވެ. ނަމަވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އިރުޝާދު ދެއްވައިފައިވަނީ ނަމާދަށް ދާއިރުވެސް ލައިނުގަނެގެން ނުއުޅުމަށެވެ. ހަމަޖެހިލައިގެން ހެޔޮވަރުގެ ރީތިބާރުމިނެއްގެ ހިނގުމެއްގައި ހިނގުމަށެވެ. ބާރަށް ހިނގުމަކީ ކޮންމެހެންނަކުން ހެޔޮކަމެއްނޫނެވެ. (މަސްނަދު އަހްމަދު އަން އުސާމާބިން ޒައިދު)

މަގުމަތީގައި އުސޫލެއްނެތި ބަރުގޮނު އެޅުމަކީވެސް ދީނީގޮތުންނާއި އަޚްލާޤީ ގޮތުންވެސް ރުހުމުގެ ލޮލަކުން ބެލެވޭ ކަމެއްނޫނެވެ. އެގޮތަށް ބަރުގޮނު އެޅުމުން ކުރީގައި ތިބޭ މީހުންނަށް އުނދަގޫވެއެވެ. އުސޫލެއްނެތި ބަރުގޮނު އެޅުމުން ބައެއްފަހަރު ހާދިޘާތައް ހިނގާންމެދުވެރިވެއެވެ. ބަރުގޮނުއެޅުމަކީ ތަޖްރިބާކާރު، ހަރުދަނާ ދުއްވުންތެރީން ފޫހިވާކަމެވެ.

ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަ ވަނީ މަގުމަތީގައި ދަތުރުކުރާއިރު މުހިންމު ބޭނުމަކާނުލައި ރަނގަބީލު އަޅަމުން (ބަރުގޮނުއަޅަމުން) ދިޔުން މަނާކުރައްވައިފައެވެ. އެދުވަސްވަރު އަރަބީންގެ އާދައިގެމަތީން ޖަމަލުތަކުގެ ކަނދުރާގައި ހުންނަނީ ރަނގަބީލު އެލުވައިފައެވެ. ގާފިލާތައް ދަތުރުފެށުމުން ރަނގަބީލުގެ އަޑުން ޖައްވުދަނީ ގުގުމަމުންނެވެ. ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަ އެކަމާ އިންތިހާއަށް ނުގަބޫލުފުޅުވެ ވަޑައިގެންނެވިއެވެ. އެކަންމަނާކުރެއްވިއެވެ. މިއީ ބޭނުމަކާ ނުލައި ނުވަތަ ކެތްނުލަވައިގަނެގެން ބަރުގޮނު އެޅުމުގެ ކަރާހަތްތެރިކަން ސާބިތުވާކަމެކެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ތަފާތު އެކި އަޑުއަޑުން ބަރުގޮނު އެޅުން އޮންނަނީ އާންމުވެފައެވެ. އޭގެތެރޭގައި ކުއްތާ ވައްވައްޖަހާއަޑާއި ކުޑަކުދިން ރޯއަޑުފަދަ އަޑުއަޑު ހިމެނެއެވެ. ރާއްޖޭގައިވެސް މިހާރަކަށް އައިސް ވަރަށް ތަފާތު ނުރުހެވޭ އަޑުއަޑުން ބަރުގޮނުއަޅާ "ކުދީން" މަދުން ނަމަވެސް އެބައުޅެއެވެ. މިއީވެސް މީހުންނަށް ސިހުންލިބި ދުއްވާތަކެތި މުޑުއެރުމަށް މަގުފަހިވެދާނެކަމެކެވެ. އެހެންކަމުން މިފަދަކަންކަމާވެސް ދުރުވާންޖެހެއެވެ.

ދުއްވާއެއްޗެހި މަޑުކޮށްފައި ބަހައްޓާނެ ނުވަތަ ބާއްވާނެޖާގަ ނޯންނަތަންތާނގައި އެފަދަ ތަކެތި މަޑުކޮށްފައި ބޭއްވުމަކީ ނުވަތަ ބެހެއްޓުމަކީވެސް ރަނގަޅުކަމެއްނޫނެވެ. ދާދިފަހުން ނޫހެއްގައި އޮތް ޚަބަރެއްގައި އޮތްވައި ދުށީމެވެ. މިސްކިތްތަކުގެ ކައިރީގައި ޕާކުކޮށްފައި ހުންނަ އުޅަނދު ތަކުގައި ފުލުހުން ސްޓިކާ ޖަހާނެއެވެ. އެވާހަކަ ފެނުމުން ވަރަށް އުފާވިއެވެ. ދުއްވާއެއްޗެހި އެފަދަ ތަންތާނގައި ޕާކުކުރުމަކީ އެދެވޭ ކަމަކަށް ނުވާތީއެވެ. ( ހިތާމައަކީ އަދިވެސް އެވިދާޅުވާ ސްޓިކާ ޖަހާތަން ނުފެންނަކަމެވެ.)

އަޅުގަނޑު އާދަވެގެން ހުކުރު ނަމާދަށް ގޮސްއުޅެނީ އިބްރާހީމީ މިސްކިތަށެވެ. މާލޭގެ މިސްކިތްތަކަކީ ހުކުރުދުވަސްދުވަހު ވަރަށް ބޮޑަށް ފުރޭ މިސްކިތްތަކެކެވެ. އިބްރާހީމީ މިސްކިތަކީވެސް މިސްކިތް ފުރިގެން މަޖީދީމަގާއި ސޯސަން މަގުގައި ހުކުރުނަމާދުގެ ސަފުތައް ހަދާ މިސްކިތެކެވެ. އެކަމަކު މިސްކިތާ އިންވެގެން ހިޔާކޮޅެއް އޮތިއްޔާ އެތަނެއްގައި ކާރެއް ނުވަތަ ޕިކަޕެއް ނުވަތަ ސައިކަލުތަކެއް ޕާކުކޮށްފައި ހުރެއެވެ. މިސްކިތުގެ ދިމާކުރިމަތީގައިވެސް ސައިކަލު ޕާކުކޮށްފައިހުރެއެވެ. ހުކުރުދުވަހު މެންދުރުކުރީގައި ޚިދުމަތަށް ނުނިކުންނަ ޓެކްސީތައް މިސްކިތުގެ ކައިރީގައި ޕާކުކުރުމަކީ އާންމުކަމެވެ. އަޅުގަނޑުގެ ހިތަށްއަރައެވެ. މިސްކިތްތަކުގެ ކައިރީގައި ޕާކުކުރާމީހުން ސަރުކާރުގެ ގަވާއިދަކާ ޚިލަފުވާއިރު ތިމާމެންނަށް އެއަށްވުރެ މާބޮޑު އުރެދުމަކަށް އަރައިގަނެވޭކަން ހަމަނުވިސްނަނީބާވައެވެ. އާދެ، އެކަމަކީ ހުކުރުނަމާދަށްދާ މީހުންކުރެ އެތައްބަޔަކަށް އުނދަގޫވާކަމެކެވެ. އުނދަގޫކުރުމެކެވެ. މާތްﷲ އަށް ކުރެވޭ އަޅުކަމަކަށް ދަތިކުރުމެވެ. ސުބުޙާނަﷲ އެވެ.

މިވާހަކަ ލިޔަމުންދާއިރު ވާހަނައިގެ މައްސަލައާގުޅުމެއްނެތް އެކަމަކު ވެސް ހުކުރުނަމާދާއި، މުސްލިމުންނާ ވަރަށް ގުޅުންހުރިކަމެއްވެސް ހަނދާން ވެއްޖެއެވެ. މާބޮޑު މުނާސަބުކަމެއް ނެތްކަމުގައިވިޔަސް އެވާހަކަ މިތާގައި ލިޔެލާނަމެވެ. އިސްރާއިލުގެ ނާޖާއިޒު ދައުލަތުގެ ބޮޑުވަޒީރަކު ބުނެފައިވެއެވެ. މުސްލިމުންނަށް އަލްޤުދުސް މިނިވަން ކުރެވޭނީ އެމީހުން ހުކުރަށްދާގޮތަށް ފަތިސްނަމާދަށްދާންފެށި ދުވަހަކުންނެވެ. އެއީ ވާނެކަމެއްނޫނެވެ. ކޮންމެ މީހަކު ކޮންމެ ނިޔަތެއްގައި ބުންޏަސް މިއީ ތެދުވާހަކައެކެވެ. އިސްރާއިލުގެ ވަޒީރު އެހެން އެބުނީ މުސްލިމުންނަށް ފުރައްސާރަކުރުމުގެގޮތުންނެވެ. އޭނާއެބުނީ މުސްލިމުންގެ ދީނީރޫހު މިހާރު މިހުންނަ ގޮތަށް އެކަން އޮންނަހައި ދުވަހަކު މުސްލިމުންނާ މެދު ޖެހިލުންވާންނުޖެހޭނެ ވަހަކައެވެ. މުސްލިމުންނަށް އެމީހުންގެ އެންމެ ފުރަތަމަ ޤިބުލަ މިނިވަނެއް ނުކުރެވޭނެއެވެބުނެ ގޮންޖެހުމުގެ ގޮތުންނެވެ.

އަނެއްކާވެސް މައިގަނޑުނަމަށް ރުޖޫއަވަމެވެ. އާދެ އިސްލާމްދީނުގެ ނަބިއްޔާ ސްއްލަﷲއަލައިހި ވަސައްލަމަވަނީ މަގުހިނގާމީހުންނަށް އުނދަގުލަކަށް ވެދާނެފަދަގޮތަކަށް އަމަލުނުކުރުމަށް އަންގަވާފައެވެ. މަގުބޭނުންކުރާ މީހުންނަށް އުނދަގޫވާފަދަ ކަންތައްތައް ދަފަރާކުރުމަށް އިރުޝާދު ދެއްވާފައެވެ. (މަސްނަދު އަހްމަދު : 974) މަގުމަތީގައި މީހުންނަށް އުނދަގޫވާގޮތަށް ހުރި އެއްޗެއްސަކީ ނަޖިސްތަކެތި ކަމުގައިވިޔަސް ކުނިބުނިކަމުގައިވިޔަސް ކައްޓާއި ގައު ކަމުގައިވިޔަސް ހަމަތަކާއި ގަވާއިދުތަކަށް ރިއާޔަތްކުރުމެއްނެތި ޕާކުކޮށްފައިހުންނަ ކާރާއި ޕިކަޕާއި ސައިކަލު ކަމުގައި ވިޔަސް މަގު ބޭނުންކުރާ މީހުންނަށް އުނދަގޫވާ ގޮތަށް ހުރި ކަމުގައިވާނަމަ އެތަކެއްޗަކީ ހުކުމުގައި ތަފާތުވާ އެއްޗެއްސެއް ނޫނެވެ. މަގުހިނގާ މީހުންނަށާއި ޒަރޫރީ ބޭނުންތަކުގައި މަގު ބޭނުންކުރާމީހުންނަށް ތަކުލީފަކަށްވާ ކޮންމެ އެއްޗަކީ އުނދަގޫ ދެނިވި އެއްޗެކެވެ.

މާލޭގެ މަގުމަތީން ދަތުރުކުރާ ޓެކްސީތަކުގެ ތެރެއިން ނުވަދިހަ އިންސައްތަ ޓެކްސިއަށް މީހުންއަރުވައި ފުރައިލައިގެން ދާއިރުވެސް ޓެކްސީބޯޑުހުންނަނީ ފެހިކޮށެވެ. ފެހިކުލައިން ދިއްލައިފައެވެ. ފެހިކުލައިން ދިއްލައިފައިހުރުމުން ބަލާންޖެހޭނީ ހިދުމަތް ދެވޭގޮތަށް އަންނަ ހުސް ޓެކްސީއެއްކަމުގައެވެ. އެހެންކަމުން ޓެކްސީބޭނުންވެގެންތިބޭ އެތައްބަޔަކު އެފަދަޓެކްސީތައް ހުއްޓުވަން އަތްނަގައިގެން އިންތިޒާރުގައި ތިބެއެވެ. ނަމަވެސް ކައިރިއަށް އައުމުން އެނގެނީ އެތައް މަންޒިލެއްގެ ދަތުރުވެރިން އަރުވައިބަލަމުންދުއްވާ "ކުޑަވަރެއްގެ ބަހެއް" ކަމެވެ. ޑްރައިވަރު މަލާމާތުގެ ފާޑަކަށް ހެމުން ދާއިރު ތިމާމިދަނީ ބަޔަކަށް އޮޅުވައިލައި މަކަރުހަދައިފައި ކަމުގެ ކުޑަވެސް އިހްސާސެއް ނުހުރެއެވެ. ޝައްކެއްނެތްގޮތުގައި މިއީވެސް ޓެކްސީ ޑްރައިވަރުންގެ އަޚްލާގީ ފޭރާން ވީދި ކުދިކުދިވެފައިވާކަމުގެ ދަލީލެކެވެ. މާތްﷲގެ އަޅުތަކުންނަށް ކުޑަވެސް ފަރުވާލެއް ނެތްކަމުގެ ހެއްކެކެވެ. މާތްﷲގެ އަޅުތަކުންނަށް މަކަރުހަދައި އޮޅުވައިލުމަކީ އެކަލާނގެ ކޯފާއަށް ހުރަހޮޅިގަނެވޭ ކަމެއްކަން ކަށަވަރެވެ.އެކަލާނގެ ހަޟުރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަމެއްކަން ޔަޤީނެވެ. ސާލިހުން ކުރެ ބައެއްބޭކަލުން ވިދާޅުވާގޮތުގައި އިންސާނާ މާާތްﷲގެ ޙަޟުރަތަށްދާއިރު އެކަލާނގެ ޙައްގުފުޅުތަކުގެތެރެއިން ހަތްދިހަ ޙައްގުފުޅަށް އަރައިގެންފައިހުރުމަށްވުރެ އެކަލާނގެ އަޅެއްގެ ކުޑަކުޑަ އެންމެ ޙައްޤަކަށް އަރައިގެންފައި އޮތުމުގެ ބިރުވެރިކަން މާބޮޑެވެ.

ފައިމަގުގައި ހިނގާމީހުންނާއި އުޅަނދުފަހަރު ދުއްވާމީހުން އެއްބަޔަކު އަނެއްބަޔަކަށް ރިއާޔަތް ކުރުމަކީވެސް ދީނާއި އަޚްލާޤު ލާޒިމްކުރާ ކަމެކެވެ. ޚާއްޞަކޮށް އަންހެނުންނާއި ކުޑަކުދިންނާއި މަޑުން ހިނގޭފަދަ މުސްކުޅިންނާމެދު ފަރުވާބަހައްޓާންޖެހެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަވަނީ މަގުހިނގާމީހުން (ނާއި އެއްޗެހިދުއްވާ މީހުން) ޚާއްސަ ގޮތެއްގައި އަންހެނުންނަށް އަޅާލުމަށާއި އެހީތެރިކަން ބަހައްޓަން އިރުޝާދުދެއްވައިފައެވެ. އަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ އަންހުމާ ވިދާޅުވެފައިވެއެވެ. ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަ ވަނީ ފިރިހެނުން އަންހެނުންތަކުގެ ތެރެޔަށް ވަދެގެން ހިނގުންވެސް މަނާކުރައްވައިފައެވެ. އެކަނބަލުންނަށް އުނދަގޫވާނެތީއެވެ. (އަބޫދާއޫދު: 5273) ހަމައެފަދައިން، އިތުރުސާހިބާ ވަނީ މަގުގެ އަރިމަތީން ހިނގުމަށް އަންހެނުންނަށް އިރުޝާދުދެއްވައިފައެވެ. ( އަން އަބޫއަސީދު އަންސާރީ ، އަބޫދާއޫދު: 5272) މިދެންނެވި އިރުޝާދުން އެނގެނީ މަގުގެ އަރިމަތީން ހިނގަން އުނދަގޫވަގޮތަށް އުޅަނދުފަހަރު ދުވާރުމަށްޗަށް އަރުވާފައި ބޭއްވުމަކީ ނުވަތަ ބެހެއްޓުމަކީ ވެސް ދީނީވިސްނުމަކުން ބަލާއިރު ރަނގަޅުކަމެއްނޫންކަމެވެ. މަގުހިނގާމީހުންނަށްޓަކައި ދުވާރު ހުސްކޮށް ބާއްވަން ޖެހޭކަމެވެ. ނަމަވެސް ހިތާމަޔަކީ އަޅުގަނޑުމެންގެ މުޖުތަމައުން އެކަންފެންނަމުން ނުދާކަމެވެ. އަޅުގަނޑުމެންގެ މުޖުތަމައުގައި ކަންހުންނަގޮތަށް ބަލާއިރު ކާރާއި،ޕިކަޕާއި ލޯރިތަކުގެ އެއްފަޅި ދުވާރުމައްޗަށް އަރުވައިފައިބޭއްވުމަކީ އާންމުކަމެކެވެ. ހެދިގޮނޑުދޮށާ ދިމާއިން ދުވާރުމަތީގައި ސައިކަލް ޕާކްކުރުންވެސް މިހާރު އެދަނީ ވަރަށްބޮޑަށް އާންމުވަމުންނެވެ. އެކަންކުރާ މީހުން ހެނދުނާއިހަވީރު ދުވާރުމަތީން ކަސްރަތަށް ހިނގާމީހުންގެ މަތީން ހަނދާން ބެހެއްޓުމުގެ ބުރައެއް ނުއުފުލައެވެ. އަނެއްކޮޅުން އެކަންދެކޭނެ ލޮލެއްވެސްނެތެވެ.

ތަހްޒީބީ މުޖްތަމައުތަކުގައި ކަފީހުރަހާ މެދު ބަލަނީ ފައިމަގުގައި މަގުހުރަސް ކުރާމީހުންގެ ހައްޤެއްކަމުގައެވެ. ކަފީހުރަހެއްގެ އެއްކޮޅުގައި މަގުހުރަސްކުރަން އެންމެ މީހަކުހުއްޓަސް އެއްވެސް އުޅަނދެއް އެކަފީހުރަސް ގިރައެއް ނުކުރެއެވެ. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި އެކަން އޮންނަނީ ކޮންގޮތަކަށް ތޯއެވެ؟ ކިތަންމެ ގިނަބަޔަކު ކަފީހުރަސް ހުރަސްކުރަމުން ގެންދިޔަކަމުގައިވިޔަސް އެއްޗެހިދުއްވާމީހުންކުރެ ހާހަކުން އެކަކުމެނުވީ "ތަށަށްކިޔަނީ މަރިޔަނބުހޭ" ވެސް " އަހައެއް ނުލައެވެ." ކުޑަކޮށްވެސް ބަލައެއް ނުލައެވެ. އަމަން ބަލަހައްޓާ ދެބާރުގެ ޔުނީޕޯމުގައިތިބޭމީހުންގެ ފަރާތުން ވެސް މިނުރުހެވޭ މަންޒަރުފެނެއެވެ. އަޅުގަނޑު މިމައިގަނޑު ނަމުގައި ގަލަން ހިންގާން މެދުވެރިވީވެސް ސެނަހިޔާގެ ކައިރިން ބޮޑުތަކުރުފާނުމަގުގައި ހިނގި މިފަދަ ހާދިޘާއަކާ ގުޅިގެންނެވެ. ދީނާއި އަޚްލާޤު ކަފީހުރަހަށް ދިނުން ލާޒިމުކުރާ ޙައްޤު ނުދިންމީހެއްގެ ސަބަބުން ހިނގި ހިތާމަވެރި ހާދިޘާއަކާހުރެއެވެ.މިބާވަތުގެ މިޔަށްވުރެވެސް މާހިތާމަވެރި ޙާދިޘާއެއް އަޅުގަނޑުމެނގެ އާއިލާއިންވަނީ ތަޖުރިބާކޮށްފައެވެ. އަޅުގަނޑުގެ ދަރިފުޅުގެ ބޮޑުދައިތަޔަކު ކަފީހުރަހެއްގެމަތީން މަގުހުރަސްކުރަނިކޮށް އޭނާގެ ގައިގައިވަނީ ސައިކަލަކުން ޖައްސައިފައެވެ. ހަމައެވަގުތު އޭނާވަނީ މާތްﷲގެ ރަހްމަތަށް ދަތުރުކޮށްފައެވެ. އަރަހުށި މާތްﷲ އެމަރްހޫމައަށް ފިރުދައުސްގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށިއެވެ. އާދެ، މިދެހާދިޘާ އަކީވެސް ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަ އިރްޝާދު ދެއްވާފައިވާ ފަދައިން އަންހެނުންނާއި ކުޑަކުދިންނާއި މަޑުންހިނގޭމީހުންނަށް ރިޢާޔަތް ނުބެހެއްޓުމުގެ ސަބަބުން. ހިނގައިފައިވާ ހިތާމަވެރި ދެޙާދިޘާ އެވެ. ތަހްޒީބީ ޣައިރު މުސްލިމު މުޖްތަމައުތަކަށްވުރެވެސް އަޅުގަނޑުމެން ދިވެހި މުސްލިމުންގެ ސުލޫކު ދަށްވުމުގެ ނަތީޖާއެެވެ. މިވާހަކަ ދަންނަވާލުމަށްފަހު މައުޟޫޢު ކުރުކޮށްލާން ހިފަމެވެ.

އާދޭހެވެ. މަގުހިނގުމުގައްޔާއި މަގުމަތީގައި އެއްޗިހި ދުއްވުމުގައި ކެތްތެރިވާން ޖެހޭނެއެވެ. ބަރުދާސްތުކުރާން ޖެހޭނެއެވެ. އަނެކުންނަށް އޯގާވެރިވެ ރިއާޔަތްކުރަންޖެހޭނެއެވެ. މީހުންނަށް މާފުކޮށް ރުޅިމަޑުކުރާންޖެހޭނެއެވެ. ވަކިބަޔަކު ނޫނެވެ. އެންމެންވެސް އުޅޭންވާނީ ވާހަނައިގެ ގަވާއިދުތަކާއި އުސޫލުތަކަށް ބަލައިގެންނެވެ. ޤާނޫނާއި ދީން މަގުމައްޗަށް ދިނުން ލާޒިމްކުރާ ޙައްޤުތައްދީގެންނެވެ. އޭރުން މިހާރު މިހިނގާފަދަ ހިތާމަވެރި ޙާދިޘާތައް މަދުވާނެކަންކަށަވަރެވެ. މަގުމަތީގެ އަދަބުތަކާއި މަގުމައްޗަށް ދޭންޖެހޭ ޙައްޤުތަކަކީވެސް ތައުލީމީ މަންހަޖުތަކުގެތެރެއިން ދަސްކޮށްދޭންޖެހޭ ކަންކަމެވެ. ތަރުބިއްޔަތުގެ ޒަރީއާއިން މީހުންގެ ޠަބީޢަތުގައި އަށަގަންނުވަންޖެހޭކަންކަމެވެ.

ނިންމާލަމުން ފަހުބަހެއްގެ ގޮތުގައި ދަންނަވަމެވެ. އިޖްތިމާޢީ ވަބާތަކުން މީހުން ދުރުކުރުމުގައިވެސް ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގުމަކީ މަންފާހުރިކަމެކެވެ. ގަވައިދުތައް އަލުންބަލައި ހުރިނަމަހުރި ލޯވަޅެއް ބެއްދުމަކީ ރަނގަޅު ކަމެކެވެ. އާދެ މިހިރީ ބޭނުންތެރި ކަންކަމެވެ. ހަމައެއާއެކު ހަނދާންކުރާންވީ ޖިސްމާނީ ބަލިތަކަށް ފަރުވާކުރާއިރުވެސް ހޭލުންތެރިކުރުވައިގެންވެސް ހަކުރުތޮށިލައިފައިހުންނަބޭސް ގުޅަތައްދީގެން ވެސްފަރުނުޖެހޭ ހާލަތު އަންނަކަމެވެ. ފަޅާޑޮކްޓަރުންގެ ވެސް ކުރަފަތް ބޭނުންކުރަންޖެހޭކަމެވެ.

ހަމައެބީދައިން ރާއްޖޭގައި ވާހަނައިގެ ހާލަތު މިހާރުމިއޮތް ހިސާބުން މައްސަލަ ހަމައަކަށް އެޅުވޭނީ އިރުޝާދުދީ ގަވާއިދުތައް ހެދުމުންވެސް އިންތައްފަހަނަޅައި ބޭރަށްނިކުންނަ ފަރާތްތައް އިމުންއެތެރެ ކުރެވޭވަރުގެ ފޮޑެތިކަންހުރި (ޤާބިލުކަންހުރި) ބާރެއްއޮވެގެންނެވެ. ކީރިތި ޤުރްއާން ބާވައިލެއްވިފަރާތުން ދަގަނޑުވެސް ބާވައިލައްވައި އޭގައި ފަންވަރުލެއްވި ލެއްވުމުން އިންސާނުން ލިބިގަންނާން ޖެހޭފިލާވަޅަކީ ހެޔޮކަންކަންފެތުރުމުގައިވެސް ބާރުގެ ބޭނުންކުރާންޖެހޭ ހާލަތުތައް އަންނާނެކަމުގެ ފިލާވަޅެވެ. އެފަދަ ހާލަތުގައި އެކަންކުރާން މަޖުބޫރުވާނެ ކަމުގެ ފިލާވަޅެވެ.

ނިމުނީ