އިބްރާހީމް ރިފްއަތު

މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގޭނެ ގޮތަށް ގާނޫނުތައް އިސްލާޙު ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ފަސް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ފޮނުވައިފި އެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކާވީސް ބިލެއް އެކުލަވާލައި މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ފޮނުވާފައި ކަމަށެވެ.

ކަމާބެހޭ ގާނޫނުތައް އެކުލަވާލުމުގެ އިތުރުން، ދިވެހި ދައުލަތަށް ގެއްލުންވާގޮތަށް ނަގާފައިވާ ލޯނުތަކާއި ކޮންޓްރެކްޓްތައް މުރާޖައާކުރުމުގެ މަސައްކަތްތައް ކުރަން އެކުލަވާލި ކޮމިޓީން، މިހާތަނަށް 11 އެއްބަސްވުމެއް މުރާޖައާކޮށް ނިންމާފައިވާ ކަމަށާއި އިތުރު 20 އެއްބަސްވުމުގެ އިނީޝަލް ރިވިއު ހަދާ ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މީގެ އިތުރުން، ބޭރުގެ ފަރާތްތަކާއެކު އެކިއެކި މަޝްރޫއުތަކާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން، ކަމާބެހޭ މިނިސްޓްރީތަކުގެ އެދުމުގެ މަތިން މިހާތަނަށް ހަ އެއްބަސްވުމެއް މުރާޖައާކޮށް ނިންމައި، ކަމާބެހޭ ވުޒާރާތަކަށް ލަފާ އަރުވާފައިވާކަމަށްވެސް ބުނެފައިވެއެވެ.

މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅަން ފޮނުވި އިރު އޭގެ ތެރޭގައި ހިމެނެނީ ހިއުމަން ރައިޓްސް ކޮމިޝަން، އޮޑިޓް އޮފީސް، އެންޓި ކޮރަޕްޝަން ކޮމިޝަން، އިލެކްޝަންސް ކޮމިޝަން އަދި ސިވިލް ސާވިސް ކޮމިޝަނެވެ.

މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ.