މޫސުމާ ބެހޭ ފަރާތްތަކުން މިއަހަރު މިހާތަނަށް ރެކޯޑް ކުރެވޭނެކަމަށް ލަފާކޮށްފައިވާ އެންމެ ބާރުގަދަ ތޫފާން މެންގްހޮޓް ޗައިނާގެ އުތުރުން ހޮންގްކޮންގް އަށް އަރައިފިއެވެ. ހަފްތާ ބަންދުގައި ފިލިޕީންސަށް އެރި މިތޫފާނުން އެގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބި 25 މީހުން މަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ހޮންގްކޮންގަށް ތޫފާން އެރުމާ އެކު އެޤައުމުގެ މޫސުން ދިރާސާކުރާ 'ދަ ހޮންގްކޮންގް އޮބްޒާވޭޓަރީ' އިން ވަނީ ތޫފާން އެރުމުން ނެރޭ ސިގްނަލް T10 އަށް އަރުވައިފައެވެ. މިއީ މިފަދަ ހާލަތްތަކުގައި ނެރޭ އެންމެ މަތީ ނުރައްކާތެރި ކަމުގެ ސިގްނަލެވެ. ހޮންގްކޮންގަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާއިރު މުޅި ހޮންގްކޮންގް ހުއްޓުމަކަށް އައިސްފައިވާ ކަމަށް މީޑިއާތަކުން ދަނީ ބުނަމުންނެވެ.
މި ތޫފާނުގެ ސަބަބުން ހޮންގްކޮންގަށް ގަޑިއަކު 68 މޭލަށް ވައިޖެހޭ ކަމަށް ރިކޯޑު ކުރެވިފައި ވެއެވެ. ނަމަވެސް ތޫފާންގެ ބާރުގަދަވުމުން ވައިޖެހޭ މިންވަރު އިތުރުވެ ބޮޑެތި ގެއްލުންތައް ވާނެ ކަމަށް ބެލެވެއެވެ. 120 މިލިއަން މީހުންނަށް މިކަމުގެ ނުރައްކާ އޮތްކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.
550 އަށް ވުރެ ގިނަ ފްލައިޓު ކެންސަލްވެ 200 އަށް ވުރެން ގިން ފްލައިޓު ޑިލޭ ވެފައި ވާއިރު ހޮންގްކޮންގް އެއާޕޯޓުގައި އެތައް ހާސް ބަޔަކު ތާށިވެފައި ވެއެވެ. ހޮންގްކޮންގް ގެ ޕަބްލިކް ޓްރާންސްޕޯޓު ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.
ޗައިނާގެ އެހެން ސިޓީތަކުން ވެސް މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފަ އެވެ. އެންމެ ނުރައްކާ ވާނެ ކަމަށް ބެލެވޭ ގުއަގްޒޯ އިން ވަނީ އިމަޖެންސީގައި ނެރޭ އެންމެ މަތީ އެލާޓް ނެރެފައެވެ. އެސިޓީގެ އެއްލައްކައަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް ކުއްލި ހާލަތުގައި މަސައްކަތްކުރާ ފަރާތްތައް ހަރަކާތްތެރިވާން ފަށާފައެވެ.