ބޭންކް އޮފް ސިލޯންގައި ހުޅުވާފައި އެއްވެސް ބޭނުމެއް ނުކޮށް ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިހުރި އެކައުންޓްތައް އާންމުކޮށްފި އެވެ.
މިއަދު ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އާންމުކޮށްފައިވާ އެކައުންޓްތަކުގެ ތެރެއިން އެއްވެސް އެކައުންޓެއް އެކްޓިވޭޓް ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެގޮތުން އެކައުންޓްތައް އެކްޓިވޭޓް ކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 20ގެ ކުރީން އެކަމަށް ހާއްސަކޮށް ބެންކް އޮފް ސިލޯނަށް ސިޓީއެއް ހުށަހެޅުމަށް ވަނީ އިއުލާނުގައި ބުނެފައެވެ.
ދިވެހިރާއްޖޭގެ ބޭންކިން ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ވިދިވިދިގެން ފަސް އަހަރު ދުވަސް ވަންދެން، އެކައުންޓެއްގެ ވެރިފަރާތުން އެ އެކައުންޓަކުން އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނަމަ، ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފައިނުވާނަމަ، އެ އެކައުންޓް ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ކަނޑައަޅައި، އެ އެކައުންޓްތައް ބަންދުކުރެވި، އަދި އެކައުންޓްތަކުގައި ހުރި ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަވާލުކުރެވޭނެއެވެ.