ފުރާނަދަންދެން

ފުރާނަދަންދެން - 10

އާއިޝަތު ލިޔުޝާ

1

"އިރުކޮޅަކުން މެންދުރު ކާން ހަދާނަން. އަޒްކާ ރެސްޓްކޮށްލާ އިނގޭ... މިއަންނަނީ ފިހާރައަކަށް ގޮސްފަ. އެގަޑީގަވެސް ފިހާރައަށް އެއްޗެއް ގަންނަން ނިކުތް ގަޑީގައޭ އަޒްކާއާއި ދިމާވީ" ހިތްހެޔޮކަމާއެކު ފަޒާ ވާހަކަދެއްކިއެވެ. ފަޒާ ނިކުމެގެން ދިޔުމުން އަޒްކާ ދޮރުލައްޕާ ލޮކްކުރިއެވެ. މާހިލް ވައްދަން ބޭނުންނުވާތީއެވެ. ނަމަވެސް އެގޮތަށް ކަންތައް ކޮށްގެން އޭނާގެ މަގްސަދް ހާސިލެއް ނުވާނެއެވެ. އޭނާ އަލުން ދޮރުހުޅުވާ ކައިރިކޮށްލި އެވެ. އެނދުގައި އިށީންއިރު އޭނާގެ ހިތުގައި ސުވާލެއް އުފެދިފައިވި އެވެ. މާހިލް އޭނާ ބަނޑުބޮޑޭ އެބުނީ ކީއްވެގެން ހެއްޔެވެ...؟ މާހިލަށް އެކަން އިނގުނީ ކިހިނެއް ހެއްޔެވެ...؟ ކައިރީގައި އޮތް ފޯނު އޭނާ ނެގިއެވެ. ނާހިދުގެ ނަންބަރާއި ހުރިހާ އެއްޗެއް އޭނާ ބްލޮކް ކުރިއެވެ. އޭނާގެ ހަޑިމުޑުދާރު ދިރިއުޅުމުން ނާހިދު މިންޖުކުރެވުނީތީ އޭނާ ހުރީ އުފަލުންނެވެ. އޭނާ ތެދުވެގެން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ފަހަތަށް ދޫކޮށްލާފައިވާ އިސްތަށިގަނޑު އެއްކޮށް މައްޗަށް ނަގާ ހުޅިއެއް ޖަހާލި ވަގުތު ކޮޓަރި ތެރެއިން ދޮރުލައްޕާ ލޮކްކޮށްލި އަޑު އިވުނެވެ. އޭނާ އެނބުރި ބަލައިލިއެވެ. ނުލަފާ ޒާތަކަށް ހިނިއައިއްސަ ހުރި މާހިލް ފެނުމުން އޭނާގެ ހަށިގަނޑުން ހީބިހި ނަގައިގަތެވެ. މާހިލްގެ އަމަލުތައް ހުންނާނެގޮތް އޭނާއަށް އޮޅިފައެއްނެތެވެ. އޭނާއާއި ދިމާލަށް މާހިލް ފިޔަވަޅު އަޅަމުންދާ ވަރަކަށް އޭނާގެ ހިތުގެ ތެޅުން ދިޔައީ ގަދަވަމުންނެވެ. އެއް އަތުން ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓުވަން ފެށުމުން އޭނާ މާހިލް ހުއްޓުވަން ބޭނުންވިއެވެ. މާހިލްގެ ވިސްނުން އޭނާއަށް ބަދަލުކުރެވޭނީ މާހިލް އެދޭގޮތަށް ކަންތައްކޮށްދީގެން ލޯތްބާއެކު ކަމަށްވާތީ އޭނާ ހާސްކަމާއި ކަންބޮޑުވުމުގެ ތެރެއިން ހިނިތުންވެލިއެވެ.

***************************

އިމްރާނާއިއެކު ނާހިދު މަޑުކޮށްލައިގެން ހުރީ ހޮސްޕިޓަލް ބޭރު ގޭޓު ކައިރީގައެވެ. އޭނާ އިރުކޮޅަކާ ފޯނުން ނަންބަރަކަށް ގުޅާލުމަށްފަހު ކަންފަތުގައި ޖަހާލައެވެ.

"އައި ތިންކް ޝީ ބޮލޮކްޑް މީ...." އިރުކޮޅަކުން ނާހިދު ބުނެލިއެވެ.

"އަދިވެސް އޭނައަށްތަ ތިގުޅަނީ. އަހަރެން މި ހީކުރީ މިހުރިހާއިރު ނަތާޝާއަށް ކަމަށް ތިގުޅަނީ... ދެންވެސް އެ ނަތާޝާގެ ނަންބަރަށް ގުޅާބަލަ. މިތަނުން ނަތާޝާގެ ނަންބަރު މިހޯދުނީ ހާދަވަރަކުންނޭ" އިމްރާން ހިތްހަމަނުޖެހިފައި ބުނެލިއެވެ. ނާހިދު އޭނާގެ ފޯނުން ސޭވްކޮށްފައި އިން ނަތާޝާގެ ނަންބަރު ހޯދާލުމަށްފަހު ގުޅާލިއެވެ. ތިން ފަހަރު ގުޅިއިރުވެސް ޖަވާބެއް ނައެވެ. ވައިބަރުގަ ނަތާޝާ ބޭނުންކުރާ ނަންބަރަކީވެސް އެއީއެވެ. ވައިބަރު މެދުވެރިކޮށްވެސް ނަތާޝާއާއި ކޮންޓެކްޓް ކުރުމަށް ނާހިދު އެތައް މަސައްކަތެއް ކޮށްފިއެވެ. ކާމިޔާބެއް ނުވިއެވެ.

"ދެން ކިހިނެއް ހަދާނީ...؟" އިމްރާންގެ މޫނަށް ނަޒަރެއްދެމުން ނާހިދު ބުނެލިއެވެ.

"އައި ޑޯންޓް ނޯ... " ދެކޮނޑު އަރުވާލަމުން ފަރުވާކުޑަ ގޮތަކަށް އިމްރާން ބުނެލިއެވެ.

"އިމޫ ތިއީ މަގޭ ބެސްޓްފްރެންޑްތަ....؟ މިވަރުގެ ކަމެއް އަހަރެންނަށްޓަކައި ކޮށްދެން ޖެހުނީމަވެސް ތިހުންނަނި ރުޅިއައިއްސަ... ނޯ. އިޓްސް އޯކޭ.... ޔޫ ކޭން ލީވް. އައި ވިލް މެނޭޖް..." އިމްރާނަށް ފުރަގަސްދެމުން ނާހިދު ބުނެލިއެވެ. އިމްރާން ހިތުގައި ޖެހުނެވެ. ނަމަވެސް އޭނާ އެކަން މޫނުމަތިން ނުދައްކައެވެ.

"އަދިވެސް ނާޑު ދޯ ރުޅިއަންނަންވީ...؟ އަހަރެންގެ ބެސްޓްފްރެންޑާއި މެދު އޭނަ އެގޮތަށް ކަންތައް ކުރީމަ ޙަޤީޤަތުގަވެސް އަހަރެން މިހުރީ ހިތްހަމަނުޖެހިފަ" ނާހިދު އާއި އަރާ ހަމަކުރަމުން އިމްރާން ބުނެލިއެވެ.

"އަހަރެންގެ ބެސްޓްފްރެންޑް ވެއްޖިއްޔާ އަހަރެންނަށް ހެލްޕްވާނެ ދޯ... އަޒްކާ ނޫޅޭވަރަކުން އަހަރެން އޭނަ ގެންނަން ނޫޅެމޭ. ކުރިންވެސް އަހަރެން ބުނީމެއްނު އެލޯބި ގަދަކަމުން ފޭރިގަންނަން އަހަރެން ނޫޅެމޭ.. އަހަރެން މިހާރު އަޒްކާ މިހޯދަނީ އަހަރެންގެ ބަލި މަންމައަށްޓަކައި. ބައްޕަގެ ސުވާލުތަކުން އަހަރެން ސަލާމަތްވުމަށްޓަކައި" ނާހިދު ބުނެލިއެވެ.

"އޯކޭ.. އޯކޭ.... ސޮރީ..... އަހަރެން ކީއްކޮށްދެންވީ...؟" ނާހިދުގެ ކޮނޑުގައި ހިފައިގަންނަމުން އިމްރާން ބުނެލިއެވެ. ނާހިދު ވަކި ޖަވާބެއް ނުދިނެވެ.

"ދެން ފޮނިނުވެ ބުނެބަލަ...؟ މިހާރުވެސް ކިހާ ވަގުތެއް މިދަނީ" އިމްރާން ވާހަކަދެއްކިއެވެ.

"ހިނގާބަލަ ނަތާޝާ އުޅޭ އެޑްރެސް ހޯދަން. އަހަރެން ބޭނުން އެގެއަށް ދާން. އަހަރެންނަށް ހީވަނީ ނަތާޝާ ގަސްދުގައި ފޯނު ނުނަގަން އުޅޭހެން..." ނާހިދުގެ ބޭނުން އިއްވާލިއެވެ.

"އޯކޭ... ހިނގާ ތިކަމާ އުޅެން.." އަވަސް އަވަހަށް އިމްރާން ބުނެލިއެވެ.

***************************

ކައިރިވަމުން އަންނަ މާހިލް ހުއްޓުވަން އަޒްކާ އެއްވެސް މަސައްކަތެއް ނުކުރިއެވެ. މާހިލް ދާދި ގާތުގައި ހުއްޓުމުން އަޒްކާ ދެއަތް މުށްކަވާލިއެވެ. އިރެއްގައި އެ ބެލުންތަކުންނާއި އެ އަމަލުތަކުން އޭނާގެ ހިތުގައި ތަފާތު ވިންދެއް އުފެދުނަސް މިހާރު އެކަހަލަ އެއްވެސް އިހުސާސެއް ނެތެވެ.

"ހަމައެހާ ލޯބިވޭތަ...؟" އަޒްކާގެ މޫނާއި މޫނު ގާތްކޮށްލަމުން މާހިލް ބުނެލިއެވެ. އަޒްކާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.

"އަހަ....އަހަރެން....." އަޒްކާ އެއްޗެއް ބުނަން އުޅުނެވެ.

"ޝްޝްޝް.......މިދުވަހަށް އަހަރެން ހާދަ އިންތިޒާރެއް ކޮށްފިމޭ. އަހަރެންނަށް އޭރުވެސް އިނގުނު އަޒް އަންނާނެކަން" އަނެއްކާވެސް މާހިލް ވާހަކަދެއްކިއެވެ. އަޒްކާގެ އެއް އަތް އުފުލާލުމަށްފަހު އޭނާ ބޮސްދޭން ފެށިއެވެ. މާހިލްގެ ބޮސްދިނުންތައް އަތުން ފެށިގެން މައްޗަށް އައިސް ތުންފަތާއި ހަމައަށް ދިޔުމުން އަޒްކާ މާހިލްގެ މޫނު ދުރަށް ޖައްސާލިއެވެ.

"އަހަރެން މިއައީ މާހިލް ކައިރީގައި ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން" އަޒްކާ ބުނެލިއެވެ.

"ކޮންވާހަކައެއް...؟ ވަރަށް މުހިންމުތަ...؟ ދިހަވަރަކަށް މިނިޓަށް ލަސްނުކުރެވޭނެތަ...؟" އަޒްކާގެ ކަރުދަށުގައި މޫނު ފޮރުވާލަމުން މާހިލް ބުނެލިއެވެ. މާހިލްގެ އަޑާއި ވާހަކަދެއްކުމުގައި ވަނީ މަސްތުކަމެވެ. އަޒްކާ ދެރަވެ ހިތުގައި ޖެހުނެވެ. މާހިލް އޭނާގެ ފަރާތުން ބޭނުންވަނީ ހަމައެކަނި ވަގުތީ އުފާކަން މިކުޑަ ވަގުތުކޮޅުގައިވެސް އޭނާއަށް އިހުސާސް ވެއްޖެއެވެ.

"މާހިލް ޕްލީޒް.... ސްޓޮޕް އިޓް..." އަޒްކާ ދުރަށް ޖެހުނެވެ. މާހިލް ވިސްނާލިއެވެ. އަޒްކާގެ ފަރާތުން އުފަލެއް ބޭނުންނަމަ އޭނާ ޖެހޭނީ އިހަށް މަޑުކުރާށެވެ.

"އޯކޭ... އަވަހަށް ބުނޭ. އެކަމަކު އޭގެކުރިން އާދޭ މިތަނުގައި އިށީންނަން" އަޒްކާގެ އަތުގައި ހިފައިގެން އައިސް އެނދުގައި އިށީންނަމުން މާހިލް ބުނެލިއެވެ.

"މާހިލްގެ ބައްޕަ ކައިރީގައި އަހަރެން ބަނޑުބޮޑޭ ކީއްވެ ބުނީ...؟" އަޒްކާ ދުރުދުރުން ސުވާލުކޮށްލިއެވެ.

"އެހެންނޫނީ މިގޭގައި އަންހެނަކު ބަހައްޓާކަށް ބައްޕަ އެއްބަހެއްނުވާނެ" މާހިލް ބުނެލިއެވެ. އަޒްކާ އިސްޖަހާލިއެވެ. މާހިލް އެހެން ބުނީ ކޮންމެހެން އޭނާ ބަލިވެއިންކަން އެނގިގެން ނޫންކަން އޭނާއަށް އިނގުނެވެ.

"އެހެންތަ...؟ އެހެންވިއްޔާ މާހިލް އިހަށް މިތަނުންދޭ.. މިހަރު ފަޒާ ފިހާރައިން އަތުވެދާނެ. އަހަރެން ބޭނުމެއްނޫން މަށާ ހެދި ތިދެމީހުން މެދުގައި މައްސަލަ ޖެހޭކަށް" އަޒްކާ ބުނެލިއެވެ.

"ފަޒާއަށް އިނގޭނެ މެރީކުރި އިރުވެސް އަހަރެން ހިތް ފަޒާއަށް ނުދޭކަން" މާހިލް ބުނެލިއެވެ.

"މާހިލް ބުނެބަލަ މާހިލްގެ ހިތް ދިން މީހެއް. ހުރިހާ އަންހެންކުދިން ޔޫސް ކުރަމުން ތިދުވަނީ. ތިއީ ހަމަ ފައްކާ ޕްލޭބޯއީއެއް..." ހިތާހިތުން އަޒްކާ މާހިލްއަށް އަޑުލަމުން ދިޔައެވެ.

"ޕްލީޒް. އިހަށް މިތަނުންދޭ. އަހަރެން ރެސްޓްބޭނުން. ފަހުން އާދޭ..." މާހިލްގެ އަތުގައި ހިފާ ނަގަމުން އަޒްކާ ބުނެލިއެވެ. މާހިލް ނުރުހުނަސް ކޮޓަރިން ނެރެފައި ދޮރުލެއްޕިއެވެ. އެގޮތަށް ގަދަވެގެން ނޫނީ އޭނާއަށް އެއްވެސް ކަމެއް ކާމިޔާބުވާކަށް ނެތެވެ.

***************************

ނަތާޝާ ގޯތި ތެރެއަށް ނިކުތީ މީހަކު އޭނާ ހޯދަން އައިސް ހުރި ވާހަކަ ނުޝައިބާ ބުނުމުންނެވެ. މައި ދޮރުން ނިކުންނަ އިރު ހެދިފައި އޮތް ހިމަ ގޯޅީގެ ކޮޅުގައި ހުރި ޖޯއްޔެއްގައި ދެފިރިހެނުން ތިބިކަން ބޭރަށް ނިކުތް ނަތާޝާއަށް އިނގުނެވެ. އެތަނުގައި ނާހިދު ހުރިކަން ނަތާޝާއަށް އިނގުނީ ކައިރިއަށް ދިޔަ ފަހުންނެވެ.

"ނާހިދު...!" ނަތާޝާ ފެނުމުން ކޮޅަށް ތެދުވި ނާހިދު އެއްޗެއް ބުނުމުގެ ކުރިން ނަތާޝާ ގޮވާލިއެވެ.

"ނަތާޝާއަށް އިނގޭނެ އަހަރެން މިއައީ ކީއްކުރަންކަން. ޕްލީޒް... މިގޭގައި އަޒްކީ ހުރިކަން އިނގޭ. އެހެންވެ އަހަރެން ގުޅީމަ ނަތާޝާ ފޯނަށް ޖަވާބުނުދެނީ" ނާހިދު ބުނެލިއެވެ. ނާހިދަށް ހިތްވަރު ދިނުމުގެ ގޮތުން އިމްރާން ނާހިދުގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

"ކާކު ބުނީ އަޒްކީ މިގޭގަ އެބަހުއްޓޭ. ނެތް މިގެއަކު..." ނަތާޝާ ބުނެލިއެވެ. ހާސްވެގެން އޭނާ ހުރީ ދެއަތް ދެއަތާއި މޮޑޭށެވެ.

"ލުކް ނަތާޝާ... ޑޯންޓް ލައި... އައި ނޯ ޝީ ޑަޒަންޓް ލައިކް މީ.... އަހަރެން މިއައީ އަޒްކާގެ ލޯބި ގަދަކަމުން ހޯދާކަށްނޫން. މަންމައާއި ބައްޕައަށްޓަކައި އޭނާ ގެއަށް ގެންދަން ބަލާ. އަޒްކާ ބޭނުންނަމަ އަހަރެން އޭނާ ކުރިމައްޗަށް ނާރާވެސް އުޅެފާނަން" ނާހިދު ވާހަކަދެއްކިއެވެ. ނާހިދުގެ ވާހަތަކުން އޭނާގެ ހިތަށް ކޮށްފައިވާ އަސަރު ނަތާޝާ ދެނެގަތެވެ. އޭނާގެ ހިތުގައި ރިއްސާލިއެވެ. ދިރިއުޅުމުގައި އުފަލެއް ލިބިފައިނުވާ އެ ނިކަމެތި އަންހެންކުއްޖާއަށް ޙަޤީޤީ ލޯބި ލިބެން އޮތް ދުވަހު ނަސީބު އެކަން ބަލައިނުގަތެވެ. އެކި ދުވަހު އެކި މީހުންނަށް ދުނިޔެ ދައްކާނީ އެކި ކުލަވަރޭ މީހުން ބުނަނީ މިހެންވެއެވެ. މާދާމާ ވާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގެއެވެ. ކޮންމެ މީހަކުވެސް ކުރަނީ އުންމީދެވެ.

"އަޒްކީ މިގެއަކު ނެތް.... ހަމަ ތެދެއް މިބުނީ.. އަޒްކީ އައި މިގެއަށް. ވަރަށް ދެރަވެފަ ހުރީ. އޭނާ މިގެއިން ދިޔައީ ގެއަށޭ ކިޔާފަ. އޭގެފަހުން އަދި ނަތާއަށް ހަބަރެއްނުވޭ..." އަޒްކާ ބުނި ގޮތަށް ނަތާޝާ ބުނެލިއެވެ.

"ޓްރަސްޓް މީ... ނާހިދު ބޭނުމިއްޔާ އެތެރެއަށް ވަދެ ބެލިޔަސް މައްސަލައެއްނެތް..." ބަހެއް ނުބުނެ ނާހިދު ބަލަން ހުރުމުން އަނެއްކާވެސް ނަތާޝާ ބުނެލިއެވެ. ނާހިދު ކަރު އެލުވާލިއެވެ. ނާހިދުގެ ކޮނޑަށް އަތް އެއްލައިގެން އިމްރާން އެގެއިން ނިކުންނަން ހިނގައިގަތެވެ. ނާހިދުގެ މޫނަށް ވެރިވެފައިވާ ކުލަވަރު ފެނި ނަތާޝާ ހުރީ އިންތިހާއަށް ދެރަވެފައެވެ. އޭނާ ގޭތެރެއަށް ވަދެގެން ދިޔައިރު ހުރީ އަޒްކާއަށްޓަކައި ހިތުގައި ހަމްދަރުދީ އުފެދިފައެވެ. އެގެއަށް ނާހިދު ހޯދަން އައި ހަބަރު އަޒްކާއަށް ދިނުމަށް އޭނާ އަވަސްވެގަތެވެ.

***************************

ފާހާނާއިން ނިކުތް ފަޒާ ބަލައިލިއިރު މާހިލް އޮތީ ނިދާފައެވެ. ދެފަރާތަށް ބޯހޫރާލުމަށްފަހު ހަރުގައި ތުވާލި އަޅުވާލާފައި ފަޒާ އިށީނީ ލޯގަނޑު ކުރިމަތީގައެވެ. ދެފަޔާއި އަތުގައި ލޯޝަން ހާކަމުން އޭނާ މާހިލްއަށް ބަލައިލިއެވެ. މާހިލް ލޯ ހުޅުވާލިއިރު ފަޒާ އިނީ ބަލަހައްޓައިގެންނެވެ.

"ނުނިދާ ދޯ ދެލޯ މަރާ ތަގުޅިކޮށްގެން ތިއޮންނަނީ..." ސަމާސާ އެކުލެވޭ ރާގެއްގައި ފަޒާ ބުނެލިއެވެ. ފަޅާއަރާފިކަން އެނގުމުން މާހިލްއަށް މަޖުބޫރުވީ ދެލޯ ހުޅުވައިގެން އޮންނާށެވެ.

"ފަޒާއާއި ހެދި މީހަކަށް ނިދިދާނެތަ...؟" ހަށިގަނޑު ސީދާކޮށްލަމުން މާހިލް ބުނެލިއެވެ.

"މަ ކީއްތަކުރީ....." އެނދަށް އަރަމުން ފަޒާ ބުނެލިއެވެ.

"ވާހަކަދައްކާވަރުން. އަހަރެން ނުލާހިކު ނިދިއައިއްސަ މިއޮތީ" މާހިލް ބުނެލިއެވެ. އޭނާގެ އަތްދަނޑި މައްޗަށް ފަޒާ އެރުމުގެ ކުރިން ދެމެދަށް ބާލީސް ލުމަށްފަހު ދެމީހުންގެ ދޭތެރޭގައި ހެދިފައި އޮތް ޖާގަ ކުޑަކޮށްލިއެވެ.

"އަހަރެން ބަހެއް ކިއީ މާލް ދެލޯ ހުޅުވައިގެން އޮށްވަ ފެނުނީމައެއްނު..." ދެރަވެފައި ފަޒާ ބުނެލިއެވެ.

"ދެން އުޅޭ ނިދަން. މާދަމާ ހެނދުނު އޮފީހަށް ނިކުންނަންޖެހޭ" ފަރުވާކުޑަ ރާގަކަށް މާހިލް ބުނެލިއެވެ. ފަޒާއާއި އެކުގައި ވަގުތު ހޭދަކޮށް ބޭކާރު ވާހަކަތަކެއް ދައްކަން އޭނާ ބޭނުމެއްނުވެއެވެ.

"އަހަރެން ކިތައް ދުވަހު މާލް ކައިރީގައި ބުނެފިން ތިގޮތަށް ޠާހިރުނުވެ ނިދަން ނުވާނޭ... ދޭބަލަ ގޮސް ފެންވަރައިގެން އަންނަން" ފަޒާ ވާހަކަދެއްކިއެވެ. ފިރިމީހާއަށް ރަނގަޅު މަގު ދެއްކުމަކީ އޭނާ ދެކޭގޮތުގައި އަނބިމީހާގެ މައްޗަށް ވާޖިބެކެވެ.

"އެއްކަލަ ފަޒާ...! އަހަރެން ނިދަން ބޭނުންވާ ވާހަކަ ބުނުމުންތަ ތިފެށީ...." ހިތްހަމަނުޖެހިފައި މާހިލް ބުނެލިއެވެ.

"އެހެންވެއެއްނޫން. މާލް ތިހެން އުޅެންޏާ ކިހިނެއްތަ ދުވަހަކުވެސް އަހަރެމެންގެ ދިރިއުޅުމަށް ރަނގަޅު ގޮތެއް ވާނީ... ކިހާ ދުވަހެއް އަހަރެން ދަރިއަކު ބޭނުންވެގެން އުޅޭތާ... މާލް ބުނޭ ކޮންމެ ފަހަރަކުވެސް ދަރިއަކަށް ޓްރައި ކުރަމޭ.. ނުލިބޭނީ ކޮންމެސް ކަމެއް ވީމައެއްނު. އެހެންވެ މިބުނީ ތި އުޅުމަށް ބަދަލު ގެންނާށޭ..." ފަޒާ ވާހަކަދެއްކިއެވެ.

"ދެން ތިބުނީ ދަރިއަކު ނުލިބެނީ އަހަރެން ފެންނުވަރާތީއޭ ދޯ... ހެހެހެ...ވަޓް އަ ޖޯކް.... އެހެންނޫނަސް އަހަރެން އަދި އެހާ އަވަހަށް ދަރިއަކު ބޭނުމެއްނޫން. އަދި މިއުޅެނީ ކައިވެންޏަށް އަހަރެއް ނުވެގެން. އަދި ނުވެއެއްނު ތެޅިގަންނާކަށް" މާހިލް ވާހަކަދެއްކީ ހިތްހަމަނުޖެހިފައެވެ. އޭނަގެ އަޑާއި ރާގުންވެސް ފަޒާ އެކަން ދެނެގަތެވެ. އޭނާ އިތުރަށް ބަހެއް ނުބުނީ ހިތުގައި ޖެހުނުވަރުންނެވެ. ކައިވެނީގެ ފަހުން އޭނާއަށް އުފާވެރިކަމެއް އިހުސާސެއް ނުކުރެވެއެވެ. މާހިލްއަށް އޭނާ ފެންނަނީ ހަމައެކަނި މާހިލް ކަރުހިއްކުން ފިލުވާލަންވީމައެވެ. މާހިލް ހީކުރަނީ އިނދެގެން ގެނެސް މުއްސަނދި ދިރިއުޅުމުގެ ތެރެއަށް އަނބިމީހާ ދޫކޮށްލެވުމުން ފިރިއެއްގެ ވާޖިބު އަދާކުރެވުނީ ކަމަށެވެ. ފަޒާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. މިހުރިހާ ދުވަހު އޭނާ ޝަކުވާނުކޮށް ހުންނަނީ އޭނާގެ ހިތުގައި މާހިލްގެ މައްޗަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އެއި އޭނާއަށް އެންމެ ފުރަތަމަ ލޯތްބެއްވެވުނު އިންސާނާއެވެ. އަދި ފިރިމީހާ ކައިރީގައި ޝަކުވާ ގިނަކުރަން ބޭނުންނުވާތީއެވެ.

***************************

މެންދުރުކާން ފަޒާ އަޒްކާއަށް ގޮވީ ބުރުހާނުއްދީން ކައިނިމިގެން އަލުން އޮފީހަށް ދިޔުމުންނެވެ. އަޒްކާ އައިސް އިށިން އިރު މޭޒު ކައިރީގައި އިނީ ފަޒާ އެކަންނެވެ. އަޒްކާ ފެނުމާއެކު އަވަހަށް އިށީންނަން ބުނެލިއެވެ. ފަޒާ ތެދުވެގެން ގޮސް އަޒްކާއަށް ތައްޓެއް ގެނެސްދިނެވެ. އަޒްކާ ހިނިތުންވެލިއެވެ.

"އަހަރެންވެސް މަސައްކަތްކުރަން ބޭނުން. އަހަރެން ބޭނުމެއްނޫން އަހަރެން ބާއްވާފައި ފަޒާ އަހަރެންނަށް ކައްކާފައި ކާންދޭކަށް" އަޒްކާ ބުނެލިއެވެ.

"މިއީ އެވަރުކަމެއްނޫން. އަޒްކާ ތިއީ އަހަރެމެންގެ ގެސްޓެއް. މާލްގެ އެކުވެރިއެއްގެ އަންހެނުން. ކުޑަދުވަސްކޮޅަކަށް މިގެއަށް އައިސް ތިހެން ހުންނަ ހުރުމުގަ މަސައްކަތްތަކެއް ކުރުވާކަށް އަހަރެން ބޭނުމެއްނޫން" ފަޒާ ހިނިތުންވުމަކާއެކު ބުނެލިއެވެ. ފަޒާގެ ވާހަކަތައް ނިމުމުން އަޒްކާ ވިސްނާލިއެވެ. އޭނާ އެގޭގައި ހުންނާނީ ކުޑަ ދުވަސްކޮޅަކު ހެއްޔެވެ...؟ އޭނާ ބަނޑުގައި އޮތީ މާހިލްގެ ދަރިއެއްކަން އެނގުމުން ފަޒާއަށް ވާނީ ކިހިނެއް ހެއްޔެވެ...؟ ނޫނެކެވެ. އޭނާ އެގެއަށް އައީ ފަހަރެއްގައިވެސް ފަޒާގެ ދިރިއުޅުން ވެއްޔާއި މޮޑެލާކަށް ނޫނެވެ. މާހިލްގެ އަތްނބަކަށް ފަޒާ ވީ އޭނާގެ ބަނޑުގައި އެދަރިފުޅު ގަރުބަގަތް ފަހުންނެވެ. މާހިލްގެ ސިފައަކަށް މާހިލްގެ މުއްސަނދި ކަމަކަށް އޭނާއެއް ނޭދެއެވެ. ބޭނުންވީ ހަމައެކަނި އެދަރިފުޅުގެ މުސްތަގުބަލު އުޖާލާކުރާށެވެ. އެކަން ކޮށްދެވޭނީ ހަމައެކަނި ދަރިފުޅުގެ ބައްޕަގެ ލޯބި ލިބިގެން ނޫން ހެއްޔެވެ...؟

"އަޒްކާގެ ބަނޑަށް މިހާރު ކިތައް މަސްތަ...؟" ވިސްނުންތަކަށް ގެއްލިފައި އިން އަޒްކާއަށް ސިހުމެއް ލިބުނީ ފަޒާގެ އަޑުންނެވެ.

"ހެހެހެ... ސިހުނީ ދޯ... ސޮރީ އިނގޭ.... އަހަރެން ބުނީ އަޒްކާގެ ބަނޑަށް ކިތައް މަސްހޭ މިހާރު؟" ފަޒާ އޭނާގެ ސުވާލު އަލުން ތަކުރާރު ކޮށްލިއެވެ.

"ހީވަނީ ހަތަރުމަސްހެން. ސްކޭން ކުރީމަ ޔަޤީންވާނީ. އެޕޮއިންޓްމަންޓް ލިބިފަ އިނީ މިހާރު" އަޒްކާ ބުނެލިއެވެ.

"އެހެންތަ...؟ އަހަރެންގެ ހެލްޕެއް ބޭނުންތަ؟ އައި މީން އަޒްކާއާއި އެކުގަ ހޮސްޕިޓަލަށްދާން" ފަޒާ އަހާލި އެވެ.

"ނޯ ތެންކްސް... ބެސްޓްފްރެންޑާއެކު ދާން ކަމަށް" ހީލަމުން އަޒްކާ ބުނެލިއެވެ.

މަޑުމަޑުން އިނދެ ކާން އިން ފަޒާއަށް އަޒްކާ ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. ކޮންމެސް ސަބަބަކާ ހުރެ ފަޒާގެ މޫނުމަތި މިލާފައިވާކަން އަޒްކާ ދެނެގަތެވެ.

"ކޮބާ މިއަދު މާހިލް ކާން ނާންނަނީތަ...؟' އަޒްކާ އަހާލިއެވެ.

"އާނ.. މިއަދު ތަންކޮޅެއް ބިޒީ ދުވަހެއްވީމަ ނާދެވުނު" ފަޒާ ބުނެލިއެވެ.

"ފަޒާއާއި ދެކުދިންގެ ލައިފް ރަނގަޅުތަ...؟ މިބުނީ ދެކުދިން ހެޕީތަ...؟" އަޒްކާ އަހާލިއެވެ. ވަގުތުން ފަޒާގެ ހިނިތުންވުން ގެއްލުނެވެ. ހިތުގައި އުފެދުނު އުދާސްވެރިކަން އެއްފަރާތް ކޮށްލުމަށްފަހު އޭނާ އަޒްކާއަށް ބަލައިލިއެވެ.

"ފަސްޓް ކްލާސް... މާލް ވަރަށް ރަނގަޅު. އެކަހަލަ ފިރިއެއް ހިއެއްނުވޭ ދެން ލިބިދާނެހެނެއް. ވަރަށް ލޯބިވޭ އަހަރެންދެކެ. ދުވަހަކުވެސް މި ދިރިއުޅުމުގައި ނިމުމުގެ ސިއްކަ ޖެހޭކަށް ބޭނުމެއްނޫން" ފަޒާ ވާހަކަދެއްކިއެވެ. އަޒްކާ ހީލިއެވެ. ފަޒާ އޭނާގެ އަމިއްލަ ނަފްސަށް ހިނިތުންވެލީ ކާން އިން ތައްޓަށް ބަލަން އިނދެއެވެ. އެއްވެސް މީހެއްގެ ކުރިމަތީގައި ފިރިމީހާގެ ގޯސްކަމުގެ ވާހަކަދައްކަން އޭނާ ބޭނުމެއްނުވެއެވެ. އަޒްކާ އިނީ ފަޒާއަށް ބަލަހައްޓައިގެންނެވެ. ފަޒާގެ ވާހަތަކުގައި ދޮގެއްވާކަން އޭނާއަށް އިނގެއެވެ. ސަބަބަކީ މާހިލްގެ ގޮތް އޭނާއަށް ވުރެ ބޮޑަށް ވަކި އިނގޭނީ ކާކަށް ހެއްޔެވެ؟ މާހިލްގެ ފަރާތުން ތެދުވެރި ލޯތްބެއް ލިބޭނެ އެއްވެސް އިންސާނެއް މިދުނިޔޭގައި ނެތެވެ.

***************************

އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް އަޒްކާގެ ދެލޮލުން ފައިބަމުންދާ ކަރުނަ އޭނާ ނާހިދު ދެކެ ވާ ތެދުވެރި ލޯބި ހާމަވެއެވެ. އޭނާގެ އަތުގައި އޮތް ފޯނުގެ ޑިސްޕްލޭއިން ފެންނަން ހުރި ނާހިދުގެ ފޮޓޯގައި އެތައް ފަހަރަކު ބޮސްދިނެވެ.

"ނާހިދު...! އަބަދުވެސް ލޯބިވާނަން. ދުވަހަކުވެސް މިހިތަކުން ތިލޯތްބެއް ތިހަނދާންތަކެއް ނުފިލާނެ. ވެގެންވަންޏާ އަހަރެންނަށް މަޢާފްކުރައްޗޭ. އަހަރެން ގެއްލުމުން މިހާރު ނާހިދު ދެރަވިޔަސް އަހަރެންގެ ޙަޤީޤަތް އެނގުމުން ނަފްރަތުކުރާނެ..." ރޮމުން ގިސްލަމުން އަޒްކާ ވާހަކަދެއްކިއެވެ. ކުއްލިއަކަށް އޭނާ އެނދުމައްޗަށް ކޮޅަށް ޖެހުނީ ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް މާހިލް ފެނިފައެވެ. އަޒްކާ ގަންފައިވާ ބިރެއްގެ ސަބަބުން މޭގައި އަތް އަޅައިލިއެވެ. ދޮރު ލައްޕާ ތަޅުލެވުނުކަމާމެދު މިހާރު އޭނާއަށް ޝައްކެވެ. ނިދާ ހެދުމަށް ބަދަލުނުކޮށް އޮވެވުނުކަން ނަސިބޭ ހިތަށް އެރިއެވެ. އެހެންނޫނީ އޭނާގެ ހާމަކަން ބޮޑު ހަށިގަނޑު ފެނި ކުށެއް ކުރެވިއްޖެ ކަމުގެ އިހުސާސް ކުރެވުނީހެވެ.

"މާހިލް...! އަޒްކާ ގޮވާލިއެވެ.

"އިނގޭ އަޒް އޮންނާނީ ނުނިދިފަކަން. ވަރަށް މިސްވޭތަ ހަމަ. އަހަރެންވެސް އަވަހަށް ފަޒާ ނިދީމަ މިއައީ. މިގެއަށް އައި ފަހުން ދެދުވަސްވިއިރު އަދި އަހަރެންނަށް ހަމަޖެހިލައިގެން އަޒްއާއި ވާހަކަވެސް ދައްކާނުލެވޭ..." އަޒްކާގެ ގާތުގައި އެނދުގައި އިށީންނަމުން މާހިލް ވާހަކަދެއްކިއެވެ. މާހިލްއަށް ހުރިހާ ޙަޤީޤަތެއް ކިޔާދޭންވީ ވަގުތު ޖެހިއްޖޭ އަޒްކާގެ ހިތް ބުނެލިއެވެ.

"މާހިލް....! އަހަރެން މިގެއަށް މާހިލް ކައިރިއަށް އެނބުރި މިއައީ ވަރަށް ބޮޑު ކަމަކު... މާހިލްއަށް ދޭންޖެހޭ ވަރަށް މުހިންމު ހަބަރެއް ދޭންވެގެން." އަޒްކާ ބުނެލިއެވެ.

"އިނގޭ. އައި އަންޑަރސްޓޭންޑް ޔުއަރ ފީލިންގްސް.... އަހަރެމެން ކިތަންމެ ވަރަކަށް ލޯބި ކުރިޔަސް ފަޒާއަށް ނޭނގޭނެ. ޓްރަސްޓް މީ ބޭބީ..." އަޒްކާގެ ކޯތާފަތުގައި ބޮސްދެމުން މާހިލް ބުނެލިއެވެ. ދިއްލާފައިވާ ފެހިކުލައިގެ ބޮކީގެ ފަނޑު އަލިކަމުގެ ތެރެއިން އަޒްކާ މާހިލްގެ މޫނަށް ބަލައިލިއެވެ. އެ ފަނޑު އަލިކަމުގެ ތެރޭގައިވެސް މާހިލްގެ ދެލޮލުގައިވާ އަސަރު އަޒްކާ ދެނެގަތެވެ.

"މާހިލް....! އަހަރެން ކައިރީ އަހާބަލަ އަހަރެން ބުނަން މިއުޅެނީ ކީކޭތޯ..." މާހިލްއާއި ކުޑަކޮށް ދުރަށް ޖެހިލަމުން އަޒްކާ ބުނެލިއެވެ.

"އަހާނަމޭ.. އެކަމަކު އޭގެކުރިން ޕްލީޒް އެންމެފަހަރަކު..." މާހިލް ބުނެލިއެވެ. އަޒްކާ ދެލޯމަރާ ބާރުކޮށްލިއެވެ. އެވަރަށް ހިތުގައިވެސް ޖެހުނެވެ. އޭނާ ދެން ހަދާނެ ގޮތަކާއި މެދު އަމިއްލަ ހިތާއި ސުވާލުކޮށްލިއެވެ.

"ފައިން....." އަޒްކާ ދެލޯމަރާލި އެވެ. މާހިލް އަޒްކާ ގެނެސް އޭނާގެ އުނގަށްލިއެވެ. އަދި ދެއަތުން އަޒްކާގެ މޫނުގައި ހިފާ އުފުލާލުމަށްފަހު އަޒްކާގެ ތުންފަތުން އުފާ ހޯދަން ފެށިއެވެ. އިރުކޮޅެއްވީތަނާ އަޒްކާ މާހިލްގެ މޭގައި އަތްއަޅާފައި ދުރަށް ލިއެވެ.

"މާހިލް...!!! މިއީ ރަނގަޅު ގޮތެއްނޫން. މާހިލް އަހަރެން ބޭނުންކަމަށްވަންޏާ ލެޓްސް ގެޓް މެރީޑް..." އަޒްކާ ބުނެލިއެވެ.

"މިހާރު ހާދަ ތަފާތޭ... ކުރިން ކައިވެނީގެ ވާހަކަ ނުދައްކާ. މިހާރު ކިހިނެއްވީ...؟ ކޮންމެހެން މެރީކުރަންޖެހޭތަ...؟" މާހިލް އަހާލިއެވެ.

"އާނ.. ވަރަށް މުހިންމު. މާހިލް....! އަހާބަލަ އަހަރެން މިހާރު މިގޮތަށް ފަލަކޮށް މިހުންނަނީ ކީއްވެގެންތޯ...." އަޒްކާ އަހާލިއެވެ.

"އަޒް ތިގޮތަށް ފަލަކޮށް ލޯބިކޮށް ހުރީމައެއްނު އަހަރެންނަށް ދުރަށް ނުދެވިގެން މިއުޅެނީ. މިހާރު ހުންނަގޮތް ވަރަށް ސެކްސީ..." އަޒްކާއާއި ގާތަށް ޖެހިލަމުން މާހިލް ބުނެލިއެވެ. އަޒްކާ ދުރަށް ޖެހިލިއެވެ. ދުރުދުރުން ވާހަކަދައްކައިގެން މާހިލްގެ ވިސްނުން ބަދަލުނުކުރެވޭނެކަން އިނގުމުން އަޒްކާ ފަހުގެ ހަތިޔާރު ބެހެއްޓުމަށް ނިންމިއެވެ.

