މަރުގެ މައްސަލަތައް

ކޮލަމް ހަޅަ: އެއް މަރު، ތިން ގޯސް!

ހަސަން ހަލީމް

1

މިދިޔަ މަހުގެ މެދުތެރޭގައި ގއ. ވިލިނގިލީގައި ހިނގައިދިޔަ މަރުގެ ހާދިސާ އަކީ މި ގައުމަށް ނަގައިދިން ވަރަށް މުހިންމު ފިލާވަޅެކެވެ. މިއީ އެއް ގޯހަށް ވުރެ ގިނަ ގޯސްތައް ހިމެނޭ މަރުގެ ހާދިސާއަކަށް ވާތީ ގާނޫނުތައް ބައްޓަން ކުރުމަށާއި ޒިންމާ ނަގަން ޖެހޭ ކަމާ ބެހޭ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް އޭގެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ޓަކައި މި މަރުގެ މުހިންމުކަން ބޮޑެވެ. އަދި މި މަރުގައި އިހުމާލު ވާނީ، މަރުވި މީހާތޯ، ފުލުހުންތޯ، ނުވަތަ އެ މަރުގެ ހާދިސާ ހިނގި ހަރުގެ ބަލަހައްޓާ މީހާތޯ މިއީ ރަނގަޅަށް ކަނޑައަޅަން ޖެހޭ ކަމެކެވެ.

ގއ. ވިލިނގިލީގައި ހިނގި ހާދިސާގައި މަރުވި ހުސެއިން ސިޔާދު މަރުވީ ހަރުގޭގައި ހުރި ކަރަންޓް ދަންތުރައެއްގައި ޖެހިގެންނެވެ. (ފުލުހުންގެ ތަހުގީގަށް ފަހު ފުލުހުން ބުނެފައި ވަނީ މިހެންނެވެ.) އެ ދަންތުރަ ހެދީ އެ ހަރުގެއިން ވައްކަން ކުރާ ވަރުން އެކަމަށް އެއްވެސް ހައްލެއް ނުލިބިގެން ގޮސް، އެ ހަރުގެ ބަލަހައްޓާ އެ ރަށު ސައީދު ހަސަން އެވެ. އޭނާ އަކީ ތަޖުރިބާކާރު އިލެކްޓްރީޝަނެކެވެ. މި ދަންތުރަ ހެދުމުގެ ކުރިން އޭނާ ވަނީ އެ ހަރުގެއިން އެއްޗެހި ގެއްލޭ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ވެސް ގެންގޮސްފަ އެވެ. އެހެން ނަމަވެސް، އެ ރަށުން ވާހަކަ ދައްކާ މީހުން ބުނާ ގޮތުގައި ފުލުހުންނަކަށް އެކަން ކޮންޓްރޯލެއް ނުވެ އެވެ.

އަނެއްކޮޅުން ސިމާދަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އެ ރަށުގައި ހިނގާފައިވާ ބައެއް ވައްކަންތަކުގެ ރެކޯޑު އޭނާގެ އޮވެ އެވެ. އެހެން ނަމަވެސް އޭނާ ދޫކޮށްލައިފައި ހުރީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އެ ރަށުގައި ހިނގާ ވައްކަންތަކުގައި އޭނާގެ އަތް އޮންނަ ކަމަށް އެ ރަށުގެ މީހުން ބުނެ އެވެ. އަދި އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ވެސް ގެންގޮސްފައިވާ ކަމަށް އެ ރަށު މީހުން ބުނެ އެވެ.

ސިމާދު މަރުވުމާ އެކު މި ހުރިހާ މައްސަލައެެއް ފެންމަތިވެއްޖެ އެވެ. މިއާ އެކު މި މަރުގެ ބަހުސް ކަފިކަފިވެގެން ގޮސް، އެކި މީހުން ކުށްވެރިވެ ނިމިއްޖެ އެވެ. އިހުމާލުތައް ގިނަވެއްޖެ އެވެ. ބައެއް މީހުންގެ ނަޒަރުގައި ކުށްވެރިވަނީ ފުލުހުންނެވެ. ސަބަބަކީ ކުށްވެރިއަކު ރަށުތެރެއަށް ދޫވެފައި ހުރުމާއި، ހަރުގެއިން އެވަރަށް ވައްކަން ކުރާ އިރު ވެސް އެކަމާ ދެކޮޅަށް ފުލުހުންނަށް ފިޔަވަޅު އެޅިފައި ނުވުމެވެ. އޭނާ ހައްޔަރުކުރެވުނު ނަމަ، ނުވަތަ އޭނާގެ މައްސަލައިގައި ފުލުހުން ކުރިން ސީރިއަސްވި ނަމަ، މިއީ ނުހިނގާނެ މަރެއް ކަމަށް މީހުން ސިފަ ކުރެ އެވެ.

އަނެއް ބަޔަކު ކުށްވެރި ކުރަނީ ދަންތުރަ ހެދި މީހާ އެވެ. އޭގައި ޖެހި މީހަކު މަރުވާނެކަން އެނގޭ އިރު އެވަރުގެ ކަމެއް ސައީދު ކޮށްގެން ނުވާނެ ކަމަށް އާންމު ބައެއް މީހުން ގަބޫލު ކުރެ އެވެ. ފުލުހުން ވެސް ބުނަނީ މިއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު އަނެއް ބަޔެއްގެ ނަޒަރުގައި ސައީދު އެކަމެއް ކުރީ، ވައްކަންތައް ހުއްޓުވެން އޭނާ އަށް އޮތް ހަމައެކަނި މަގަކީ އެއީ ކަމަށް ވާތީ އެވެ. ފުލުހުންނަށް ކުށްތައް ނުހުއްޓުވި، އާންމުންގެ މުދާ ފޭރުން އިންތިހާ އަށް ބޮޑުވާއިރު އެކަން ހުއްޓުވެން އޮތް ގޮތަކަށް އެކަން ހުއްޓުވަން އާންމުން ނުކުތުން މުހިންމު ކަމަށް ބައެއް މީހުން ދެކެ އެވެ.

އަނެއް ބަޔަކު ކުށްވެރި ކުރަނީ ސިމާދު އެވެ. އޭނާ މަރުވެގެން އެ ދިޔައީ ވައްކަން ކުރަން އުޅުމުގެ ތެރޭގައި ކަމަށް އާންމު ބައެއް މީހުން ގަބޫލުކުރެ އެވެ. މީހުންގެ މުދަލަށް އަރައިގަތުމާއި ވައްކަން ކުރުމާއި ފޭރޭ މީހުންނަށް އެ ލިބުނީ ރަނގަޅު މެސެޖެއް ކަމަށް ގަބޫލު ކުރާ މީހުން މަދެއް ނޫނެވެ.

ދެން އޮތީ އަޅުގަނޑުގެ ޚިޔާލެވެ. އެ ހުރިހާ ވާހަކަތަކަށް ޖުމްލަ ގޮތެއްގައި އަޅުގަނޑު ތާއީދުކުރަމެވެ. ރާއްޖޭގައި ވައްކަން ކުރުން މި ވަނީ ހައްދުން ނައްޓައިފަ އެވެ. އާންމުން އެ މީހުން އަމިއްލައަށް ސަލާމަތްކަން ހޯދާ ހިސާބަށް ކަންކަން ހިނގައްޖެ އެވެ. ފުލުހުންނަކަށް ކަންކަން ހަގީގަތުގައި ކޮންޓްރޯލެއް ނުވެ އެވެ. ވަރަށް ކުރުކޮށް ދަންނަވާ ނަމަ، އަޅުގަނޑަށް މިހާރު ފުލުހުން ސިފަވަނީ މަގުމަތީގައި ބާރަށް ދުއްވާ މީހުން ނުހިފޭއްޓި، މަޑުން ދުއްވާ މީސްމީހުން ހުއްޓުވައި ޗެކްކުރާ ބައެއްގެ ގޮތުގަ އެވެ. އާންމުންނަށް ދޭން ޖެހޭ ރައްކާތެރިކަން މިއޮތީ ހަގީގަތުގައި ކަށަވަރު ނުވެފަ އެވެ.

އެކަމަކު އަޅުގަނޑު ވެސް ގަބޫލު ނުކުރާ ކަމެއް މި ހާދިސާގައި އެބައޮތެވެެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ވާނީ އަނެކެއްގެ ފުރާނަ ދުއްވާލައިގެން ނޫން ކަމެވެ. މި މައްސަލައިގައި ދަންތުރަ ހެދި މީހާ އަޅުގަނޑަށް ގޯސްވާ ހިސާބަކީ މި އެވެ؛ ފުލުހުން އަޅާނުލިޔަސް، މީހަކު ކަރަންޓުގައި ޖައްސައި މަރާލުމުގެ ހުއްދަ އެއްވެސް ގާނޫނަކުން ސައީދަކަށް ނުލިބެ އެވެ. އަދި އެފަދަ ނުރައްކާތެރި އެއްވެސް އެއްޗެއް ހެދުމުގެ ހުއްދައެއް ވެސް އޭނާއަކަށް ލިބިގެނެއް ނުވެ އެވެ. އޭނާގެ ހަރުގެއިން މުދާތަކެއް ބަޔަކު ފޭރޭ ނަމަ، ކޮންމެ ހާލެއްގައި ވިޔަސް އޭނާއަށް ކުރެވެން އޮންނާނެ ކަމަކީ އެކަން ފުލުހުންނަށް ރިޕޯޓް ކުރުމެވެ. ފުލުހުން އެކަމަށް އަޅައިނުލައިފި ނަމަ ކަމާ ބެހޭ އެހެން މުއައްސަސާތަކަށް ދިއުމެވެ. އެނޫން އިޚުތިޔާރެއް އޭނާ އަށް ލިބިގެނެއް ނުވެ އެވެ.

އަޅުގަނޑުގެ ނަޒަރުގައި މި މަރުން ފިލާވަޅުތަކެއް ލިބިގަންނަން އެބަ ޖެހެ އެވެ. މިއީ ވަރަށް ގިނަ އިބުރަތްތަކެއް އޮތް މަރެކެވެ. މިފަދަ ކަމެއް ދެން ތަކުރާރު ނުވާނީ އޭރުންނެވެ.

ާއާރިފު

ލިޔުއްވި ބޭފުޅާ އަށް އެނގޭތޯ އިސްލާމްދީނުގައި އަމިއްލަ މުދާ ރައްކާތެރި ކުރުމަށްޓަކައި ހަނގުރާމަ ކުރުމުގެ ބާރު އޮންނަކަން. ޥަގު ގޭގަ އޮށްވަ ދަންތުރަޔަކު ނުޖެހޭނެ.