ދުނިޔެއަށް ރިވެލި ކުރަމުންދިޔަ ރީތި ހަނދުވަރުގެ ތެރޭގައި ބަބުޅަމުން ފިޔަ ޖަހަމުން ދިޔަ ރީތި ތަރިތަކާއި ޖެހެމުންދިޔަ ފިނިވައިރޯޅިތަކުގެ ތެރޭގައި ދެމީހުންގެ ހަށިގަނޑުގެ ހޫނުކަން ދެމީހުންދިޔައީ ލިބިގަންނަމުންނެވެ. ކުއްލި އަކަށް ޖެހެމުންދިޔަ ވައިރޯޅިތައް ބާރުވާހެން ހީވިއެވެ. ދެމީހުނަށް އެކީ އުޑުމައްޗަށް ބަލާލެވުނެވެ. އުޑުމަތީގައިވާ ބޯ ވިއްސާރަ ވިލާގަނޑުން ފުރަތަމަ ގުގުރި އިއުލާން ކޮށްލިއެވެ. އެޔާއި އެކު ދެވަނަ އަދި ތިންވަނަ ގުގުރިއެވެ. ވާރޭގެ ބޮޑެތި ތިކިތައް އެދެމީހުންގައިގައި ބޮސްދެމުންދިޔައިރު ދެމީހުން މަސައްކަތް ކުރަމުންދިޔައީ ކާރަށް އެރޭތޯއެވެ.
ވާރެއިން ސަލާމްތަވާން ސައިކަލްގައި ދުއްވަމުންދިޔަ ޑރ. ކަމާލްއަށް ގެޔާ ހަމައަށް ދެވުނީ ކިރިޔާއެވެ. އެހެނަސް ކުއްލި އަކަށް ކަމެއް ހަނދާންވީ ކަހަލަ ގޮތަކަށް ސައިކަލުގެ ދުވެލި ބާރުކޮށްލާ އެހެން ދިމާއަކަށް މިސްރާބު ޖެހިއެވެ. ހޮސްޕިޓަލަށް ވަދެގެންގޮސް ވާޑުގައި އޮތް ބަލި މީހެއްގެ ކައިރީގައި މަޑުކޮށްލިއެވެ. މި ދަންވަރު އެ އެކަނިވެރި ނިކަމެތި އަންހެން މީހާގެ ހިޔާލުތައް ކަމާލްގެ ހަނދާނަށް މި އައީ ކީއްވެބާއެވެ. އޭނާ މީގެ ކުރިންވެސް ޕޭޝަންޓުންގެ ކަންކަން ބަލަނީ އެހާ ގާތުންނެވެ. އެހެނަސް މިރޭ މި އަންހެން މީހާގެ ބެލެހެއްޓުންތެރި އެއް ނެތި އެކަނި ހާލަށް ދޫކޮށްލާފައި ދާން ކަމާލް އަށް އުނދަގޫ ވެއްޖެއެވެ. އޭނާ މަޑު މަޑުން ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އަދި އަންހެން މީހާގެ ބޯކައިރީގައި ބާއްވާފައި އޮތް ފައިލު މަޑުމަޑުން ނަގާ ކިޔަން ފެށިއެވެ. ދެލޯމަރާލާ އަންހެން މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ވިސްނަން ފެށިއެވެ. އެހެނަސް ހިތުގައި ޖަވާބު ނުދެވޭ ސުވާލެއް އުފެދުނެވެ. މި އަންހެން މީހާ އަށް އޭނާގެ ހިތުގައި މިހާ ހަމްދަރުދީ އުފެދުނީ ކީއްވެބާއެވެ. "ފައުޒިއްޔާ" އެމީހާގެ ނަން ކަމާލް އަށް ކިޔާލެވުނެވެ. އޭނާގެ ދެލޮލުން ނުވެސް ދަންނަމީހަކަށްޓަކައި ކަރުނަ މި އޮހޮރެނީ ކީއްވެބާއެވެ.
