ކޮލަމް

ވާހަނަ - ދީނީ އަޚްލާޤީ ދުރުމީއަކުން

އަބްދުﷲ ފާރޫގް ހަސަން

މައިގަނޑުނަމުގައި ކުރިޔަށްދިއުމުގެ ކުރީން އެންމެފުރަތަމަ ކުރާންޖެހޭކަމެއްގެ ގޮތުން ވާހަނައިގެ ތަޢާރުފެއް ހުށަހަޅައިލުމަކީ ބޭނުންތެރި ކަމެއްކަމުގައި ދެކެމެވެ. ވާހަނަ އަކީ އިނގިރޭސީ ބަހުގެ ލަފުޒެއްކަމުގައިވާ ޓްރެފިކުގެ ބަދަލުގައި ބޭނުންކުރަން ބަސްކޮމެޓީން ފާސްކުރައްވައިފައިވާ ބަހެކެވެ. ދިވެހިބަހުގެ އެކެޑަމީން ތަސްދީޤު ކުރައްވައިފައިވާ ބަހެކެވެ. ބަހުގެ އަސްލަށް ބަލާއިރު ވާހަނައަކީ ދިވެހިބަހުގެ މަތާރަންފިލާގެ މަތީން ހޮވައިގެން ނަގައިފައިވާ ބޯދާބަހެކެވެ. އެބަސްބޭނުންކުރެވުނު ޒަމާނުގައި ކާބަފައިން އެބަސްބޭނުންކުރީ ދުއްވާތަކެތީގެ މާނައިގައެވެ. ބަސްކޮމެޓީން މިހާރު މިވަނީ އެބަހުގެ ހިރަފުސްފޮޅައި އަލުން ދިރުވައިފައެވެ. އެހެންކަމުން ޒަމާނާ ގުޅޭ މާނަތަކެއް މިބަހަށް އިތުރުކޮށް ދާއިރާ ތަނަވަސް ކުރެވިދާނެއެވެ. މަގެއްގެ މަތީގައި ދުއްވައިފައިދާ ތަކެއްޗާއި، ވިޔަފާރީގެ ގޮތުގައި ފަސިންޖަރުންނާއި މުދާ އެއްތަނުން އަނެއްތަނަށް އުފުލާ އުފުލުންފަދަ މިހާރަށް ބޭނުންވެފައިވާ މާނަ ތަކެއް އިތުރުކުރެވިދާނެއެވެ. ނަމަވެސް ބަސްކޮމެޓީން މިލަފުޒުގެ މާނަތަކެއް އަދިއެއް އެކަށައެއް ނާޅުއްވައެވެ. އެކަމަކު މިއުސޫލަކީ ވެސް ދުނިޔޭގެ ކުރިއަރައިފައިވާ ބަސްބަހުގައި އަމަލުކުރާ އާއްމު އުސޫލެއްކަމުން އަޅުގަނޑު މިބަސްބޭނުން ކޮށްލުމަކީ ނުހަމަކަމަކަށް ނުވާނެކަމުގައި ދެކޭ ވާހަކަ ދަންނަވަމުން މި ވާހަކަ މިހިސާބަށް ކުރުކޮށްލަމެވެ. އަސްލު މައިގަނޑު ނަމަށް އެނބުރިގަންނަމެވެ. ބަހުގެ އެކެޑަމީން ދާދި އަވަހަށް މިބަހުގެ މާނަ ނެރުއްވާނެކަމަށް އުންމީދުކުރަމެވެ.

ރާއްޖޭގައި މިހާރަކަށް އައިސް އެންމެ ބޮޑުވެފައިވާ އެއްމައްސަލައަކީ ވާހަނައިގެ މައްސަލައެވެ. މިދުވަސްކޮޅު މިމައްސަލަވަނީ ވަކީން ބޮޑުވެފައެވެ. އަޅުގަނޑުގެ ލޯބިވާ ދަރިފުޅުވެސްވަނީ މިމައްސަލައިގެ ތެރެޔަށް ވަދެފައެވެ. ރާއްޖެއާ އެތަކެއްސައްތަ މޭލުދުރުގައި ހުރެވެސްމެއެވެ. އޭނާ އެ ވިއްޔެއްގައި ހިމެނޭ ޞިއްޙީ ޚިދުމަތްތެރީންގެވިލީން ވެސް މިމައްސަލައިގެ ތެރެޔަށް ވަނުމުންނެވެ. އެއްފަތްފެޅި ދޫނި އެއްތަނަކަށް ޖަމާވާނެއޭ ބުނެވޭ ހަމައިގެމަތީންނެވެ. އަޅުގަނޑަށްވެސް މިމައިގަނޑު ނަމުގައި ގަލަން ހިންގާންމިޖެހުނީ އެހެންވެގެންނެވެ. އެވިލީން ކުރިޔަށްގެންދާ ހޭލުންތެރި ކުރުވުމުގެ ހަރަކާތުގައި ބައިވެރިވެ ފައްޔެއް އަޅައިދިނުމުގެ ގޮތުންނެވެ.

އާދެ، ވާހަނައިގެ މައްސަލައަކީވެސް އިސްލާމްދީން އަޅުގަނޑުމެންނަށް އިރްޝާދުތަކެއްދީފައިވާ މައްސަލައެކެވެ. އިންސާނީ ހަޔާތުގެ އެހެން ހުރިހާ ދާއިރާތަކެއްގައިވެސް އެދީން އިންސާނާ ރޭފަނާއަރުވައިދީފައިވާ ފަދައިންނެވެ. އިސްލާމްދީނުގެ އަސްލުތަކަށް ވިސްނާއިރު ވާހަނައިގެ މައްސަލައިގައިވެސް އަޅުގަނޑުމެންނަށް އުސޫލީ އިރްޝާދުތަކެއް ލިބެއެވެ.

އަޅުގަނޑުމެން ވިސްނައިލާއިރު އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް އަމުރުކުރާ ކަންތައްތަކެއް ހުރެއެވެ. ހަމައެފަދައިން އަޅުގަނޑުމެންގެ ދީން މަނާކުރާ ކަންތައްތަކެއްވެސް ހުރެއެވެ. އެއިން ކޮންމެ ކަމަކަށްވެސް ތުނޑުން ތުނޑަށް އަމަލުކުރުމަކީ ލާޒިމު ކަމެކެވެ. އެއިން ކަމަކަށް އުނިއިތުރެއް ގެނައުމަކީ އަޅުގަނޑުމެންގެ އިޚްތިޔާރުގައިވާ ކަމެއްނޫނެވެ. ހަމައެފަދައިން ދީން އެކަންކަން ސަރީހުގޮތެއްގައި ހުއްދަވެސް ނުކުރާ އަދި މަނާވެސް ނުކުރާ ކަންތައްތަކެއްވެސް ހުރެއެވެ. އާއްމު ރައްޔިތުންގެ ސަލާމަތާއި މަސްލަހަތަށް ބަލައިގެން އެކަންކަމަށް އިދާރީ ޤާނޫނުތަކެއް ހެދުމަކީ ސަރުކާރުގެ ޙައްޤެކެވެ. އިސްލާމީ އުސޫލުތަކުގައި މިބާވަތުގެ ކަންތައްތަކަށްދީފައިވާ އިސްޠިލާޙީނަމަކީ މަސާލިހު މުރްސިލާއެވެ.

މިސާލެއްގެ ގޮތުން ދަންނަވާނަމަ މީހުންމަގުމަތީގައި ހިނގާންވާނީ މަގުގެ ކަނާތްފަރާތުންކަމަކަށްވެސް ނުވަތަ ވާތްފަރާތުން ކަމަކަށްވެސް ދީނުގައި ސަރީހު ހުކުމެއްނެތެވެ. އެހެންކަމުން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެވެނި ގޮތަކަށް މަގުހިނގުމަށާއި، މިވެނިގޮތަކަށް ނުހިނގުމަށް ސަރުކާރުން ގަވައިދު ހެދިދާނެއެވެ. މަގުހިނގާން ވާނީ މަގުގެ ކޮންފަޅިޔަކުން ކަންވެސް ނިންމިދާނެއެވެ. އެއްގަމު އުޅަނދުތައް ދުއްވަން ވާނީ މިވެނި ފަޅިޔަކުން ކަމަށާއި މިވެނި އުމުރެއްގެ ބަޔަކުކަމަށާއި ލައިސަންސު ނަގައިގެންކަން ލާޒިމުކުރާ ގޮތަށް ގަވައިދު ހެދިދާނެއެވެ.

