ވިޔަފާރި

އުރީދޫގެ ފަރާތުން އެޗްޑީ ވޮއިސްގެ ހިދުމަތް ތައާރަފްކޮށްފި

މަރިޔަމް ޝަހުދާ

އުރީދޫގެ ފަރާތުން އެޗްޑީ ވޮއިސްގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

މި ހިދުމަތް އުރީދޫއިން ރާއްޖެއަށް ތައާރަފް ކޮށްފައި ވަނީ މިއަދުއެވެ. އެގޮތުން އެޗްޑީ ވޮއިސްގެ ހިދުމަތް ތައާރަފްކޮށް ހިދުމަތް ދޭން ފެއްޓުމަށް އުރީދޫއިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް، ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް، ހުސެއިން ނިޔާޒު ވިދާޅުވީ އެޗްޑީ ވޮއިސްގެ ހިދުމަތަކީ ރާއްޖެއަށް މުޅިން އަލަށް ތައާރަފް ކުރެވުނު ހިދުމަތެއް ކަމަށެވެ. މީގެ އިތުރުން ނިޔާޒް ވިދާޅުވިގޮތުގައި މި ހިދުމަތަކީ އުރީދޫ 4ޖީ ނެޓްވޯކްގައި ވޮއިސް ކޯލް ކުރާއިރު ބޭނުންކުރާ، ވަރަށް ސާފުކޮށް ފޯނު ކޯލްތަކުން ވާހަކަ ދައްކާލެވޭނެ ހިދުމަތެކެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އުރީދޫގެ ޑިރެކްޓަރ އޮފް ނެޓްވޯކްސް، އައިޓީ ޕްލޭނިންގ ޝަބީން އަލީ ވިދާޅުވި ގޮތުގައި މި ހިދުމަތަކީ ބައިނަލްއަގުވާމީ މުއާސަލާތީ ދާއިރާގެ އެންމެ ފަހުގެ ކުރިއެރުމެވެ.

ޝަބީން ވިދާޅުވި ގޮތުގައި އެޗްޑީ ވޮއިސްއާއެކު ލިބިދާ އެންމެ ބޮޑު ފަސޭހަ އެސްޑީ އާއި އެޗްޑީ އާއި ހުރި ތަފާތު ވިސްނާލުމުން އެނގިގެން ދާނެކަމަށެވެ. އެގޮތުން އެސްޑީ އަށް ވުރެ އެޗްޑީ ވޮއިސް މާ ސާފުވުމުގެ އިތުރުން މީހާގެ އަޑު ފާހަގަކުރަން ފަސޭހަވާނެކަމަށް ޝަބީން ވިދާޅުވިއެވެ. އަދި މި ތަފާތު ބޮޑަށް އެނގިގެންދާނީ އެޗްޑީ ވޮއިސްގެ ހިދުމަތް ބޭނުންކޮށްލުމުން ކަމަށް ޝަބީން ވިދާޅުވިއެވެ.

އުރީދޫ އިން އަލަށް ތައާރަފް ކުރި މި ހިދުމަތާއެކު ފޯނު ކޯލްތަކަށް އެތައް ބަދަލެއް އަންނާނެއެވެ. އެގޮތުން ކޯލުގެ ފެންވަރާއި، ސާފުކަމަށް އަންނަ ފާހަގަ ކުރުވަނިވި ބަދަލުތަކެއްގެ އިތުރުން، ކޯލް ނަނެކްޓު ވުމަށް ދާ ވަގުތު ކުޑަވެއެވެ. މީގެ އިތުރުން ި ހިދުމަތާއެކު ފޯނު ކޯލެއްގެ މެދު ތެރެއިންވެސް 4ޖީ+ ޑޭޓާ ބޭނުން ކުރެވޭނެކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން އެޗްޑީ ވޮއިސް އާއެކު ކޯލު ތަކަށް ބޭނުންވާ ޗާޖު މަދުވެ، ފޯނުގެ ބެޓެރީ ލައިފް އިތުރުވެއެވެ.

''ވޮއިސް އޮވާ އެލްޓީއީ'' ނުވަލަ ''ވީއޯއެލްޓީއީ''ގެ ހިދުމަތް މެދުވެރިކޮށް ފޯރުކޮށްދޭ މި ހިދުމަތަކީ އިތުރު އަގަކާއި ނުލާ އުރީދޫއިން ފޯރުކޮށްދޭ ހިދުމަތެކެވެ. އެގޮތުން އުރީދޫގެ 4ޖީ ނެޓްވޯކް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށް ސްމާޓް ފޯން މެދުވެރިކޮށް މި ހިދުމަތް ބޭނުން ކުރެވެއެވެ.