ޕޮލިސް ސެޓްފިކެޓް ހޯދުމުގެ ހިދުމަތް ފަސޭހަކޮށް ލިބޭނެ ޕޯޓަލް އެއް ފުލުހުން މިއަދު އިފްތިތާހުކޮށްފިއެވެ.
ކުރިއަށްއޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގެ މަސައްކަތުގެ ދަށުން އެ ޕޯޓަލް އިފްތިތާހުކުރައްވާފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
އެ ޕޯޓަލް ލޯންޗުކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހަމީދު ވިދާޅުވީ ފުލުހުންގެ އޮފީސްތަކަށް ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ޕޮލިސް ސެޓްފިކެޓް ހޯދުމަށް އެދެމުން ކަމަށެވެ.
އެ ހިދުމަތަކީ މީގެކުރީން މެނުއަލް ޕްރޮސެސް އެއް ކަމަށާއި އެ ހިދުމަތް އިލެކްޓްރޯނިކްގެ ހިދުމަތަކަށް ބަދަލުވެގެން ދިޔުމަކީ ރައްޔިތުންނަށް ލިބިގެންދާ ވަރަށްބޮޑު ފަސޭހައެއްކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ހިދުމަތް އިލެކްޓްރޯނިކް ކުރުމުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހި ރައްޔިތުންނަށް ކަމަށާއި ސެޓްފިކެޓް ހޯދުމަށްޓަކައި ރައްޔިތުން ހޭދަކުރަމުންދާ ވަގުތުތަކާއި އުނދަގޫތަކަށް ވަރަށް ބޮޑު ފަސޭހައެއް، އަދި ހެޔޮބަދަލެއް އަންނާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބިއުރޯ އޮފް ކްރައިމް ރެކޯޑްސްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފް ވިދާޅުވީ ޕޮލިސް ސެޓްފިކެޓް ޕޯޓަލް ފަރުމާކުރެވި، ބޭނުންކުރަންފެށުމާއި ގުޅިގެން އޮންލައިކޮށް ސެޓްފިކެޓަށް އެދުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި ރާއްޖެ އާއި ރާއްޖެއިން ބޭރުން އެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ހިދުމަތް ލިބެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ޕޮލިސް ސެޓްފިކެޓް ތައްޔާރުކޮށް ނިމުމުން އެސްއެމްއެސްގެ އެ ސެޓްފިކެޓްގެ މަސައްކަތް ނިމިފައިވާކަން އެނގިގެން ދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސެޓްފިކެޓަށް އަލަށް ތައާރަފުކުރި ބަދަލުތަކުގެ ތެރޭގައި ސެކިއުރިޓީ ފީޗަރއެއްގެ ގޮތުގައި ކިއުއާރު ކޯޑެއް ހިމެނި، މި ކޯޑް ބޭނުންކޮށްގެން ސެޓްފިކެޓްގެ ސައްހަކަން ބަލާލެވޭނެ ކަމަށެވެ.