މިހަމައިގެމަތީން ވާހަނައާ ބެހޭގޮތުންވެސްވަނީ ސަރުކާރުން ގަވައިދުތަކެއް އެކަށައަޅައިފައެވެ. ދުއްވާއެއްޗެހި ބައެއް ހާލަތްތަކުގައި ބާރަށް ދުއްވުމަށެވެ. ވަކި ހާލަތްތަކެއްގައި މަޑުން ދުއްވުމަށެވެ. ހަމައެފަދައިން މަޑުކުރާނެ ތަންތަނާއި މަޑުކޮށްގެން ނުވާނެ ތަންތަންވެސް އެކަށައަޅައިފައި ހުރެއެވެ. ދުއްވާއެއްޗެހި ހުއްޓައިފައި ބޭއްވޭނެ ތަންތަނާއި ނުބޭއްވޭނެތަންތަންވެސް ކަނޑައަޅައިފައިހުރެއެވެ. މިއީ ހައްތާވެސް އިދާރީ ޤާނޫނުތަކާއި ގަވައިދުތަކެވެ. މަޤްސަދަކީ އަޅުގަނޑުމެންގެ ފުރާނަތަކާއި އަޅުގަނޑުމެންގެ އުޅަނދުފަހަރުގެ ސަލާމަތެވެ. ރައްކާތެރިކަމެވެ. ފުރާނަޔާއި މުދާރައްކާތެރި ކުރުމަކީ ޝަރީއަތުގެ ވާޖިބެކެވެ. އިންސާނުންސަރުކާރެއް އުފައްދަނީ ސަރުކާރުގެ މިބާވަތުގެ އަމުރުތަކަށް ބޯލަނބާން އިޖްތިމާއީ އަހްދެއްކޮށްގެންނެވެ. އެހެންކަމުން އެފަދަ ޤަވައިދުތަކާއި ޤާނޫނުތަކަށް ރިއާޔަތްކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބެކެވެ. އެކަންކަމަށް ރިޢާޔަތް ނުކޮށްފިނަމަ އަޅުގަނޑުމެންނަށް ހަމައެކަނި ސަރުކާރުގެ އަމުރަކާ ޚިލާފްވެވެނީއެއް ނޫނެވެ. އަޅުގަނޑުމެން ކޮށްފައިވާ އިޖްތިމާއީ ވައުދަކާވެސް ޚިލާފުވެވެނީއެވެ. އަޅުގަނޑުމެންގެ ޖާނާއި މާލަށް ރައްކާތެރި ނުވުމުގެ ސަބަބުން ދީންނުރުހޭ ގޮތަކަށްވެސް އަމަލުކުރެވެނީއެވެ. ފާފަވެރިވުމުގެ ސަބަބަކަށްވެސްވެވެނީއެވެ. އެގޮތުން ބަލާއިރު ރައްޔިތުންގެ ލާބަޔަށްޓަކައި ސަރުކާރުން ހަދާ ގަވައިދުތަކަށް ތަބާވުމަކީ ދީނާއި ސަލާމަތް ބުއްދި ލާޒިމުކުރާކަމެކެވެ.

ކީރިތި ޤުރްއާން އިރްޝާދު ދެއްވާގޮތުގައި އިންސާނާ ހިނގާންވާނީ ކިބުރުވެރިކަމާއި ބޮޑާކަމާއި ނިކުއްޓަރިކަމުން (ނޭއްގާނިކަމުން) އެއްކިބާވެގެންވާ ހިނގުމެކެވެ. ކީރިތި ޤުރްއާނުގެ އާޔަތެއްގެ މާނައިގައިވެއެވެ.

"އަދި ތިބާ ބޮޑާވެގެން ބިމުގައި ހިނގައި ނުއުޅޭށެވެ! ހަމަކަށަވަރުން ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި (އިސްކޮޅުގެ ދިގުކަމުން) ފަރުބަދަތަކާ ހަމަޔަކަށް ތިބާއެއް ނުފޯރާނެއެވެ. " (އަލްއިސްރާއު : 37).

އަރަހުށިމާތްﷲ އެކަލާނގެ ހެޔޮލަފާއަޅުންގެ ހިނގައިބިނގައި ވުމާއި، ވާހަކަ ދައްކައިއުޅުމާއި، ހޭޑިފޭޑިއާ ބެހޭގޮތުން އިރްޝާދު ދެއްވައިފައިވެއެވެ.

"ރަހްމާނުވަންތަ ރަސްކަލާނގެ އަޅުންނީ މަޑުމައިތިރިކަމާއެކު ބިމުގައި ހިނގައިއުޅޭ މީހުންނެވެ. އަދި ޖާހިލުން އެއުރެންނާ މުޚާޠަބުކޮށް ވާހަކަ ދައްކައިފި ހިނދަކު އެއުރެން (އަމާންކަމާއެކު) ސަލާމޭ ބުނެތެވެ." (އަލްފުރުޤާން : 63)

ބޮޑާވެގެންވާ ޙާލުގައި ބިމުގައި ހިނގުމުގެ މާނައަކީ ކޮބައިތޯއެވެ. އާދެ، އޭގެ އެއް މާނައަކީ ބޮޑާކަމާއެކު މަތިހަށިނަގައި މޭފުއްޕައިގެން ފިސާރިޔަކަށް ދެއަތްފޭކޮށްގެން ފަތަރާސީކޮށް ހިނގުމެވެ. ނަމަވެސް ބޮޑާކަމާއެކު ހިނގޭ ހަމައެކަނި ގޮތަކީ ފައިމަގުގައި އެގޮތަށް ހިނގުމެއްނޫނެވެ. ތިމާގެ ކިބުރުވެރިކަމާއި ތިމާވަންތަކަން ހާމަވާގޮތަށް ހިނގާކޮންމެ ހިނގުމަކީ ނުވަތަ މަގުމަތީގައި ދާ ކޮންމެ ދިޔުމަކީ ބޮޑާވެގެން ހިނގުމެވެ. އަނެކުންނާމެދު ނިކަމެތިކޮށް ހިތޭ ކޮންމެ ދުއްވުމަކާއި ކޮންމެ ހިނގުމެއްވެސް އަންނަނީ މި ރައްބާނީ އިރްޝާދުގެ ތެރެޔަށެވެ. މިސާލެއްގެ ގޮތުން ދަންނަވަމެވެ. ތިބާއިންނެވީ ކާރެއްގައެވެ. ނުވަތަ މޮޓޯސައިކަލެއްގައެވެ. އެއްވެސް ކާރެއް ނުވަތަ ސައިކަލެއް ތިބާގެ ކުރިއަރައިގެން ދާކަށެއް ތިބާގެ ހިތްޕުޅަކަށް ފަސޭހަފުޅެއްނޫނެވެ. މަޤްބޫލު އުޒުރަކާ ނުލައިވެސް ތިބާ ބޭނުންފުޅުވަނީ ކުރީގައިއޮތް ކާރެއް ނުވަތަ ކުރީންދާ ސައިކަލެއް ފަހަތަށް ޖައްސައިލައްވައި ކުރިއަރައިވަޑައިގަތުމަށެވެ. އެކަމަށްޓަކައި ހެއްދެވޭން އޮތް ކޮންމެ އުކުޅެއް ހައްދަވަމުއެވެ. ހުއްޓާނުލައްވައި ބަރުގޮނުއަޅުއްވައި އެހެންމީހުން ސިއްސައިލެއްވޭތޯ ބައްލަވަމުއެވެ. ޝައްކެއްނެތް ގޮތުގައި މިހިރީވެސް ބޮޑާކަމާއެކު ބިމުގައި ހިންގެވޭ ހިންގެވުމުގެ މާނައިގައި ހިމެނޭ ކަންކަމެވެ. މަގުމަތީގައި އެންމެ ވާހަނަ ބޮޑުވާވަގުތު ހަނިދޭތެރެ ދޭތެރެއިން ތީރެއްހައި ބާރަށް ތޮރުފިވަޑައިގަންނަވަމުން ދެފަރާތަށް ފޭހިއަރުއްވަމުން ގުދުގުދުލައްވަމުން، ދެއަތަށް އަރިކުރައްވަމުން ސައިލެންސަރުން ގަދަ އަޑުފަށްގަނޑު ނެރުއްވަމުން ބަޑިޖައްސަވަމުން ސައިކަލުދުއްވެވުމަކީ ވެސް ބޮޑާކަމާ އެކު މަގުމަތީގައި ހިންގެވުމުގެ ތެރެއަށް ވަންނަކަމެކެވެ. ތިމާވަރުގެ އަނެކަކުނެތްކަން ދައްކަވާން އުޅުއްވުމެވެ. ފަރުބަދަތަކުގެ ކުރިޔާ ހަމަޔަށް އުފުލިވަޑައިގެންނެވޭތޯއުޅުއްވުމެވެ. އަދި ކީއްތޯއެވެ.ސިދުރަތުލް މުންތަހާއަށް ވުރެވެސް އުހަށް އުފުލިވަޑައިގަންނަވާން އުޅުއްވުމޭ ދަންނަވާނެ ޖަގަ އެބައޮތެވެ.

މަޑުމައިތިރިކަމާއި ތަވާޟުއުވެރިކަމުގެ ހިންގެވުމަކީ ތިބާ މެދުމިނުގެ ބާރުމިނެއްގައި ހިންގެވުމެވެ. ނުވަތަ ދުއްވެވުމެވެ. ތިބާގެ ކުރީގައިތިބި ބަޔަކު ކުރީގައި ތިއްބަދެއްވާށެވެ. ތިބާގެ ފަހަތްޕުޅުން އަންނަ އުޅަނދެއްގެބާރުމިނަށް ވިސްނައިވަޑައިގަންނަވާއިރު އެ އުޅަނދު ތިބާގެ ކުރިޔަށް އަރަން ބޭނުންވާކަން އެނގިވަޑައިގެންނެވުމުން މަގުމަތީގެ ކާރޫބާރު އެކަމަށްތަންދޭނަމަ އެއުޅަނދެއް ކުރިއެރިޔަ ދެއްވާށެވެ. އެކަމަކީ ތިބާގެ "އަހަރެންވަންތަކަމުގެ" މައްސަލަޔަކަށް ނަހައްދަވާށެވެ. އާދެ، ތިބާގެ އަޚާ ކުރިއެރިޔަދެއްވާށެވެ. މަޑުމައިތިރިކަމާއެކު ހިންގެވުމަކީ ނުވަތަ ދުއްވުމަކީ މިއީއެވެ.
ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ސީރަތުން މިކަމަށްވެސް ފިލާވަޅުލިބެއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ސަހާބީން އެމާތް ސާހިބާގެ އަރިހުގައި ދަތުރު ކުރައްވާއިރު ތިއްބަވަނީ އެމާތްސާހިބާގެ ފަހަތްޕުޅުގައެވެ. ކުރިމަތީން ދުޝްމިނުންގެ ހަމަލާއެއް އަތުވެދާނެކަމުގެ ނުރައްކަލެއްނެތް އެއްވެސް ހިނދެއްގައި އިތުރުސާހިބާގެ ސަވާރީއަށްވުރެ އެބޭކަލުންގެ ސަވާރީތައް ކުރިއެރިޔަކަށް ނުދެއްވައެވެ. މަޤަސަދަކީ ކައުސާހިބާއަށް އިހްތިރާމްކުރެއްވުމެވެ.

އެއްފަހަރު ދިމާވި އިއްތިފާޤީ ޙާދިޘާއެކެވެ. އަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ އަންހުމާ ސަވާރުވެ ވަޑައިގެން އިންނެވި ޖަމަލު ކައުސާހިބާގެ ޖަމަލުކޮޅަށްވުރެ ކުރިއަރައިފިއެވެ. އަބްދުﷲ ބިން އުމަރުގެ ޖަމަލަކީ ވަރަށް ނުކިޔަމަންތެރި ޖަމަލެކެވެ. ހަރުކަށިޖަމަލެކެވެ. މަތަކުރާން އުނދަގޫ ޖަމަލެކެވެ. ނަމަވެސް އެހާދިޘާއަކީ ސަހާބީންނަށް ބަރުދާސް ކުރައްވާން ފަސޭހަފުޅު ކަމަކަށެއްނުވިއެވެ. ޢުމަރު ރަޟިޔަﷲ އަންހު ދަރިކަލުންނަށް ވަރަށް ބޮޑަށްކޯފާވިއެވެ. ކަމާބެހޭގޮތުން މޮއްޓެވިއެވެ. ނަމަވެސް ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެކަންމަނާ ކުރެއްވިއެވެ. ކައުސާހިބާގެ ހިތްޕުޅުގައި އެހާދިޘާއާމެދު އެއްވެސް މިންވަރެއް ނުރުހުންވެވަޑައިގަތުމެއް ނެތެވެ. އިތުރުސާހިބާ ހާމަކޮށްދެއްވީ ތިމާގެ ސަވާރީއަށްވުރެ އަނެކެއްގެ ސަވާރީކުރިއެރުމަކީ އެއްވެސް މައްސަލައެއްނޫންކަމެވެ. އަނެކެއްގެ ސަވާރީގެ ފަހަތުން ތިމާގެ ސަވާރީ ދަތުރުކުރުމަކީ ތިމާ "ކުޑަވާ" ކަމެއް ނޫންކަމެވެ.

(ނުނިމޭ)