ޚަބަރު

އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 40 ވަނަ ސެޝަން ނިމިއްޖެ

ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ކުރިއަށްދިޔަ އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 40 ވަނަ ސެޝަން ނިމިއްޖެ އެވެ.

ޖެނީވާގައި ހުންނަ އ.ދ. މަރުކަޒުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގެ ފަރާތުން 21 ސްޓޭޓްމަންޓް ދިނުމުގެ އިތުރުން ސެޝަންގައި ފާސްކުރެވުނު 29 ގަރާރުގެ މަޝްވަރާ ބައްދަލުވުންތަކުގައި އަމަލީ ގޮތުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ރާއްޖެއިން ވަނީ ދެ ޖޮއިންޓް ސްޓޭޓްމަންޓެއް ހުށަހަޅައިދީފައެވެ.

އެއީ އަލަށް ގާއިމް ކުރެވުނު 14 ގައުމު އެކުލެވޭ ހިއުމަން ރައިޓްސް ކައުންސިލް މެމްބާޝިޕް ކޮންޓެކްޓް ގްރޫޕުގެ ފަރާތުން ކުދި ގައުމުތަކުން ކައުންސިލްގެ މެމްބަރުކަން ކުރުމަށް ބާރުއަޅާ ސްޓޭޓްމަންޓްއަކާއި، ޖެނީވާގައި ހުންނަ ކުދި ޖަޒީރާ ގައުމުތަކުގެ ގްރޫޕެއްގެ ފަރާތުން މަލްޓިލެޓަރަލް ފޯރަމްތަކުގައި މިހާރަށްވުރެ ފުރިހަމަ ރޯލެއް އަދާ ކުރެވެންވާނެ ކަމަށް ބާރުއެޅުމުގެ ގޮތުން ދިން ސްޓޭޓްމަންޓް އެކެވެ.

ރާއްޖެއިން މި ސެޝަންގައި ބައިވެރިވުމަށް ވަޑިއިގެން ވަފުދުގައި އިސްކޮށް ހުންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެގޮތުން މިނިސްޓަރ ވަނީ މި ސެޝަންގައި ތަގުރީރުކުރައްވާފައެވެ. މިނިސްޓަރުގެ ވާހަކައިގައި ވަނީ ރާއްޖޭގެ ސަރުކާރުން އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، ދިވެހިންނަށް ލިބިފައިވާ އަސާސީ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ޑިމޮކްރަސީ އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން މިނިސްޓަރު ވާހަކަދެއްކެވިއެވެ.