ވިޔަފާރި

މީރާއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

މޯލްޑިވްސް އިންލޭޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޓޯކަން ނަންބަރު ދޫކުރާ ގަޑިތަކަށް މިއަދުން ފެށިގެން ބަދަލު ގެނެސްފިއެވެ.

މީރާއިން ބުނެފައި ވަނީ ޓެކުހާއި ފީ ދެއްކުމަށް މިހާރު ނަންބަރު ދޫކުރާ ގަޑިއަކީ ހެނދުނު 8:00 އިން މެންދުުރު ފަހު 3:00 އަށެވެ. އަދި ރެޖިސްޓްރޭޝަންގެ ކަންކަމަށް ދޫކުރާ ނަންބަރު ހެނދުނު 8:00 އިން މެންދުރުފަހު 3:15 އަށް ދޫކުރުމަށް ހަމަޖެހިފައިވާ އިރު، މައުލޫމާތު ކައުންޓަރުގެ ނަންބަރު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ދޫކުރުމަށް މީރާއިން ވަނީ ނިންމާފައެވެ.

ޓެކްސް ޕެޔަރ ސާވިސް ސެންޓަރގެ އިތުރުން ހުރަވީ ބިލްޑިންގްގެ ކަލެކްޝަން ސެންޓަރުން ހިދުމަތް ހޯދާ ފަރާތްތަކުގެ ޓޯކެން ދޫކުރާ ވަގުތުތަކަށް ވެސް މީރާއިން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބަލްކް ޓޯކަން ސީރީސް (9000) ގެ ފީދެއްކުމަށް، ނަންބަރު ދޫކުރާނީ ހެނދުނު 8:00 އިން މެންދުރު 12:00 އަށެވެ. އަދި އާދައިގެ (8500) ގެ ޕޭމަންޓް ދެއްކުމަށް ދޫކުރާ ނަންބަރު ދޫކުރާނީ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށެވެ. އެކްސްޕްރެސް (8000) ގެ ނަންބަރު ދޫކުރުމަށް ހަމެޖެހިފައި ވަނީ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށެވެ.

މީރާއިން ބުނެފައި ވަނީ މިއަދަށްފަހު މެންދުރު 12:00 އިން އެކެއް ޖެހުމާ ދޭތެރޭ ހިދުމަތް ދެވޭނީ ހަމައެކަނި އެކްސްޕްރެސް ނަންބަރަށް ކަމަށެވެ.

މީރާގެ އޮފީސް ނިމޭ ގަޑި 4:00 އަށް ބަދަލުކޮށްފައިވާ އިރު، މި ބަދަލުތައް ގެނެސްފައިމިވަނީ މުއައްޒަފުންނަށް ފަސޭހަ ކުރުމަށެވެ.