ކޮލަމް

އިސްލާމީ ޝަރީޢަތުގެ ޤާނޫނުތައް - އިންސާނިއްޔަތަށް ހުރި ރަހްމަތެއް - 2

އަބްދުﷲ ފާރޫގް ހަސަން

1

ތަރުޖަމާ: އަބްދުﷲ ފާރޫޤު ޙަސަން

އިސްލާމީ ޝަރީޢަތުގެ އެންމެ ޚާއްޞަ އެއް އިމްތިޔާޒަކީ އަދުލްވެރިކަމާއި މެދުމިންކަމެވެ. މިމަޤާމުގައި ޢަދުލުވެރިކަމުގެ މާނަޔަކީ ކޮންމެ މީހެއްގެވެސް ޤާބިލިއްޔަތާ އެއްވަރަށް އެމީހެއްގެ ޒިންމާ އާއި މަސްއޫލިއްޔަތު އެކަށައަޅައި ހަމަޖެއްސުމެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ އަންހެނުންނާއި ފިރިހެނުންގެ ހަށިތައް އުފެދި ތަރުކީބުވެފައިވާ ގޮތުން ކޮންމެ ޖިންސަކަށްވެސް އެންމެ ފުރިހަމަޔަށް އަދާކުރެވޭނީ އެޖިންސަކާ ގުޅޭ މަސައްކަތްތަކެކެވެ. ޖިސްމާނީ ހަކަތަ އާއި ބުންވަރު ބޭނުންވާ ކަންކަން އެންމެފުރިހަމަޔަށް ކުރެވޭނީ ފިރިހެނުންނަށެވެ. ކުލުނާއި އޯގާތެރިކަމާއި މަޑުމައިތިރިކަމުގެ ދައުރު އެންމެ ބަރާބަރަށް އަދާ ކުރެވޭނީ އަންހެނުންނަށެވެ.

މެދުމިންކަމަކީ ހައްޤުތަކާއި ވާޖިބުތައް ކަނޑައަޅައި ކަންކަން ހަވާލުކުރުމުގައި ވަކި އަތަކަށްގޮސް ހުސްނުވުމެވެ. ދީލި ކަޑަވުމާއި ނެގި މަޑުވުމުން އެއްކިބާވުމެވެ. މިސާލެއްގެގޮތުން އަންހެނުންގެ ޙައްޤުތަކުގެ މައްސަލަ ނަގަމާތޯއެވެ؟. ކުރީޒަމާނުގައި ބައެއް ޤައުމުތަކުން އަންހެނުންނަކީ އިންސާނުން ކަމަކަށެއްވެސް ޤަބޫލެއްނުކުރެއެވެ. އިންސާނީ ނަސްލުގެ އެންމެ ފަހަތު ސަފުންޖާގަދޭކަށެއްވެސް އެއްބަހެއް ނުވެއެވެ. އަނެއްބަޔަކުވަނީ އަންހެނުން މައްޗަށް ނެގިނެގީނުން އެބައިމީހުންގެ ބޯ އަނބުރައިގަންނަހައި އުހަށް އުފުލައިފައެވެ. އެމީހުންގެ ކިބައިގައި އެކަންކަން އުފުލައިގަތުމުގެ ހަކަތައާއި ބުންވަރު ނެތްކަންތައްތަކެއް އެމީހުންގެ ކޮނޑުގައި އަޅުވައިފައެވެ.

ހަމަ މިމޭރުމުން މަސައްކަތުމީހުންގެ މަސްއަލައާމެދު ވެސް ބަލައިލަމާހިންގަވާށެވެ. ބައެއްނިޒާމުތަކުގައި މަސައްކަތުމީހުންގެ ދަރަޖައަކީ ވާރުންގަނެފައިތިބޭ އަޅުފެމުސްވެރީންގެ ދަރަޖައެވެ. އަނެއްބަޔަކު ދައުވާކުރީ ޙަޤީޤީވެރީންނަކީ މަސައްކަތުމީހުންކަމުގައެވެ. މިގޮތަށް އެދާކޮޅަކަށްގޮސް ހުސްވުމުން ނުވަތަ ދިވެހިވަންތަ ތައުބީރަކުން ދަންނަވާނަމަ ނެގިމަޑުވުމާ އިދީލިކަޑަވުމުން މުޖްތަމައަށް ހައްތާވެސް ލިބެނީ ބޮޑެތި ގެއްލުމެވެ.

