ޓެކްނޮލޮޖީ

ކެންސަރަށް ފަރުވާކުރަމުން ދަނިކޮށް، މައިކްރޯސޮފްޓްގެ ކޯ ފައުންޑާ އެލެން މަރުވެއްްޖެ

ލޭގެ ކެންސަރުގެ ވައްތަރެއް ކަމަށްވާ ނޮން ހޮޖުކިންސް ލިމްފޯމާއަށް ފަރުވާކުރުމުންދިޔަ މައިކްރޯސޮފްޓްގެ އެއް ބާނީ، ޕައުލް އެލެން މަރުވެއްޖެއެވެ.

ކޮމްޕިއުޓާ ސޮފްޓްވެއާއަށް އިންގިލާބީ ބަދަލުތަކެއް ގެނައި، ދުނިޔޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި މައިކްރޯސޮފްޓްގެ ކޯ ފައުންޑާ އެލެން ދުނިޔެ ދޫކޮށްފައި ވަނީ އޭނާގެ އުމުރުން 65 އަހަރުގައެވެ.

އެލެންއަށް ކެންސަރު ޖެހިގެން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފަރުވާކޮށްފައިވާ އިރު، އެންމެފަހުން އޭނާއަށް ފަރުވާކޮށްފައި ވަނީ 2009 ވަނަ އަހަރުއެވެ. އެ ފަހަރު ފަރުވާކޮށް އެލެން ރަނގަޅުވި ނަމަވެސް، މީގެ ދެ ހަފްތާކުރިން އަނެއްކާވެސް އޭނާއަށް ފަރުވާކުރަން ފެށި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ. އަދި މިފަހަރު ފަރުވާކުރަމުންދިޔަ ޑޮކްޓަރުންވެސް، އެލެން ރަނގަޅުވާނެ ކަމަށް ފެހި ސިގްނަލް ދިން ނަމަވެސް، މިއަދުގެ ވަގުތެއްގައި އެލެންގެ އާއިލާއިން ވަނީ އޭނާ މަރުވިކަން ކަށަވަރުކޮށްދީފައެވެ.

އެލެންއާއެކު މައިކްރޯސޮފްޓް ކުންފުނި ހިންގަމުން އަންނަ ކޯ ފައުންޑާ، ބިލް ގޭޓްސް ބުނެފައި ވަނީ ޒުވާން ދުވަސްވަރުން ފެށިގެންވެސް އެލެންއަކީ އޭނާ އެންމެ ގާތް އެކަކު ކަމަށާއި، އެލެން ނެތުމަކީ އޭނާގެ ހަޔާތުން ބައެއް މަދުވުން ކަމަށެވެ. އަދި މައިކްރޯސޮފްޓްގެ ހަނދާނުގައި އަބަދުވެސް އެލެން ވާނެ ކަމަށާއި، ކުންފުންޏަކީ އެލެންގެ ރަމްޒެއް ކަމަށް ވެސް ބިލްގޭޓްސް ބުންޏެވެ.

ބިލްގޭޓްސް އާއި އެލެން އެކުގައި މައިކްރޯސޮފްޓް ކުންފުނި ވުޖޫދަށް ގެނައީ 1975 ވަނަ އަހަރުގައެވެ. 1983 ވަނަ އަހަރުވެސް އެލެން ކެންސަރާ ހަނގުރާމަކޮށްފައިވާ އިރު، އޭނާ ވަނީ އެފަހަރުވެސް ބަލިން ސަލާމަތްވެ އަނެއްކާވެސް ވިޔަފާރީގެ ތެރެއަށް އެނބުރި އައިސްފައެވެ. އެގޮތުން އެލެން ވަނީ 1986 ވަނަ އަހަރު ވުލްކަންގެ ނަމުގައި އޭނާގެ އަމިއްލަ ވިޔަފާރި ކުންފުންޏެއް ފަށައި، އެ ވިޔަފާރި ކާމިޔާބުވެސް ކޮށްފައެވެ.

މައިކްރޯސޮފްްޓްގެ ބާނީން ކަމަށްވާ އެލެންއާއި ބިލްގޭޓްސްވެސް ފާހަގަކޮށްލެވެނީ ދީލަތި ދެ ބޭފުޅުންގެ ގޮތުގައެވެ. ލަފާކުރެވޭ ގޮތުގައި އިންސާނިއްޔަތުކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެލެން ވަނީ ދެ ބިލިއަނަށްވުރެ ގިނަ ޑޮލަރު ހޭދަކޮށްފައެވެ. އަދި އެލެންއަކީ ކުޅިވަރަށް ވެސް ހާއްސަ ލޯތްބެއް ދީފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާއަކީ ބްލޭޒާސް ބާސްކެޓް ޓީމާއި އެންއެފްއެމް ޓީމެއް ކަމަށްވާ ސީޓަލް ސީހޯކްސްގެވެސް ވެރިޔާއެވެ. އެލެންގެ އެންއެފްއެލް ޓީމު، ސީޓަލް ސީހޯކްސްއިން ވަނި 2013 ވަނަ އަހަރުގެ ސުޕަބޯލްވެސް ކާމިޔާބުކޮށްފައެވެ.