"މަރިޔަން، މަރިޔަން.. ދަރިފުޅާ މަރިޔަން އާދޭ" އެއަންހެން މީހާ ކުއްލިއަކަށް ހަޅޭއްލަވަން ފެށިއެވެ.
އެމީހާގެ ހަޅެއްކުގެ އަޑު ހިނދެއް ހިނދަކަށްވުރެ ދިޔައީ ބާރުވަމުންނެވެ. ޑޮކްޓަރެއް ނަމަވެސް ކަމާލް އަށް ހުރެވުނީ ހައިރާން ކަމާއިއެކީ އެމީހާ އަށް ބަލަހައްޓައިގެނެވެ. އަސަރާ ވޭނާއެކީ އެމީހާ ރޮމުން ހަޅޭއް ލަވަމުން ދިޔައެވެ. ކުއްލިއަކަށް ކަމާލް ފެނުމާއެކު އެމީހާގެ ހަރަކާތްތަކަށް ބަދަލުއައެވެ. އަދި ކުރިންވެސް އޮތްގޮތަށް ލޯމަރާލިއެވެ. އެހެނަސް ހަމަ ސިކުންތެއްވެސް ނުވެއެވެ. ލޯމަރާލުމާއެކު މަރިޔަން އޭ ކިޔާ ގޮވަން ފެށިއެވެ.
ނިދިފައި އޮތް ނިޒާރުއަށް މީހަކު އޭނާ އަށް ގޮވާތީ ހޭލެވުނެވެ. އެހެނަސް ކައިރީގައި އެއްވެސް މީހަކު ނެތުމުން އަނެއްކާވެސް ނިދޭތޯ ދެލޯ މަރާލިއެވެ. ސިހިގެން ދިޔައީ އަހަރުތަކެއް ކުރިން އޭނާ ދަންނަ އަޑެއް އިވިގެން ދިޔުމާއި އެކު އެވެ. އެމީހަކު ވޭނީ އަޑަކުން ހަޅޭއްލަވަމުންދިޔައެވެ. ނިޒާރު ގައިން ހީބިހި ނަގައިގަތެވެ. ކުއްލި އަކަށް ވިދާލިއެވެ. އަދި ގުގުރާލިއެވެ.
އޮފީހަށްދާން ޒައުލް ނިކުތް އިރުވެސް ޝާނާ އޮތީ ގަދަ ނިދީގައެވެ. ޒައުލް ދިޔައީ ޝާނާ އަށް ލުއި ނާސްތާ އެއް ތައްޔާރުކޮށް ނޯޓެއްވެސް ލިޔެފައެވެ. އޮފީހަށް ވަދެގެން އައިއިރު ދަންނަ މޫނެއް އޭނާ އަށް ފެނުނެވެ. " ލަމްހާ" ޒައުލް އަށް ގޮވާލެވުނެވެ.
ލަމްހާ އައިސް ހުރީ މާލިކު އާ އެކީގައެވެ. އެކީގައި ކިޔަވަން އުޅުނު ނަމަވެސް ލަމްހާ މަތީ ތައުލީމް ހާސިލް ކުރަން ބޭރަށް ދިޔަފަހުން ޒައުލް އަށް އަދި ލަމްހާ އެފެނުނީއެވެ.
"ދަރިފުޅާ ލަމްހާ މީގެ ފަހުން މަސައްކަތް ކުރާނީ މި ކުންފުނީގަ ، މާކެޓިންގް ޓީމްގެ ކަންކަން ލަމްހާ އާއި ހަވާލުކޮށްލާ، ދެން ކުރިއަށް ގެންދަންވީ ގޮތް ޒައުލް ކިޔާދޭނެ" މާލިކު އެތަނުން ދިޔައީ އޭނާ އަށް މުހިންމު ކޯލެއް އައުމުންނެވެ.