"އަހަރެން ބަނޑުބޮޑު..." ދެލޯމަރާލަމުން އަޒްކާ ބުނެލިއެވެ.

"އިނގޭ.. އަހަރެން ބުނީމެއްނު..... ވަޓް....؟؟؟؟" އަޒްކާ ބުނި އެއްޗެއް މާހިލްއަށް ނަގައިގަނެވުނީ އިރުކޮޅެއް ފަހުންނެވެ. އޭނާ ފުންމައިގެން އެނދުން ތެދުވެގެން ގޮސް ފާރުގައި ހުރި ލައިޓް ޖައްސާލި އެވެ. މާހިލް އެނބުރުނުއިރު އަޒްކާ ހުރީ އެނދު ކައިރީގައި ކޮޅަށެވެ. އިތުރު ސުވާލެއް އަޒްކާއާއި ކުރުމުގެ ކުރިން އޭނާއަށް ހުރިހާ އެއްޗެއް އެނގި ހާމަވިއެވެ. ހަތަރުކަޅި ހަމަކޮށް އޭނާއަށް ބަލަން ހުރި އަޒްކާގެ ދެލޮލުން ހުރިހާ އެއްޗެއް އޭނާއަށް އަންގައިދީފިއެވެ.

"ދެން ކީއްވެތަ އަޒްކާ މިގެއަށް ތިއައީ...؟" މާހިލް އަހާލިއެވެ. މީގެ އިރުކޮޅެއްކުރިން އޭނާގެ ދެލޮލުން ފާޅުވާންހުރި މަސްތުކަން ކެނޑިއްޖެއެވެ.

"އަހަރެން މިއައީ ދަރިފުޅުގެ ބައްޕަ ކައިރިއަށް. އަހަރެން ވެއްޓެން މިއުޅޭ އަނދަވަޅުން އަހަރެން ސަލާމަތްކުރޭތޯ... އަހަރެމެންގެ މި ދަރިފުޅަށް އުފާވެރި މުސްތަޤުބަލެއް ހޯދަދިނުމަށްޓަކައި. މާހިލް އަހަރެންނަށް އެހީވެދީ...." މާހިލްއާއި ދިމާލަށް އަތް ދިއްކޮށްލަމުން އަޒްކާ ބުނެލިއެވެ.

"އަހަރެން ކިހިނެއް ޤަބޫލުކުރާނީ ތިއީ އަހަރެންގެ ދަރިއެއް ކަމަށް. މިހުރިހާ ދުވަހު އަޒްކާ ތިއައީ ހިލޭ ފިރިހެންކާއެކު އުޅެފަ އެއްގެއެއްގަ ކައިބޮއެ ނިދާ ހަދާފަ..." އަޒްކާއަށް ފުރަގަސްދެމުން މާހިލް ބުނެލިއެވެ.

"އަހަރެންނަށް އިތުބާރުކުރޭ... އަހަރެންނާއި ނާހިދު ތިބުނާ ކަހަލަ އެއްވެސް ގުޅުމެއްނެތް. ގުޅުމެއް އުފެދެން ތައްޔާރުވި ވަގުތު އެލޯބީގައި ކޮޅުފައިން ޖަހާފައި އަހަރެން މިއައީ މާހިލް ކައިރިއަށް. އަހަރެމެންގެ މި ދަރިފުޅަށް އުފާވެރި މުސްތަގުބަލެއް ހޯދަދޭންވެގެން" އަޒްކާ ވާހަކަދެއްކިއެވެ.

"އަހަރެން ޤަބޫލެއްނުކުރާނަން. އަހަރެންނަށް މިހާރު ވިސްނިއްޖެ. ބަނޑުގައި ތިއޮތް ދަރި ތިބުނާ ނާހިދުވެސް ޤަބޫލުނުކުރީމަ ތިއައީ އަހަރެންގެ ބޮލުގައި އަޅުވަން. ވަރަށް ރީތި ކުޅިވަރެއް ކުޅެން ތިވިސްނީ. އަހަރެން ތިމަޅީގައި ޖެހޭކަށް ނެތިން. އަޒްކާ މިގެއިން އަވަހަށްދާން އަހަރެންނަށް ފެންނަނީ" މާހިލް ހަރުކަށިކަމާއެކު ވާހަކަދެއްކިއެވެ. އަޒްކާ ދުވެފައި ގޮސް އިށިނީ މާހިލްގެ ފައި ބުޑުގައެވެ.

"ﷲ ށް ޓަކައި. އަހަރެންނަށް ތިހެން ނަހަދާ. އަހަރެންގެ ބަނޑުގައި މިވަނީ މާހިލްގެ ލޭ. މިއީ މީގެ ހަތަރުމަސް ކުރިން އަހަރެމެން ދެމީހުން ދޭތެރޭގައި އޮތް ލޯބީގެ ނިޝާން. ވިސްނާލަބަލަ. އަހަރެން ނާހިދާއި ދިމާވިތާ ހަތަރުމަސްނުވޭ. އަހަރެންގެ ބަނޑަށް މިހާރު ހަތަރުމަސް..." މާހިލްގެ ދެފައިގައި ހިފަހައްޓާލައިގެން އިނދެ އަޒްކާ ރޮމުން ވާހަކަދައްކަމުން ދިޔައެވެ.

"ދުރަށްދޭ... އަހަރެންނަކީ ތިހީކުރާ ކަހަލަ މާތް މީހެއް ނޫން..." ފައިންޖަހާ އަޒްކާ ދުރުކޮށްލަމުން މާހިލް ބުނެލިއެވެ.

"މާހިލް ބުނި ކޮންމެކަމެއް ބުނި ކޮންމެ ގޮތަކަށްވެސް އަހަރެން ކޮށްފާނަން. އަހަރެންނާ ކައިވެނިކުރޭ. އަނެއްދުވަހު ވަރިކޮށްލިޔަސް މައްސަލައެއްނެތް..." އަޒްކާ ރޮމުން ވާހަކަދައްކަމުން ދިޔައެވެ.

"ނުވާނެ ތިކަމެއް. އަހަރެން އަޒްކާ ބޭނުމީ ކައިވެނި ކުރާކަށްނޫން. ތިހަށިގަނޑު އުފަލެއް ބޭނުމީ. އެކަމަކު މިހާރު ފޫހިވެއްޖެ. މާދަމާ އިރުއެރުމުގެ ކުރިން އަޒްކާ މިގެއިންދޭ. މަށަށް ހެޔޮ ކޮންމެ ތަނަކަށް ދިޔަސް" މާހިލް ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އަޒްކާ ފުންމައިގެން ތެދުވިއެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު އޭނާ މާހިލްގެ ހަރުކަށިކަމާއި ދެކޮޅަށް ތެދުވުމަށް ތައްޔާރުވިއެވެ.

"އޯލްރައިޓް. އަހަރެން މިގެއިން ހިނގައިދާނަން. އެކަމަކު މާދަމާ މާހިލްގެ ބައްޕަގެ ކުރިމަތީގައި މާހިލް ބޭޒާރުކޮށްލުމަށްފަހު. އަހަރެން މިގެއަށް އައި ދުވަހު މާހިލް ހެދި ދޮގު މާހިލްގެ ބައްޕައަށް ހާމަކުރާނަން. މާހިލް ހީނުކުރާތި އެހާ ފަސޭހައިން މިކަމުން މާހިލްއަށް ބޯދަމައިގަނެވިދާނެކަމަށް. ހަމަހިލާ އެހެންވިޔަކަ ނުދޭނަން..." އަޒްކާ އަޑަށް ބާރުލާފައި ބުނެލިއެވެ. ކޮޓަރީ ތަޅުގައި ހިފާލި މާހިލްއަށް ހީވީ އޭނާގެ ކަންފަތްމަތީގައި ބާރު އެތިފަހަރެއް އަޅުވާލި ހެންނެވެ.

"ހަބަރުދާރު. މަށާ ބެހޭގޮތުން ބައްޕަ ކައިރީގައި އެންމެ ލަފްޒެއް ބުންޏަސް އަހަރެން ދުރަށްދާނީ އަޒްކާގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލާފައި. އެކަން ހަނދާނުގައި ބަހައްޓާތީ..." ފުންމައިގެން އައިސް މާހިލް ހިފީ އަޒްކާގެ ދެކޮލުގައެވެ. މާހިލްގެ ބާރުގަދަ އަތުގެ ތެރޭގައި އަޒްކާގެ ދެ ކޯތާފަތް ފިތެމުން ދިޔައިރު އަޅަމުންދާ ވޭނަށް ކެތްނުކުރެވި އަޒްކާގެ ދެލޮލުގެ ކަރުނަވަޅަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. ދެއަތުގެ ހުރި ބާރެއްލާފައި މާހިލްގެ މޭގައި އަތް އަޅާފައި ދުރަށް ކޮށްޕާލިއެވެ.

"ބުނަން. ފިނޑިންގެ ކަމެއް އަމަލެއް ތިއީ... އަހަރެން މިބުނި ބަހުގަ އަހަރެން ހިފަހައްޓާނަން.... އަހަރެން ހުންނާނީ މިގޭގަ. އަހަރެންގެ ދަރިފުޅުގެ ގެއަކީ މިއީ. މާހިލް ޤަބޫލުކުރިޔަސް ނުކުރިޔަސް މިދަރިފުޅު އުފަންވާނީ މިގެއަށް... މިއަދު ނޫނީ މާދަމާ މާހިލް ޖެހޭނީ މިދަރިފުޅު އަމިއްލަ ދަރިއެއްގެ ގޮތުގައި ޤަބޫލުކުރަން" އަޒްކާ ދަގަވިއެވެ. މިފަހަރު މާހިލްއަށް އެކަމުން ރެކެން ލާހިކެއްނޫނޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ.

"ހުރޭ މިގޭގަ. އެކަމަކު އަހަރެން ޤަބޫލެއްނުކުރަން ތިއީ މަގޭ ދަރިއެއް ކަމަކަށް" ދޮރު ހުޅުވާލާފައި މާހިލް ނިކުމެގެން ދިޔައެވެ. ލެއްޕިގެން ދިޔަ ދޮރާއެކު ހުރި ދިމާލުން ތިރީގައި އަޒްކާއަށް އިށީނދެވުނެވެ. އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައިރު އިނީ ދެންހަދާނެ ގޮތެއް ނޭނގިފައެވެ. މާހިލް މިހާރުވެސް އެދިޔައީ ބޮލުން ކަޓުވާލާފައެވެ. މާދަމާ އޭނާ އެގެއިން ނެރެފިނަމަ ދާނީ ކޮންތާކަށް ހެއްޔެވެ؟ އޭނާއާއި އޭނާގެ ދަރިފުޅަށް އެހީތެރިވާނީ ކާކު ހެއްޔެވެ؟

***************************

ވަޒީފާ އިން އައި ގޮތަށް ނާހިދު ވަނީ ކޮޓަރިއަށެވެ. ހަވީރު ސައި ތައްޔާރުކޮށްފައި މީކާ އެންގުމުން އޭނާ އިންކާރު ކުރިއެވެ. އަޒްކާ ފިލައިގެން އެދިޔައީ އޭނާގެ އުފާވެރިކަމާއި މުޅި ރޫހު ހިފައިގެންނެވެ. ލޯތްބަކީ މިކަހަލަ އެއްޗެއް ހެއްޔެވެ؟ ފުރަތަމަ ލޯބި ލިބެންވީ ވަކި ބަޔަކަށް ހެއްޔެވެ؟ އެއީ ނަސީބުވެރިން ހެއްޔެވެ؟ އެހެންކަމަށްވާނަމަ އެނަސީބުވެރިންގެ ތެރޭގައި އޭނާ ނުހިމެނުނީ ކީއްވެގެން ހެއްޔެވެ؟

އޮފީސް ހެދުމާއެކު އެނދުގައި ހުރަހަށް އޮތް ނާހިދުގެ ނަޒަރު ގުޅިފައިވަނީ މަތިން ހާމައަށް ފެންނަން އޮތް ސީލިންގު އަށެވެ. އެއްވެސް ހަރަކާތެއްނެތި އޭނާ އެހެން އޮތް އިރު އޭނާގެ ވިސްނުން ގުޅިފައިވަނީ އަޒްކާގެ އެކިއެކި ހަނދާންތަކާއެވެ. އަޒްކާދެކެ އޭނާއަށް ވެވުނު ތެދުވެރި ލޯބީގެ ސަބަބުން މިއަދު މައިންބަފައިން ކުރިމަތީގައި އޭނާ ފެއިލްވެއްޖެއެވެ. އަޒްކާ ހޯދަން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވުމުން ނާހިދު އޭނާގެ މައިންބަފައިންނަށް ގުޅާފައި އެހަބަރު ދީފިއެވެ. މޯހަންދާސް އެތައް ސުވާލެއް އެއްފަހަރާ ކުރިއިރު އެއިން އެއްވެސް ސުވާލަކަށް ދޭނެ ޖަވާބެއް އޭނާގެ ދުލަކަށް ނައެވެ. އޭނާ ފުންމައިގެން ތެދުވީ ކުއްލިއަކަށް އޭނާގެ ހިތަށް އައިސް ވަތް އެއްޗަކުންނެވެ.

(ނުނިމޭ)

ޖިޖީ

މީ ފަސްޓް ދޯ؟؟ކިިޔާފަ ކޮމެންޓެއް ކޮށްލާނަން..އިން ޝާ ﷲ😊