އިސްލާމީ ޝަރީޢަތުގެ އިމްތިޔާޒީމޮޅުކަމަކީ ހަޔާތުގެ ކޮންމެ މައިދާނަކާ ގުޅުންހުރި ޤާނޫނުތަކެއްގައިވެސް އަދުލުވެރިކަން ލާޒިމުކުރާ ޝަރުތުތައް ބަރާބަރަށް ހަމަ ކުރާކަމެވެ. ދެއަތުންކުރެ އެއްވެސް އަތަކަށްގޮސްހުސްނުވެ އިންސާނީ ހަޔާތުގެ ނަވުގެ ރިޔަލުގައި ރަނގަޅަށް ވައިއަޅާގޮތަށް އެނގަހިފާކަމެވެ. މެދުމިނުގައި ހިފެހެއްޓުމުގެ ރީތި މިސާލު ޤާއިމުކޮށްފައިވާ ކަމެވެ. ޤިސާސުތަކުގެ ޤާނޫނު ކަމުގައިވިޔަސް ބޮޑެތި ޖަރީމާތަކާ ގުޅުންހުރި ޖިނާއީ ޤާނޫނުތައްކަމުގައިވިޔަސް ވެހެވެ. އިންސާފުން ބަލައިފިނަމަ އެޤާނޫނުތަކަކީ ތަރާދުގެ ދެތަށްޓަށްވެސް އެއްވަރު ޤާނޫނުތަކެކެވެ. ފިޠުރަތުގެ ޤާނޫނާ އެއްގޮތް ޤާނޫނުތަކެކެވެ.

މިހާރަކަށް އައިސް މުސްލިމުންގެ އައިޑީކާޑު ހިފައިގެންތިބެމެ ޙަޤީޤީ މުސްލިމުން ކަމުގައިނުވާ މީހުންނާއި އިސްލާމްދީނާމެދު ފާޅުގައި ހަސަދަވެރިވެގެންއުޅޭ މީހުން ދަޢުވާކުރާގޮތުގައި އިސްލާމީ ޤާނޫނުތަކަކީ ދޮޅުހާސް އަހަރު ކުރީގެ ފުރާނާ ޤާނޫނުތަކެކެވެ. ވޭތުވެގެންމިދާ ދިގު މުއްދަތުގެ ތެރޭގައި ދުނިޔެވަނީ އިޤްތިސާދީ ގޮތުންނާއި، އިޖްތިމާއީގޮތުންނާއި ސިޔާސީގޮތުން އެތައް ބަދަލުތަކެއް ތަޖްރިބާކޮށްފައެވެ. އެތަކެއް އަޑިގުޑަންކަމެއް ދެކެފައެވެ. އިހުގައި ގެރިގާޑިޔަލުގައި ދަތުރުކުރި އިންސާނާ މިހާރު ވައިރޯޅިޔަށްވުރެ ކުރިޔަށް އަރައިގެން އުދުހެމުން ގެންދަނީއެވެ. ފުންކަނޑުތަކުގެ އަޑީގައި ފީނަނީއެވެ. އެހެންވީއިރު އެހައިމުސްކުޅި ޤާނޫނުތަކެއް މިހައިކުރިއަރައިފައިވާ ތަހްޒީބީ ޒަމާނަކަށްފެތޭނީ ކިހިނަކުންހެއްޔެވެ؟. އާދެ، ބައެއް މުލްހިދުންނާއި މުޝްރިކުން މިފަދަ ސުވާލުތަކެއް އުފެއްދި ކަމުގައިވިޔަސް މިޚިޔާލުތަކަކީ ކުށްހީތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ޚިޔާލުތަކެކެވެ. ޙަޤީޤަތުގައި އިންސާނާއާ ގުޅިފައިވަނީ ދެކަމެކެވެ. އެއްކަމަކީ އޭނާގެ ފިތުރަތެވެ. އަނެއްކަމަކީ އޭނާއަށް އޭރަކު ލިބިފައިވާ ވަސީލަތްތަކެވެ. ނުވަތަ ކަންކަން ހާސިލު ކުރުމަށް އޭނާގެ ވަށައިގެން ފެތުރިފައިވާ ޒަރީއާތަކެވެ.

މިރޮނގުން ވިސްނައިފިކުރުހިންގާއިރު ބަދަލު އައިސްފައިވަނީ ސަބަބުތަކާއި ވަސީލަތްތަކަށެވެ. އިންސާނާގެ ފިތުރަތާއި އޭނާގެ އެތެރެފުށުގައިވާ "އިންސާނާ" އަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ތެދެކެވެ. ކައްކާގޮތް ބަދަލުވެއްޖެއެވެ. ކައިއުޅޭގޮތް ތަފާތު ވެއްޖެއެވެ. ނަމަވެސް ހައިހޫނުކަމާއި ފެންބޮވައިގަތުމުގެ އިހްސާސު އޮތީ އަންދުވަހުއްސުރެ ހަމައެއްގޮތަކަށެވެ. އިންސާނާވަނީ ތީރާއި، ކަނޑިއާއި ލޮންސިއާއި ގުރުޒުގެ ބަދަލުގައި އެޓަމްބޮމާއި ނިއުކްލިޔަރ މިސައިލް އީޖާދުކޮށްފައެވެ. ނަމަވެސް ބަދަލުހިފުމަށާއި، ދިފާޢުވުމަށް އިންސާނާ މުހުތާދުވާ ގޮތަކަށް ވެސް އޭނާގެ ހިތްއެދޭ އެދުމަކަށްވެސް ބަދަލެއްނާދެއެވެ. އެކަމުގައި އޭނާގެ ޖަޒުބާތު ކުރީޒަމާނަކާ ފަރަގެއް ނުވެއެވެ. ހަޔާތުގެ ހުރިހާ ދާއިރާތަކެއްގައިވެސް މިކަން އޮތީ މިގޮތަށެވެ.

އިސްލާމީ ޤާނޫނުތަކުގެ ދާއިރާއަކީ ނުވަތަ އެޤާނޫނުތަކުގެ އަމާޒުފަތްގަނޑަކީ އިންސާނީ ފިކުރަތެވެ. އޭނާއަށް ލިބިފައިވާ ވަސީލަތްތަކެއް ނޫނެވެ. އިސްލާމީ ޤާނޫނުތައް އަމާޒުކުރަނީ އިންސާނާގެ ފިޠުރީ ޖަޒުބާތު މަތަކޮށްހިފެހެއްޓުމަށެވެ. އެކަންކަމުގައި މަގު ދެއްކުމަށެވެ. އިސްލާމީ ޤާނޫނު ބުނެދެނީ އަނިޔާވެރިކަން ހުއްޓުވަން ބާރުގެ ބޭނުންކުރުމަށެވެ. އަނިޔާވެރިވާން ބާރުގެ ބޭނުން ނުކުރުމަށެވެ. ނިކަމެތީންނާއި މިސްކީނުންގެ ޖިފުޓިތަކުގެ ވޮށްދިއްލައިދޭން ފައިސާ ހޭދަކުރުމަށެވެ. ތިމާގެ ބޮޑާކަމާއި ކިބުރުވެރިކަން ފާޅުކުރުމަށް މުދާ ހޭދަކުރާކަށެއް ނޫނެވެ. އިންސާނިއްޔަތު ހަލާކުގެތެރެޔަށް ވައްޓައިލާން ވީހައިވެސް ފަސޭހަވާނެހައިގޮތްތަކެއް އީޖާދަކުރާކަށެއްނޫނުވެ. އިންސާނާގެ ވޭންތަކަށް ލުއިލިބޭނެގޮތްތައް ހޯދައިގަތުމަށް އައު އީޖާދުތަކާއި ހޯދުންތައް އަމާޒުކުރުމަށެވެ. ހަޤީޤަތް ހާމަކޮށް ހަމްދަރުދީއާއި ލޯބިފެތުރުމަށްޓަކައި ޚަބަރުފަތުރާ ވަސީލަތްތައް ބޭނުންކުރުމަށެވެ. ދޮގު ޕްރޮޕެގެންޑާތައް ފަތުރައި މީހުންގެ އިއްޒަތުއްނަފުސާއި ކަރާމަތް ނަގައިލައި ފިތުނަ ފަސާދަ އުފައްދަން އެވަސީލަތްތައް ބޭނުން ނުކުރުމަށެވެ.

ކަންމިހެންހުރުމާއެކު އިންސާނާއަށް އައު ވަސީލަތްތައް ލިބި އައުކަންކަން އެނގެމުންދާވަރަކަށް އިންސާނީ ހަޔާތަށް އަންނާންވާނީ ކުލުނުވެރިކަމާއި އޯގާވެރިކަމުގެ ބަދަލުތަކެވެ. އިސްލާމީ ޤާނޫނުތަކުގެ ބޭނުމަކީ އެއަގުތައް ކުރިއެރުވުމެވެ. އެނަޒަރުން ވިސްނައިލުމުން އިސްލާމީ ޤާނޫނުތަކުގެ މުހިންމުކަމާއި ބޭނުންތެރިކަން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިއަދުގެ ދުނިޔޭގައި އިންސާނިއްޔަތަށް ލާބައާއި މަންފާހުރި ކޮންމެ ޤާނޫނަކީ ޙަޤީޤަތުގައި އިސްލާމީ ޤާނޫނު ތަކުގެ ބަގީޗާތަކުން ވަދުހޮވައިފައިވާ ޤާނޫނުތަކެކޭ ދަންނަވާންޖެހޭނީ މިސަބަބާހުރެއެވެ. ޚާއްޞަކޮށް އިޖުތިމާއީ ދާއިރާއާ ގުޅުންހުރި ޤާނޫނުތަކުގައި އިސްލާމީ ޤާނޫނުތަކުން އެހީ ހޯދައިފައިވަނީ ސުމާރެއްނެތްވަރަށެވެ. ޤަބޫލުކުރާންޖެހޭ ޙަޤީޤަތަކީ އިސްލާމީ ޤާނޫނުތަކާއި ޝަރީއަތާ ދުރުހެލިވާން މަސައްކަތް ކުރެވޭ ވަރަކަށް އިންސާނިއްޔަތަށް އުނދަގުލާއިތުރާތައް އިތުރުވަމުންދާކަމެވެ.

އެހެންކަމުން އިސްލާމީ ޤާނޫނުތައް ތަންފީޒުކުރުމަކީ ދުނިޔެއަށް ހުރި ސަރާސަރު ރަހުމަތެކެވެ. އެއީ އެއްވެސް ހާލެއްގައި އިންސާނިއްޔަތަށް ކުރިމަތިވާ ނުރައްކަލެއް ނޫނެވެ. ބުރައެއްވެސް ނޫނެވެ. އެއްވެސް ބަޔަކު ކަންބޮޑުވެގެން އުޅޭންޖެހޭ ކަމެއްނޫނެވެ. އިސްލާމްދީނަކީ ރަހްމަތުގެ ދީނެވެ. އަމަންއަމާންކަމާއި ސަލާމަތުގެ ދީނެވެ. ސަމާޙަތުގެ ދީނެވެ. މުސްލިމުންނަށްޓަކައެވެ. އިސްލާމީ ޤައުމުތަކުގައި ދިރިއުޅޭ ޣައިރު މުސްލިމުންނަށާއި އިސްލާމީ ޤައުމުތަކާ އަވައްޓެރި ޤައުމުތަކަށްޓަކައިވެސްެމެއެވެ.

އިސްލާމްދީނަށާއި އިސްލާމީ މިއްލަތަށް ކުލުނުހުންނަ އެތައްބަޔެއްގެ ހިތުގެ ފުންމިނުން ކުރެވޭ ދުޢާއެކެވެ. އިސްލާމީ ކޮންމެވެސް ޤައުމުތަކަކުން ހަމައެކަނި މާތްﷲގެ ރަސްކަންފުޅު އަދައިގެން މާތްﷲ ގެ ބިމުގައި އެކަލާނގެ ޤާނޫނު ތަންފީޒުކުރާނެ ނަމައެވެ. އެޤާނޫނުތަކުގެ ފުޅާކަމާއި ސަރާސަރުކަމާއެކުގައެވެ. ތަންމިނަށް ހުޅުވާލައިގެންނެވެ. ޙިކުމަތްތެރިކަމާއެކުގައެވެ. ޝައްކެއްނެތް ގޮތުގައި އެކަންވާނީ މުޅިދުނިޔެ ނަމޫނާ އެއްކަމުގައި ބަލާނެކަމަކަށެވެ. މުޅި އިންސާނިއްޔަތު ފިލާވަޅު ލިބިގަންނާނެކަމެއްކަމުގައެވެ. ހަމައެކަނި ހަސަދައާއި ނީހައިން އިސްލާމީ ނިޒާމަށާއި ޝަރީއަތަށް ފާޑުކިޔަން އަނގަ ހުޅުވާ އެތައް ބަޔަކު މަންމަންވެ ދޫބަންދުވާނެކަމެއްކަމުގައެވެ.

ނިމުނީ

ލޯކަ!

ޢަބްދުﷲ ފާރޫޤު ޙަސަނަށް ލައްކަޝުކުރުހުރި! ވަރަށް ފުރިހަމަ! ޝުކުރިއްޔާ!!!