ހެނދުނު އެރި އިރާއެކު ރާނިޔާ އަށް އެންމެ ފުރަތަމަވެސް އައީ ދާރިޔާގެ މެސެޖެކެވެ.
ރާނިޔާ އެ މެސެޖް ޒަކްވާން އަށް ފޮނުވާލިއެވެ. މަންމަ ކިތަންމެ ހިތް ހަމަ ނުޖެހުނަސް ޒަކްވާންގެ ވިސްނުން ދެން ބަދަލެއް ނުވާނެއެވެ.
އޮފީހަށް ވަދެގެން އައިސް ގޮނޑީގައި އިށީނދެލާ ޒަކްވާން ހަމަޖެހިލިއެވެ. ކުއްލި އަކަށް ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. ފަރި ހިނގުމެއްގައި ކަރުދާސްތަކެއް ހިފައިގެން އައިސް އެކުއްޖާ ހުއްޓުނެވެ. އިށީނުމަށް ޒައުލް ގެ އަތުން އިޝާރާތް ކޮށްލިއެވެ.
" ޝުކުރިއްޔާ" އެކުއްޖާ ބުނެލިއެވެ.
" ކޮންނަމެއް ކިޔަނީ "ޒަކްވާން އެހެން އަހާލީ އިސްދަށަށް ޖަހާލައިގެން ހުރެއެވެ.
" ލަމްހާ ޒަމީރް"
" ނިމުނީމަ ގޮވާލާނަން" ޒައުލް ބުނެލިއެވެ.
ނަމަވެސް އެކުއްޖާ އިނީއެވެ. ޒަކްވާން ހީކުރީ އޭނާ އެހެން ބުނުމުން އެކުއްޖާ އަށް ވިސްނޭނެ ކަމަށެވެ. އިރުކޮޅަކުން ޒަކްވާން އިސް އުފުލާ ބަލައިލިއެވެ. ލަމްހާ އިނީ އޭނާ އާ ދިމާއަށް ބަލާށެވެ. ކަޅިވެސް ޖަހާނުލައެވެ.
" ލަމްހާ" ޒައުލް ގޮވާލިއެވެ. "އަހަރެން ބުނީ ދިޔަސް އެންމެ ރަނގަޅޭ"
ލަމްހާ ތެދުވިއެވެ. އަދި ޒަކްވާން އާއި ގާތަށް ޖެހިލާ ގިރުވާން ރަނގަޅުކޮށްލަދިނެވެ. ޒަކްވާން ދިޔައީ ސިހިގެންނެވެ.
"ލެނބިފަ ހުރީމަ ރަނގަޅު ކޮށްލީ"
އެއްވެސް ޖަވާބެއް ދިނުމެއްނެތި ޒަކްވާން އިސްޖަހާލިއެވެ. ލިޔުންތައް ހާވަން ފެށިއެވެ. ނަމަވެސް ލަމްހާގެ އެހަރަކާތުން ޒަކްވާން އަށް ހަމަޖެހުމެއް ނުލިބުނެވެ. އިރުއިރުކޮޅާ އެމަންޒަރު ސިފަވަނީއެވެ. ލަމްހާ ރީއްޗެވެ. ލޫޅާފައްޗެވެ. އެކަމަކު ޒަކްވާން އަކީ އޭނާގެ ވެރިމީހާ ގެ މަގާމުގައި ހުރި މީހެކެވެ. ކަރުދާސްތައް ހަވާލުކުރުމަށް ލަމްހާ އަށް ގޮވާލަން ޖެހުނެވެ. އެފަހަރުވެސް ލަމްހާ ހުރީ ދާން ނޭނގިފައެވެ. ޒަކްވާން އަށް އަނެއްކާވެސް ބަލައިލެވުނެވެ. ލަމްހާގެ ހިނިތުންވުމާއެކު ޒަކްވާން އަށް ލިބުނީ ޝޮކެކެވެ. ދެކެފަރިތަ މޫނެއް ކަމަށް އިހްސާސް ކުރެވޭތީއެވެ.